ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކޮށްގެން ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން މާލެ ސަރަޙައްދުގައި ގައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރުމަށް ނިންމަވައިފިއެވެ.
އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމަށް، "ޢީދުހަވީރު 1446″ގެ ނަމުގައި ކުލަގަދަ ހަރަކާތްތަކެއް 3 ދުވަސް ވަންދެން ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.
އެންމެހާ ދިވެހިން ޢީދުގެ އުފާ ފާޅުކުރުމަށް މަގުފަހިކޮށްދެއްވުމަކީ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތުކަމެެއް ދެއްވާކަމެކެވެ. 1446ވަނަ އަހަރުގެ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި "ޢީދުހަވީރު 1446″ގެ ގައުމީ ހަރަކާތްތައް ކުރިއަށްގެންދަން ނިންމަވާފައިވާ އިރު، ތިން ދުވަހުވެސް ޢީދުގެ ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00އިން 18:00އަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް، ރޭގަނޑު 20:30އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހަރަކާތްތައް އިންތިޒާމްކޮށްފައި ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށެވެ. އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ވަނީ ހިމަނާފައެވެ. އެގޮތުން، ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމްތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން، ހަމައެހެންމެ ކުޑަކުދިން ގަޔާވާނެ އެކިކަހަލަ ކަންކަން ހިމަނައިގެންނެވެ.
