މި އަހަރުގެ ބޮޑު އީދު ދުވަހާ ގުޅިގެން އިތުރު ދުވަހެއް ބަންދު ނުކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ހައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ ފަސްވަނަ ދުވަހަށް ކަމަށް ސައުދީ އަރަބިއްޔާ އިން ކަނޑައަޅާފައިވާތީ ހައްޖު ދުވަހާއި އަލްހާ އީދާ ގުޅިގެން ބަންދުވާނީ މިހާރުވެސް ކަލަންޑަރުގައި ބަންދު ކަމަށް ކަނޑައަޅާފައިވާ ދުވަސްތައް ކަމަށެވެ.
ކަލަންޑަރުގައިވާ ގޮތުން އީދަށް ބަންދު ވަނީ ޖޫން މަހުގެ ނުވައެއްގެ ނިޔަލަށެވެ. އެހެންކަމުން އެ ހަފުތާގެ އަންގާރައިގައި ސަރުކާރުގެ އޮފީސްތައް ހުޅުވާނެއެވެ.
އާންމު ގޮތެއްގައި ޢީދު ބަންދު ހަފުތާގެ މެދުން ނިމޭ ނަމަ އެ ހަފުތާގެ ބާކީ ބައި ސަރުކާރުން ބަންދު ކުރެއެވެ.
އެހެންވެ، މި ފަހަރު ވެސް ގިނަ ބަޔަކު މީސްމީޑިއާގައި ވެސް އައީ ސަރުކާރުން މި ޢީދުގެ ބޮޑުބައި ބަންދުކުރާނެ ކަމަށް ބުނަމުންނެވެ. ބޮޑު ޢީދު ބަންދަކީ ގިނަ ބަޔަކު އެކި ރަށްރަށަށް ދަތުރުކުރާ ދުވަސްވަރެކެވެ.
ސަރުކާރުން ވަނީ މި ފަހަރު ގައުމީ ފެންވަރުގައި ތިން ރަށެއްގައި ޢީދު ފާހަގަކުރަން ނިންމައިފައެވެ. އެ ރަށްތަކަކީ، ތިލަދުންމަތީ އުތުރުބުރީ ކެލާ, މާލެ އަތޮޅު ގުރައިދޫ, އަދި ހައްދުންމަތީ ގަމެވެ.
