ޒަޔަނިސްޓުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ. ފަލަސްޠީނުގެ ބިންތަކުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޒަޔަނިސްޓު އިސްރާއީލުގެ ސަރުކާރުން މަސައްކަތް ފުޅާކޮށްފައި މި ވަނީ، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ނުރުހުމާއި ފާޑު ކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޔަހޫދީންގެ ނިންމުމާ އެކު އެ މީހުން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމުގައި މުސްލިމުންނާއި ޔަހޫދީންގެ މިނިވަން ދެ ދައުލަތް ޤާއިމު ކުރުމަށް ޓަކައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމުގައި ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ އިންޒާރު ކުރަމުންނެވެ. އިރުމަތީ ޤުދުސްގެ އިރުމަތިން އޮތް އީ1ގެ ނަން ދީފައިވާ ސަރަޙައްދުގައި ޔަހޫދީން ވަޒަންވެރި ކުރުމާ ދެކޮޅަށް އަޑު އުފުލާފައިވާ ޤައުމުތަކުގެ ތެރޭގައި ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ މެންބަރު ޤައުމުތަކުގެ އިތުރުން އެމެރިކާ ސަރުކާރުތައް ވެސް ހިމެނެއެވެ.
އީ1 ސަރަޙައްދުގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުވުމަށް ޓަކައި ގެދޮރު ބިނާކުރުމުގެ މަޝްވަރާތައް ޒަޔަނިސްޓު ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އެއީ، ޤުދުސްގެ ބޭރުން އޮތް މައަލޭ އަދުމީމް ޤުދުސްގެ ހުޅަނގާ ގުޅައިލުމުގެ ގޮތުން ހިންގާ މަޝްރޫޢެކެވެ. އެ ދެ ސަރަޙައްދު ގުޅައިލުމާ އެކު، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ހުޅަނގު އައްސޭރިއާ އެކަހެރިވާނެއެވެ.
