ދަރިން ލިބި ދަރިންނަށް ލޯބިދީގެން އެކުގައި ދެމަފިރިން އުޅެންޖެހޭ ދުވަހު އަނބިމީހާއާ ދަރިން އުކައިލާފަ ރީތި ޒުވާން އަނބިން ހޯދީމާ ދިރިއުޅުން ބަނގުރޫޓުވުމުން ވިސްނިއްޖެކަމަށްބުނެ ފަހަތުން ދުވާ މީހުން ދަނީ ގިނަވަމުންނެވެ. މިއީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ.
އެގޮތަށް ކަންކަން ކުރާ ފިރިންނަށް އަދި އަނިޔާ ލިބޭ އަނބިންނަށްވެސް ޢިބްރަތެއްގެ ގޮތުން މިގެނެސްދެނީ އެފަދަ ހިތްދަތިކަމެއް ތަޖުރިބާކުރަންޖެހުނު ދެމަފިރިއެއްގެ ވާހަކައެވެ.
ކޮންމެ ދެމަފިރިއެކޭ އެއްގޮތަށް އަޅުގަނޑުމެން ދެމަފިރިންވެސް ކައިވެނިކުރީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. އެއީ އުފަލުގައި ދުނިޔޭގައި އުޅުމާއި ޢުމުރު ދުވަހު އެކުގައި އުޅުމާއި އަދި ޤިޔާމަތް ދުވަހު އެކުގައި ސުވަރުގޭގައި ވުމެވެ.
ކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލެއްވެވިއެވެ. ފިރިމީހާ ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވިއެވެ. ކައިވެނިކުރިއިރު ފިރިމީހާއަކީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ސްޕަވައިޒަރެކެވެ. ކައިވެންޏަށް 3 ވަނަ އަހަރު ނިމުނުއިރު ހިންގަމުން އައީ އަމިއްލަކުންފުންޏެކެވެ. ތަނެއްގެ މުވައްޒިފެއް ނޫނެވެ. އަމިއްލަ ވެރިއެކެވެ.
ކޮންމެއަކަސް ކައިވެންޏަށް 8 ވަނަ އަހަރު ފެށުނުއިރު 4 ދަރިން ވަނީ ލިބިފައެވެ. ދިރިއުޅެމުން ދިއައީ ތަނަވަސްކަމުގައެވެ. ކުއްލިއަކަށް ފިރިމީހާ ބަދަލުވާން ފަށައިފިއެވެ. ގެއަށް ނިދަން އައުން ލަސްވާން ފަށައިފިއެވެ. ދަރިންނާއި އަޅުގަނޑާއިމެދު ފަރުވާކުޑަކުރަން ފަށައިފިއެވެ.
ފިރިމީހާގެ ބަސްމަގު ވަރަށް ރީއްޗެވެ. ހިންގާ މަޝްރޫޢުތައް ގިނަވެފައި އަވަހަށް ނިންމަންޖެހޭތީ ހަމަ މަސައްކަތްބުރައީއެވެ. ދެކޮޅަކަށް ބަހެއް ނުބުނަމެވެ. ކެތްތެރިވެލައިގެން އިނީއެވެ. އެހެން އިންދާ އަޑުއިވުނީ ކުންފުނީގެ މުވައްޒިފުންނަށް މުސާރަ ނުދެވިގެން ހަޅުތާލުކުރާ ވާހަކައެވެ. އެދުވަހު މަސައްކަތް ނުކުރާ ވާހަކައެވެ.
އެރޭ ގެއަށް އައުމުން ފުރަތަމަ ފަހަރަށް ތަފާތު ސުވާލުތައް ކުރީމެވެ. އެހައި މަސައްކަތްބުރަވެގެން އަނބިދަރިންނާއި އަޅައިނުލެވޭއިރު ކުރި ބުރަމަސައްކަތުން ލިބުނު ފައިސާ އެޅީ ކޮންތަނަކަށްތޯ ސުވާލުކުރީމެވެ.
ފިރިމީހާ ބުނީ އަޅުގަނޑު ބޭކާރުވާހަކަދައްކައި ބޯގޮއްވަނީ ކަމަށެވެ. އަދި ބޭނުންނަމަ ވަރިވެގެން ދެވިދާނެ ކަމަށެވެ. އެހިސާބުން އަޅުގަނޑު ވާހަކަދެއްކުން އެވަގުތު ހުއްޓައިލީއެވެ. ނަމަވެސް އެއިގެ ކުޑަދުވަސްކޮޅެއްފަހުން އެނގުނީ ޒުވާން އަނތްބަކު އިންނަ ކަމާއި ފައިސާ ނެތިގެން މިއުޅެނީ އޭނާގެ ކައިވެނީގެ ރަނަކަށް ގެއެއް ގަނެދިނުމުން ކަމެވެ.
އެއިރު އަޅުގަނޑުގެ ޢުމުރަކީ 36 އަހަރެވެ. އަޅުގަނޑު ނިންމީ ފިރިމީހާ އާއި ވަކިވުމަށެވެ. އެހެންވެ ވަރިކޮށްފައި ކުދިންނާއިއެކު ރަށަށް ފޮނުވައިދޭން އެދުމުން އެކަންކޮށްދިނެވެ.
ރަށަށް ދިއަތާ މާގިނަ ދުވަސްތަކެއް ނުވަނީސް ބައްދަލުވި ފިރިހެނަކާއި ކައިވެނިކުރީމެވެ. އޭނާއަކީ އަނބިމަރުވެފައިހުރި މީހެކެވެ. ދިރިއުޅެން ކުރާ މަސައްކަތަކީ ކުޑަ ފިހާރައެއް ހިންގުމެވެ. ކައިވެންޏަށް 2 އަހަރުވެސް ނުވަނީސް ﷲ ގެ ރަޙްމަތްފުޅުން ރަށުގައި ހުރި އެންމެ ބޮޑު އެއް ފިހާރައަކީ އޭނާގެ ފިހާރަކަމަށްވިއެވެ.
ކޮންމެއަކަސް ރަށަށް ދިއަތާ 3 އަހަރުވީފަހުން ފުރަތަމަ ފަހަރަށް ފިރިމީހާ ފޯނުކުރިއެވެ. ރޮމުން ކިޔައިދިނެވެ. "ކުންފުނި ބަނގުރޫޓުވެ ސަލާމަތްނުވެވިގެން ގެވެސް ވިއްކާލައިފީމެވެ. އަދިވެސް 2،3 މިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ. ހަގު އަނބިމީހާއަށް ޚަރަދުނުކުރެވޭތީ އެގެއިން (އޭނައަށް އަހަރެން ގަނެދިން ގެއިން) ވެސް ބޭރުކޮށްލައިފިއެވެ. މިހާރު މިއުޅެނީ ތިމާގެ މީހެއްގެ ގޭގައެވެ. ބޭނުމީ އަލުން ދެމީހުން ކައިވެނިކުރާށެވެ! އެކުގައި ދިރިއުޅެން ރަށަށް އަންނަންވެސް މިހުރީ ތައްޔާރަށެވެ!"
އަޅުގަނޑު ބުނީމެވެ. "ތިއަ ދިމާވި ކަންކަމަށްޓަކާ ހިތާމަކުރަމެވެ. ޒުވާން އަންހެންކުއްޖަކު ފެނުމުން ތަޅައި ތިއަ ހުސްކޮށްލީ ދަރިންގެ މުސްތަޤްބަލެވެ. ނުވިތާކަށް އެދަރިންގެ ބޮލުގައި ތިއަ އެޅުވީ ބޮޑު ދަރަންޏެކެވެ. އެކަންކަން ބަހައްޓާށެވެ. ރަނގަޅު ގޮތަކަށް ﷲ ހުރިހާ ކަންކަންވެސް ނިންމަވާނެތެވެ. އަހަރެންނަކީ މިއަދު އަހަރެން ދެކެ ވަރަށް ލޯބިވާ އަދި 4 ދަރިންނަށްވެސް ވަރަށް ހެޔޮ މީހެއްގެ އަނތްބެކެވެ. އަލުން ތަނަވަސްކަން ލިބި ފައިސާމަތީގައި އުދުހުނު ނަމަވެސް ދެން އަލުން ކަލެއާއި ކައިވެނިކުރާކަށް ނެތީމެވެ. ނަމަވެސް ހެޔޮ ދުޢާކޮށްދޭނަމެވެ. ދަރިންގެ ބައްޕަކަމަށްވާތީއެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް ޚާއްޞަކޮށް ފިރިންނަށް ބުނެލަން ބޭނުންވަނީ އަނބިންނަށް ދޮގު ހެދިދާނެއެވެ. މަކަރުހެދިދާނެއެވެ. ހިތުގައި ޖެއްސިދާނެއެވެ. ނަމަވެސް އިންސާނުން ކުރާ ކޮންމެ ކަމެއްވެސް ދެކެވޮޑިގެންވާ އަދި ދުލުން ބުނާ ކޮންމެ ބަހެއްވެސް އައްސަވައިވޮޑިގެންވާ ކަލަކުވެއެވެ. އެކަލާނގެއަށް ހަމަ އެއްވެސް ކަމެއް އޮޅުވައެއް ނުލެވޭނެއެވެ. ވަގުތު ޖެހުމުން ހިއްޕަވާނެއެވެ.
ބޭނުން ނެތިއްޔާ އޮޅުވާލައި ދޮގުތައް ނުހަދާ އަވަހަށް ދޫކޮށްލާށެވެ. އެއިރުން އެކަމުން ލިބެންވާ ޢަޛާބެއް ނުލިބޭނެއެވެ.
އަނބިންނަށް ބުނެލަން ބޭނުންވަނީ އަނިޔާލިބޭ ޙާލުގައިވެސް މާލޭގައި ދިރިއުޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދެކިގެން އަޅުވެތިވެގެން ތިބުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ރަށުގައިވެސް ހަމަ އުފަލުގައި ދިރިއުޅެވޭނެ މަގުތައް ބައިވަރެވެ.
އިތުރަށް ބުނެލަން އޮތީ ވަރަށް ގިނައިން އެހެންވެސް ކިޔުންތެރިން ބުނާ ވާހަކައެކެވެ. އެއީ ކޮންމެ ޙާލަތެއްގައިވެސް ކެތްތެރިވެ ދުޢާކުރާ މީހާގެ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވާނެކަން އަލުގަނޑުވެސް ތަޖުރިބާކޮށްފީމެވެ. ފިރިމީހާ ކިތަންމެ ގޯސްވިނަމަވެސް އެއީ ބަހަނާއަކަށް ހަދައި މަގުން ކައްސައިނުލާށެވެ! އެއިރުން ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ. އަޅުގަނޑަށް މިކުރެވުނީ ހަމައެކަމުގެ ތަޖުރިބާއެވެ!
– އަނީސާ