ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުން 1 ވަނަ އަހްމަދިއްޔާ

ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ 1 ވަނަ ސްކޫލަކަށް އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ހޮވިއްޖެއެވެ. އަދި މި މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން 1 ވަނަ ސްކޫލަކަށްވެސް ހޮވުނީވެސް އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ.

ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، ބޭއްވީ ރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ޝަރަފުވެރި ކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގައި، ޖަމުޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލާ އެމަނިކުފާނަށް ވަނީ އަރުވާފައެވެ. އަދި މުޅި މުބާރާތުން ވަނަވަނައަށް އައި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މުޅި މުބާރާތުން ނުބަލައި ކިޔުމުގެ ގޮފިން 1 ވަނަ ހޯދީ، އަހްމަދިއްޔާގެ އުވައިސް ބިން އިނާޒެވެ.

ޖަމުޢިއްޔަތުލް ފަލާޙަކީ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމާއި، ތަޢުލީމު އުނގަންނައިދިނުމުގެ ފަޚުރުވެރި ތާރީޚެއް އޮންނަ ޖަމުޢިއްޔާއެކެވެ. ފަލާޙް ޕްރީސްކޫލާއި ފަލާޙް ޤުރުއާން ކުލާސްވެސް ހިންގާ މި ޖަމުޢިއްޔާއިން ހިންގާ ޤުރުއާން މުބާރާތަކީ ދިވެހިރާއްޖޭގައި، މެދުކެނޑުމެއް ނެތި ބާއްވަމުންއަންނަ އެންމެ ގިނަދުވަސްވީ ޤުރުއާން މުބާރާތެވެ.

ކީރިތި ޤުރުއާނުގެ ޢިލްމާއި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން މި ހިނގާ ޖުލައި މަހުން ފެށިގެން، ރާއްޖޭގައި ޙާފިޒުންނަށް ދޭ އެލަވަންސް ވަނީ ދެ ގުނައަށް އިތުރުކުރައްވާފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާއި ޤުރުއާން ކިޔެވުމުގެ ފަންނު ކުރިއެރުވުމަށް މާލީ ތަނަވަސްކަން ދެމެހެއްޓެނި ގޮތެއްގައި ލިބެމުންދާނޭ މަގު ފަހިކުރުމުގެ ގޮތުން، ވަޤުފް ޢިމާރާތްތައް ބިނާކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *