ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަމަށް ވާދަކުރެއްވުމަށް، އެފްއޭއެމްގެ މެންބަރު 23 ކުލަބެއްގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ޠާރިޤު (ޓޮމް) ކުރިމަތިލައްވައިފިއެވެ.
އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރެއްވުމަށް ޓޮމް ކުރިމަތިލައްވާފައިވަނީ ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ގާއިމުކޮށް، އެ ރީޖަންތަކަށް އެފްއޭއެމްގެ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާ އެކުގައެވެ. މި އިންތިޚާބުގައި ޓޮމްގެ އެގްޒެކެޓިވް ކޮމިޓީގައި 11 މެންބަރުން ހިމެނޭއިރު، އޭގެ ތެރޭގައި ދެ އަންހެން މެންބަރުންނާއި ކުރީގެ ގައުމީ ޓީމު ކުޅުންތެރިން ހިމެނެއެވެ.
އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވުމަށް މިއަދު ފޯމު ހުށަހެޅުއްވުމަށްފަހު މީޑިއާއާއި ބައްދަލުކުރައްވާ ޠާރިޤް ވިދާޅުވީ އިންތިހާބަށް ނިކުންނެވީ އެފްއޭއެމް މާލީގޮތުންނާ އެހެނިހެން ގޮތްގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމުގެ އުންމީދުގައި ކަމަަށެވެ. އަދި އެގްޒެކެޓިވް ކޮމިޓީއެއް އެކުލަވާލާ ކަންކަން ރަނގަޅު ކުރުމުގެ ޕްލޭނެއް އެކުލަވާލައިގެން މަސައްކަތް ފައްޓަވާނެ ކަމަށެވެ.
ތޯރިގު ވިދާޅުވީ އެފްއޭއެމްގެ އަސާސީ ގަވާއިދު މިފަހަރު ފާސްވިއިރު އެމާއްދާތައް ނުލުމަށް ފީފާއިން އިއުތިރާޒު ކުރިކަމަށާއި މީގެ ކުރިންވެސް ފުޓްބޯޅަ އެސޯސިއޭޝަނަށް ޒޯންތަކެއް ހަދާފަ އެސޯސިއޭޝަންތަކެއް ހަދާފަ އެކަންކަން އޮތީ ތަންފީޒު ނުކުރެވިކަމަށްވާތީ ފީފާއިން އެދުނީ އެތަންތަން ހެދުމަށްފަހު ހުއްދައަށް އެދުމަށް ކަމަށެވެ.
އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ފީފާއިން ނޯމަލައިޒްކޮށްފައިވާ އެފްއޭއެމްގެ ފުރަތަމަ އިންތިޚާބެވެ. ކުރިން ދެ ފަހަރެއްގެ މަތިން އިންތިޚާބު ފަސްވެފައިވާއިރު، ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ހިޔާނާތާއި ހިންގުމުގެ މައްސަލަތަކާ ގުޅިގެން ސަސްޕެންޑް ކުރެވިފައެވެ.
