ޙަޤީޤީ ޙާދިސާ: އަލަށް ކައިވެނިކުރި އަންހެނަކަށް ފިރިމީހާގެ ހަގީގަތް އެނގުމުން ވައްޓާލީ "ހޫނުފެނަށް"

އަޅުގަނޑު ވަރަށް ހަގު އުމުރުގައި ފިރިހެނަކު ދެކެ ވަރަށް ބޮޑަށް ލޯބިވީމެވެ. ތެދަށް ބުނާނަމަ އުމުރުން 14 އަހަރުން ފެށިގެންނެވެ. އެއީ އަޅުގަނޑުގެ އަވަށްޓެރިއެއްވެސް މެއެވެ. އެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެވެސްމެއެވެ. ނަމަވެސް އުޅެނީ ވަރަށް ދުރުދުރުންނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އަޅުގަނޑުގެ އުމުރުން 27 ވަނަ އަހަރު އޭނާ އަޅުގަނޑާއި ބައްދަލުކޮށް ކައިވެނިކުރަން އެދުނެވެ. އެއީ 2 ދަރިން ލިބުނުފަހުން ދަރިންކޮޅު ދީފައި އަނބިމީހާ ވަރިވެގެން ދިއުމުންނެވެ. އޭނާ ކުށްވެރިކުރީ އަނބިމީހާއެވެ.

ލޯތްބަކީ ލޯކަނު އެއްޗެއްކަމަށް ބުނާ އުޞޫލުން އަޅުގަނޑަށް އޭނާ ދެއްކި ވާހަކަތައް ޤަބޫލުކުރެވުނެވެ. އަލަށް ހުރެ ދެދަރިންގެ ދޮންމަންމައަކަށްވާން ލަދެއްވެސް ނުގަނެވުނެވެ. ކައިވެނިކުރަން ބައިވަރުމީހުން އެދިއެދި ތިއްބައިވެސް ކައިވެނިކުރެވުނީ އޭނާ އާއިއެވެ.

ކައިވެނީގެ ކުރީކޮޅު ވަރަށް ރަނގަޅެވެ. ބޭނުންވާހައިކަމެއް ކޮށްދިނެވެ. ވަޒީފާ ދޫކޮށްލަންވެސް ބުންޏެވެ. ނަމަވެސް އެކަން އަޅުގަނޑު ނުކުރަމެވެ. އެއީ އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑުކުރާ މަސައްކަތުން ދިރިއުޅެން ބޭނުންވާ އަންހެނަކަށްވާތީއެވެ. އެހެން އިބާރާތަކުން ބުނާނަމަ މާލީ ގޮތުން ފިރިމީހާއަށް އަޅުވެތިނުވެ ދިރިއުޅެން ބޭނުންވާ އަންހެނަކަށްވާތީއެވެ.

ދެވަނަ ދަރިފުޅަށް ބަލިވެ އިންތަނާ ފިރިމީހާގެ ޙަޤީޤީ ކުލަ ފެންނަން ފަށައިފިއެވެ. ބިޒީކަން ބޮޑުވެއްޖެއެވެ. ގެއަށް އާދެވުންވެސް މަދުވެއްޖެއެވެ. ކުރިން އޭނާގެ ދަރިން ސްކޫލަށް ގެންގޮސް ގެނެސްދެއެވެ. އެކަންވެސް ފަހުން ހުއްޓި އަޅުގަނޑުގެ ބަނޑާއިއެކު ނުއުފުލޭނެ ވަރުގެ ބުރައަކަށް ވެއްޖެއެވެ.

އަނގައިން ބަހެއް ބުނާއިރަށް ދައްކަނީ މަސައްކަތްބުރަ ވާހަކައެވެ. ގިނަ ފައިސާ ހޯދަންޖެހޭ ވާހަކައެވެ. ފައިސާ ގިނައިން ހޯދިނަމަވެސް ގެއަށްކުރާ ޚަރަދު އައީ މަދުވަމުންނެވެ. ގޭގެ ބިލްތައްވެސް ދައްކާލެވޭވަރުނުވާތީ އެޚަރަދުކުރަންވެސް އަޅުގަނޑަށް ޖެހެން ފަށައިފިއެވެ.

ކޮންމެއަކަސް އެޙާލަތަށް ކަންކަން ދިއުމުން ހިތަށް ވަރަށް އަސަރުކުރިއެވެ. ލޯބީގެ އަވާގައި ކައިވެނިކުރުމަކީ ދަންތުރައެއްގައި އަމިއްލައަށް ބެދުން ކަމުގައި ޤަބޫލުކުރެވުނެވެ. އެހެންވެ ޙަޤީޤަތް ހޯދަން ކުރި މަސައްކަތުން އެނގުނީ ރީތި ޒުވާން ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމާއި މަހަކު 15000 ރުފިޔާ ދީފައި ތަނެއްވެސް ކުއްޔަށް ހިފައިދީގެން އުޅޭކަމެވެ.

ކަންކަން އެނގުމުން ވަރަށް ދެރަވިއެވެ. އެންމެ ކުޑައިރުއްސުރެ ލޯބިވެގެން އުޅެވުނު މީހަކު އެހައި ދަތި ޙާލުގައި ހުއްޓާ އެހީތެރިވެދިނުމުގެ ނިޔަތާއިވެސް އެކު ކައިވެނިކުރުމުން ހޫނު އަލިފާނަށް ވެއްޓުނުކަން އެއީ ހަތަރު އުދަރެސް ފެނުޖެހިގެންދިއަ ކަމެކެވެ. ކޮންމެއަކަސް ކުރެވުނު ތަޖުރިބާގެ އަލީގަ ޤަޞްދުކުރީ ވަރިވާށެވެ. އެހެންވެ އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ގެއަށް ބަދަލުވާށެވެ. ވިހައިގަދަވުމުން ކޯޓަށް ގޮސް ވަރިވާށެވެ.

އަޅުގަނޑު ގެއަށް ބަދަލުވުމުން އޭނާގެ ކުދިންވެސް ބޭނުންވީ އަޅުގަނޑާއިއެކު އަޅުގަނޑު ގާތަށް ބަދަލުވާށެވެ. އެހެންވެ އެވާހަކަ ދެއްކުމުން އަޅުގަނޑު ބުނީމެވެ. "މިގެއަށް ގެނެސްގެން ކުދިންނެއް ނުބެލޭނެއެވެ. ކަލޭ ގެއިން ނުކުމެގެން ހިނގައްޖެނަމަ ތިއަގޭގައި އިނދެގެން ދެކުދިން ބަލައިދީފާނަމެވެ. އެހެންބުނީ ގެއަށް ގެނެސްގެން ނުބެލޭނެތީއެއް ނޫނެވެ. އެގޮތަށް ކަންތައް ކޮށްފިނަމަ ގެ ހުސްވެ ޒުވާން އަނބިމީހާ ގޮވައިގެން ގޭގައި އުޅެން ފަސޭހަވާނެތީ އެ ފުރުޞަތު ނުދޭށެވެ.

ކޮންމެއަކަސް އޭނާ އެގޮތަށް ކަންތަކެއް ނުކުރިއެވެ. އަޅުގަނޑު ވަރިކޮށްފައި ޒުވާންކުއްޖާއާއި ކައިވެނިކޮށްގެން ދިރިއުޅެން ފެށީއެވެ. ހައެއްކަމަސްވީތަނާ އަޅުގަނޑުވެސް ކައިވެނިކޮށްގެން ދެވަނަ ފިރިމީހާ އާއިއެކު ދިރިއުޅެންފެށީއެވެ.

އާދައިގެމަތިން ހެނދުނު ގޭގެ ދޮރުހުޅުވައިލީ ހެނދުނު 6 ޖެހިތަނާއެވެ. ފެނުނީ ވަރަށް އަސަރުކުރި މަންޒަރެވެ. ވަރަށް ލޯބިން ގެންގުޅުނު ދެ ދޮންދަރިން ސިޑިމަތީގައި ތިއްބެވެ. ވީގޮތަކާއި ސުވާލުކުރުމުން ވާހަކައެއް ނުދެއްކުނެވެ. ގިސްލެވޭވަރުންނެވެ. އަވަސްއަވަހަށް ދެކުދިން ގޭތެރެއަށް ވައްދައި ހަމަޖައްސުވާފައި ދެކުދިންގެ ބައްޕައަށް ގުޅީމެވެ. ފޯނު އޮތީ ނިއްވާލާފައެވެ.

އެހެންވެ ފުލުހުންނަށް ގުޅުމުން އެނގުނީ ޑްރަގް މައްސަލައެއްގައި ޑްރަގްތަކަކާއިއެކު ދެމަފިރިން އެކުގައި އެރޭ ހައްޔަރުކޮށްފައިވާކަމެވެ. ފުލުހުން ބުނީ 2 ކުދިންގެ ކަންތަކުގައި ޖެންޑަރ މިނިސްޓްރީއާއި ގުޅުން ރަނގަޅުވާނެ ކަމަށެވެ.

އަޅުގަނޑު ފުލުހުންގެ ކިބައިން އެގޭގައި ހުރި އެކުދިންގެ އަންނައުނާއި ފޮތްފަންސުރު ލިބޭނެ ގޮތް ހަދައިދޭން އެދުމުން އެކަންކޮށްދިނެވެ. ފުލުހުން ބުނީ އޮޕަރޭޝަން ހިންގީ ފަތިހުކަމަށާއި ދެކުދިން ގެއިން ނުކުމެގެންދިއަކަން ނުވެސް އެނގުނު ކަމަށެވެ.

ކަންކަން މިވީ ގޮތަކީ ޒުވާން އަނބިމީހާއަކީ މަސްތުވާތަކެތި ވިއްކާ އަންހެނަކަށްވުމުން އެމަޅީގައި އޭނާވެސް ޖެހުނީއެވެ. ފަސޭހައިން ފައިސާލިބޭ މަގަކަށްވުމުން އެމަގުން ކުރިއަށްދެވުނީއެވެ.

ކޮންމެއަކަސް ހަފްތާއެއްވީފަހުން ފުލުހުން މެދުވެރިކޮށް އަޅުގަނޑުމެން ދެމަފިރިން އޭނާ އާއި ބައްދަލުކުރީމެވެ. އެއީ ކުދިންގެ ކަންތަކުގައި ކަންތައްކުރަންވީ ގޮތެއް އޮޅުންފިލުވުމަށެވެ. ބުނީ ބަލައިދޭނެ އެއްވެސް މީހަކު ނެތްކަމަށާއި 2 ކުދިން ބަލައިދިނުމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ. އަދި ގޭގެ ތަޅުދަނޑި އަޅުގަނޑުމެންނާއި ޙަވާލުކުރުމުން ހިފައިގެން އައީއެވެ.

ފިރިމީހާގެ ވަރަށް މަސައްކަތްކޮށްގެން 2 ކުދިންގެ މަންމަ ހޯދިއެވެ. އެއިރު އޭނާ ހުރީ ވަރިކޮށްލުމުން ގޮސް ރަށުގައެވެ. ހުރީ ކައިވެންޏެއްވެސް ނުކޮށެވެ. އަޅުގަނޑުމެން އޭނާ ގެނުވީމެވެ. އަދި އެގޭގައި ދެދަރިންނާއިއެކު ވަޒަންވެރިކުރުވީމެވެ. އަދި 3 މައިންގެ ޚަރަދު ބަލަހައްޓައިދީ އެހީތެރިވެސް ވީމެވެ. އެއަންހެން މީހާގެ ކިބައިން އެނގުނީ އޭނާ ވަރިކޮށް ކުދިންކޮޅުވެސް އަތުލާފައި ރަށަށްފޮނުވައިލީވެސް ޅަކުއްޖަކާއި ހިތާވެގެން ކަމެވެ.

އޭނާއަށް ޖަލުން ސަލާމަތްވެވުނީ 15 ވަރަކަށް އަހަރުފަހުންނެވެ. މިނިވަންވެވުމުން އަޅުގަނޑުމެންކުރި ޚިދުމަތުގެ އަގަކަށް ގެއިން ބައެއް ދޭން ހުށަހެޅިއެވެ. ނަމަވެސް އަޅުގަނޑުމެން އެކަން ޤަބޫލެއް ނުކުރަމެވެ. އެއީ އެކަންކުރީ ﷲ ގެ ރަޙްމަތަށް އެދިގެންކަމުގައިވާތީއެވެ. އަޅުގަނޑުމެން އެދުނީ ދެންވެސް ކަމެއްކޮށްދޭނެ ނަމަ ގެދޫކޮށް ދިއުމަށެވެ. އެއީ އެއިރު ދެދަރިންގެ މަންމަ އިނީ ދެވަނަ ކައިވެނިކޮށްގެން އެގޭގައިކަމަށްވާތީއެވެ.

އޭނާއަށް އެއިރު ހުރީ ކަންކަން ކޮންމެވެސް ވަރަކަށް ވިސްނިފައެވެ. އެހެންވެ ބަސް ޤަބޫލުކޮށް ރާއްޖެތެރޭ ކޮންމެވެސް ރަށަކަށް ދިއައެވެ. އެއިގެ ދުވަސްކޮޅެއް ފަހުން އިވުނީ އަނެއްކާވެސް ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި ވާހަކައެވެ. މައުލޫމާތު ލިބޭ ގޮތުން އޭނާ އަދިވެސް ހުރީ ޖަލުގައެވެ.

ކިޔުންތެރިންނާއި މިވާހަކަކޮޅު ހިއްޞާ މިކުރީ ލޯތްބަކީ ކަނުއެއްޗެއްކަމަށް ހަދައިގެން ކައިވެނިކުރުމުން އަޅުގަނޑަށް ދިމާވިކަންކަން ކިޔައިދިނުމަށެވެ. ލޯތްބަކީ ކިތަންމެ އަގުބޮޑު އެއްޗެއް ނަމަވެސް ލޯތްބާއިމެދު ފުންކޮށް ނުވިސްނައި ކުރެވޭ ކައިވެނިތައް މިހާރުވެސް ވަރަށް ގިނައެވެ. އެގޮތަށް ކައިވެނިކުރުމުން ޙާލަކުން މީހަކަށް ނޫނީ އުފާވެރިކަން ލިބިފައި ނެތްކަމަށް ބުނުމަކީ ކުރެވޭ ކުށަކަށް ނުވާނެއެވެ.

އަޅުގަނޑު އޭނާ އާއިއެކު ދިރިއުޅެން ފެށީ ހަމަ ލޯބީގެ މަސްތުގައެވެ. ލޯބީގެ އަވާގައެވެ. އަދި އެހައިބޮޑު ޤުރްބާނީއެއްވުމުންވެސް ލިބުނު ނަތީޖާ މިކިޔައިދިނީއެވެ. ޢިބްރަތެއްވާނަމަ ޙާޞިލްކުރައްވާށެވެ!

– ޝިފްނާ 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *