242 މީހުންނާ އެކު އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ވެއްޓިއްޖެ

އެއަރ އިންޑިޔާގެ މަތިންދާބޯޓެއް އިންޑިޔާގެ ހުޅަނގު ގުޖްރާތު ސްޓޭޓްގެ އަޙްމަދްއާބާދް ކައިރިއަށް ވެއްޓިއްޖެއެވެ. ވެއްޓިފައި ވަނީ 242 މީހުންނާ އެކު އަޙްމަދްއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ދަތުރު ކުރަމުން ދިޔަ މަތިންދާބޯޓެކެވެ. އަޙްމަދުއާބާދް ވައިގެ ބަނދަރު ކައިރީގައި އޮންނަ މޭގާނީނަގަރް ކިޔާ ސަރަޙައްދަކަށް މަތިންދާބޯޓު ވެއްޓިފައި ވަނީ، އަޙްމަދްއާބާދުގެ ވައިގެ ބަނދަރުން އުދުއްސައިލިތާ ކުޑަ ވަގުތު ކޮޅެއް ފަހުންނެވެ.

މި ހާދިސާގައި ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށް އިންޑިޔާއިން ސަރުކާރުން ބުނެފައިވެއެވެ. މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިން ހިމެނެއެވެ. މަތިންދާބޯޓުން ދަތުރުކޮށްފައި ވަނީ އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިޞްބަތްވާ މީހެއް ކަމަށް އެއަރ އިންޑިޔާއިން ބުނެއެވެ.

ބޯޓު ވެއްޓުނު ސަރަހައްދުން ކަޅު ދުން އަރާތަން ފެންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

އޮންލައިން ފްލައިޓް ޓްރެކަރުން ދައްކާ ގޮތުގައި އެ ބޯޓަކީ އަހުމަދުއާބާދުގެ ސަރްދާރު ވައްލަބްބައި ޕަޓޭލް އިންޓަނޭޝަނަލް އެއާޕޯޓުން ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދިއުމަށް އިންޑިއާ ގަޑިން މެންދުރު 1:10 ހާއިރު ނައްޓާލި ފްލައިޓެކެވެ.

ބޯޓު ވެއްޓުމާ ގުޅިގެން އެމަޖެންސީ ޚިދުމަތްދެ އިދާރާތަކުން އެ ސަރަހައްދަށް ގޮސްފައިވާއިރު އޭގެ ތެރޭގައި ހަތް ފަޔާ އިންޖީނު ވެސް ހިމެނެއެވެ.

އިންޑިޔާގައި އެންމެ ފަހުން ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވެއްޓިފައި ވަނީ 2020 ވަނަ އަހަރުއެވެ. އެ ފަހަރު ވެއްޓިފައި ވަނީ އެއަރ އިންޑިޔާ އެކްސްޕްރެސްގެ މަތިންދާބޯޓެކެވެ. އެއީ އެއަރ އިންޑިޔާގެ ބަޖެޓު އެއަރލައިނެވެ. އިންޑިޔާގެ ކެރަލާގެ ކާރީޕޫރަށް އެ މަތިންދާބޯޓު ވެއްޓި 21 މީހުން މަރުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *