ޚަބަރާއި މަޢުލޫމާތު އެއްތަނަކުން ލިބޭނެ ޕްލެޓްފޯމެއް ޤާއިމުކުރަނީ

ޤައުމީ ނިއުސް އޭޖެންސީއާއެކު ރާއްޖޭގެ މީޑީއާތަކަށް ކޮންޓެންޓު އުފެއްދުމުގައި ލުއިތަކެއް ލިބި، އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑީއާ، ޕީއެސްއެމް މެދުވެރިކޮށް ރާއްޖޭގެ މީޑިއާތަކަށް ކޮންޓެންޓު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އުފައްދާ ޤައުމީ ނިއުސް އެޖެންސީ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއެއްބަސްވުމުގެ ދަށުން ގާއިމްކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މި ޚިދުމަތަކީ، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ޚަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ޚިދުމަތެކެވެ.

ޤައުމީ ނިއުސް އޭޖެންސީ ޤާއިމުކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާއާއިން ސޮއިކުރުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، ރާއްޖޭގައި މީޑިއާއެއް ފެށައި ކުރިއަށް ގެންދިއުމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާކަމަށެވެ. އެގޮތުން މަދު މުވައްޒަފުންނާއެކު ކުޑަ ޢާމްދަނީއެއްގައި މީޑިއާއެއް ހިންގަންޖެހޭއިރު އެކަމުގައި ކުރިމަތިވާ ހުރަސްތަކަކީ މީޑިއާތައް ކުރިނާރާ މައިގަނޑު އެއް ސަބަބުކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން ޤައުމީ ނިއުސް އޭޖެންސީގެ އެހީތެރިކަން ލިބެން ފެށުމުން، މަދު މުވައްޒަފުންނާއެކު ރަނގަޅު ކޮންޓެންޓު އުފެއްދުމަށް އަލަށް ގާއިމްކުރެވޭ މީޑިއާތަކަށްވެސް ފުރުޞަތު ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ނިއުސް އޭޖެންސީއާއެކު ގިނަ ކޮންޓެންޓު ހިލޭ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ. އަޅުގަނޑު އުއްމީދުކުރަނީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށްވެސް މިނިއުސް އޭޖެންސީ މެދުވެރިކޮށް ރާއްޖޭގެ ކޮންޓެންޓު ލިބޭނެ މަގުފަހިވެގެންދިޔުން" ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *