ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ޔުކްރެއިނަށް ދީފި

ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގައި ރަޝިޔާއިން މިހާތަނަށް ދިން އެންމެ ވަރުގަދަ އެއް ޙަމަލާ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔުކްރެއިނަށް ދީފިއެވެ. ވައިގެ މަގުން ދިން މި ޙަމަލާގައި ގިނަ ޢަދަދެއްގެ ޑްރޯންއާއި ބެލިސްޓިކް މިސައިލް ރަޝިޔާއިން ބޭނުން ކޮށްފައިވެއެވެ. އެ ޙަމަލާގައި ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު 15 މީހުންނަށް ޒަޚަމްވެފައިވެއެވެ.

ޔުކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވީ ޔުކްރެއިނުން އުނދަގޫ ރެއަކާ ކުރިމަތިލާފައިވާ ކަމަށެވެ. ރަޝިޔާގެ ޙަމަލާތަކުގެ ސަބަބުން ޞުލްޙަ ޤާއިމު ކުރުމަށް އޮތް ހުރަހަކީ ރަޝިޔާކަން މުޅި ދުނިޔެއަށް ހާމަވެގެންދާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އަދި ރަޝިޔާގެ ވަކިވަކި ދާއިރާތަކާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅައިގެން ނޫނީ އެ ޤައުމުން ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔުކްރެއިންގެ ވެރިރަށް ކީޔީވްގެ ހަ ޑިސްޓްރިކްޓަކަށް ރަޝިޔާއިން ވަނީ ޙަމަލާ ދީފައިވެއެވެ. ޔުކްރެއިންގެ ވައިގެ ސިފައިން ބުނީ ރަޝިޔާއިން ދިން ޙަމަލާތަކުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކަށް 14 ބެލިސްޓިކް މިސައިލް ފޮނުވާފައިވާ ކަމަށެވެ. އޭގެ އިތުރުން ދުރު ރާސްތާއަށް ދަތުރުކުރާ 250 ޑްރޯން ޔުކްރެއިނާ ދެކޮޅަށް ފޮނުވާފައިވާ ކަމަށް ވެސް ވައިގެ އަސްކަރިއްޔާއިން ބުނެއެވެ. ޙަމަލާތަކުގައި ޒަޚަމްވި 15 މީހުންގެ ތެރެއިން 3 މީހުން ހަސްފަތާލުގައި އެނދުމަތި ކޮށްފައިވާއިރު ޒަޚަމްވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ. އެ ޙަމަލާއަކީ ހަނގުރާމައިގައި މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ މިސައިލް އަދި ޑްރޯން ޙަމަލާގެ ގޮތުގައި އިދާރާތަކުން ވަނީ ސިފަ ކުރެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *