ރާއްޖޭގެ އަންހެން ނެޓްބޯޅަ ޓީމު ފައިނަލަށް

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ޒުވާން ނެޓްބޯޅަ ޓީމު ދަތުރުކޮށްފިއެވެ.

އެކާވީސް އަހަރުން ދަށުގެ މި މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ މިއަދު ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގައި ޗައިނީސް ޓައިޕޭއާ ވާދަކޮށް ފަސޭހަކަމާއެކު 61-39 ޕޮއިންޓުންނެވެ.

މި މުބާރާތުގައި ރާއްޖެ ވާދަކުރަމުން ދަނީ "ޕްލޭޓް ކެޓަގަރީގަ" އެވެ. އަދި މި ކެޓެގަރީގައި ރާއްޖެ ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ހަތަރު މެޗުން މޮޅުވެ، ދެވަނަ ޓީމުގެ ގޮތުގައެވެ.

ލީގުގެ ފުރަތަމަ މެޗުގައި ރާއްޖެ ވަނީ ސެމީ ޗައިނީސް ޓައިޕޭ 51-26 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ ޖަޕާނާ އެވެ. 59-32 ގެ ނަތީޖާއަކުން ރާއްޖެ މޮޅުވިއެވެ.

ތިންވަނަ މެޗުގައި 73-20 އިން ސައުދީ އަރަބިއްޔާ ބަލިކޮށްފައެވެ. ހަތަރުވަނަ މެޗުގައި 129-04 ގެ ނަތީޖާއަކުން ދެކުނު ކޮރެއާ ބަލިކުރި އެވެ. އަދި އެންމެ ފަހު މެޗުން ޕާކިސްތާނާ ކުޅެ 49-39 އިން ބަލިވިއެވެ. މުބާރާތުގެ ފައިނަލުގައި ރާއްޖެއިން ކުޅެން ޖެހޭނީ ޕާކިސްތާނާއެވެ. މުބާރާތުގެ ފައިނަލަށް ޕާކިސްތާނު ދަތުރުކުރީ ސެމީގައި ޖަޕާން ބަލިކޮށްގެންނެވެ. އެއީ 64-39 ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ސްޓޭޖުގެ ރޭންކިންގައި ޕާކިސްތާނަށް 10 ޕޮއިންޓް ލިބުނުއިރު، ރާއްޖެއަށް ވަނީ 8 ޕޮއިންޓު ލިބިފައެވެ. ތިންވަނައިގައި އޮތް ޗައިނީސް ޓައިޕޭއަށް ހަ ޕޮއިންޓް، އަދި ޖަޕާނަށް ހަތަރު ޕޮއިންޓް ވަނީ ލިބިފައެވެ. ސައުދީ އަރަބިއްޔާއަށް ދެ ޕޮއިންޓް އަދި ދެކުނު ކޮރެއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިއީ ރާއްޖޭގެ ނެޓްބޯޅައިގައި ބޮޑު ކާމިޔާބީއެކެވެ. އަދި ޒުވާން ނެޓްބޯޅަ ޓީމަކުން މިހާތަނަށް ނެރުނު އެންމެ ރަނގަޅު އެއް ނަތީޖާއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *