އީމާންކަމުގަ ސާބިތުވުމަށް މަސައްކަތްކުރަން އޮތްމަގު

ފުރިހަމަ އީމާންތެރިއަކަށްވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ﷲ ތައާލާގެ މަގުގައި ފުރިހަމައަށް ސާބިތުވުމެވެ. ކޮންމެ ކަމެއްގައިވެސް ﷲ ތަޢާލާއަށް ވަކީލުކުރުމާއިއެކު ﷲ ތައާލާއަށް އެންމެ ފުރިހަމަ ގޮތުގައި އިތުބާރުކުރުމެވެ.

އެންމެ ގިނަ ބައަކު އީމާންކަމުގައި މިއަދު ފޭލްވަމުންދަނީ ކުރިމަތިވާ ކަންކަމާއި ގުޅިގެން ﷲ ތައާލާއަށް އިތުބާރުނުކުރެވޭތީއެވެ. ވަކީލްނުކުރެވޭތީއެވެ. މާމޮޅު ގޮތްތައް މެދުވެރިވެދާނެކަމަށް ޝައިޠޯނާގެ ބަސް ޤަބޫލުކުރެވޭތީއެވެ! އެކަންކަމުން އެނގިގެންދަނީ އެމީހާގެ ކިބައިގައި ފުރިހަމައަށް އީމާންތެރިކަން ނެތްކަމެވެ.

ކިތަންމެ ދަތި ހާލަތެއް މެދުވެރިވި ނަމަވެސް، ކިތަންމެ ބޮޑު ތަކްލީފެއް އުފުލަން ޖެހުނު ނަމަވެސް އެކަން ކުރިމަތިވީ ކީއްވެގެންކަމާއިމެދު ސުވާލުނުކުރާށެވެ! އެސުވާލުކުރުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ! ފުރިހަމައަށް އީމާންވެގެން ހުންނަ މީހާގެ ހިތުގައި އެ ސުވާލު ނުވެސް އުފެދޭނެއެވެ.

މީހެއްގެ ކިބައި ހުންނާނެ އެންމެ ރިވެތި ސިފައަކީ އެމީހާގެ ކިބައިގައި ފުރިހަމައަށް އީމާންކަން ހަރުލާފައި ހުރުމެވެ. ފުރިހަމަ އީމާންތެރިއަކަށްވުމަށް އިސްލާމް ދީނުގެ ހުރިހާކަންކަން އެންމެ ފުރިހއަމައަށް އެނގުން ވާޖިބެއް ނޫނެނެވެ. ކޮންމެ މުސްލިމަކަށް އެނގުން ލާޒިމު މިންވަރަށް އެނގި އެކަންކަން ހިތުގެ އަޑީން ޔަޤީންކޮށް ޢަމަލުކުރުމުން ވެސް އެވަނީ އީމާންތެރިއަކަށްވެވިފައެވެ.

ހަމައެއާއިއެކު މީހުންކުރާ ހުރިހާ ސުވާލުތަކަށް ޖަވާބުދޭން މަސައްކަތްނުކުރާށެވެ! އެނގޭ މިންވަރަކުން ބަސްބުނާށެވެ! ނުއެނގޭކަންކަމުގައި އެނގޭ މީހުންގެ ކިބައިން އޮޅުންފިލުވައިގެން ބަސްބުނާށެވެ! ނުއެނގޭކަމެއްގެވާހަކަ ދައްކަންކަން އުޅެގެން ނުބައި މައުލޫމާތެއް ފޯރުކޮށްދެވިއްޖެނަމަ އެކުރެވުނީ ހިތާމަކުރަންޖެހިދާނެ ކަމެކެވެ.

– އިސްލާމީ ތިލަފަތުގެ ދަރުސަކުން

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *