އިންޑިއާގެ ލޯނު އެހީގެ ދަށުން އިމާރާތްކުރި ގެދޮރުވެރިޔާގެ 4،000 ފުލެޓް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފިއެވެ.
އެ ފުލެޓުތައް ދިވެހި ސަރުކާރާ ހަވާލުކުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އިންޑިއާގެ ފަރާތުން އެ ފުލެޓުތައް ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ މޯދީއެވެ. އަދި ރާއްޖޭގެ ފަރާތުން ފުލެޓުތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ މަސައްކަތް ފަށާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ. އެ ފުލެޓުތައް އިމާރާތްކުރުމުގެ މަސައްކަތްކުރީ އިންޑިއާގެ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީ) އާއި ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިންނެވެ.
އެއިން ކޮންމެ ކުންފުންޏަކުން ވަނީ 2،000 ފްލެޓް އަޅައިފައެވެ.
މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ ތެރެއިން 16 ޓަވަރު އެންބީސީސީން ކުރާ އިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. ކޮންމެ ކުންފުންޏަކުން ވެސް ކުރިއަށް ގެންދަނީ 2،000 ފްލެޓުގެ މަސައްކަތެވެ.
މި ޓަވަރުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ 2800 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 1200 އެޕާޓްމެންޓެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 650 އަކަފޫޓްގެ ޔުނިޓްތަކެވެ. ތިން ކޮޓަރިއަކީ 900 އަކަފޫޓުގެ އެޕާޓްމަންޓްތަކެވެ. މިއީ ޖާގަ ތަނަވަސް އެޕާޓްމެންޓްތަކަށް ވާއިރު، އެފްޑީސީން ވިދާޅުވީ އާންމުންނަށް ފެލްޓްތައް ހަވާލުކޮށް، މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކޮންމެ އިމާރާތެއްގަައިވެސް އަސާސީ ޚިދުމަތްތަައް ލިބޭނެ ކަމަށެވެ.
ގެދޮރުވެރިޔާ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 227 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫއުއެކެވެ.
