ކައިވެނީގެ ގުޅުމަކީ އެންމެ މަތިވެރި ގުޅުމެވެ. ކައިވެނިކުރަނީ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެންނެވެ. ކައިވެންޏަށްފަހު ދެމީހުން ވެސް އަމަލުކުރަންވާނެ ގޮތް ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެން ކިޔާ ޚުޠުބާއެއްގައި ދެމީހުންނަށްވެސް އަނގައިދެއެވެ.
ކައިވެނިކުރަނީ ހަމައެކަނި އަހަރެމެންނެއް ނޫނެވެ. ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންވެސް ކައިވެނިފުޅު ކުރެއްވެވިއެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ވެސް ކައިވެނިފުޅުތައް ކުރެއްވެވިއެވެ. އެކަމުން އެނގިގެންދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކައިވެނީގެ މަތިވެރިކަމެވެ.
ކައިވެންޏަށް އެހައި ބޮޑު މަތިވެރިކަމެއް ލިބިގެންދަނީ ކައިވެނީގެ ސަބަބުން ފާފަތަކުން ދުރުހެލިވެ ދީނުގައި ސާބިތުވެގެންހުރުމަށް މަގުފަހިވެގެންދާތީއެވެ. ކައިވެނިކުރުމުން ދީނުގެ އެއްބައި ފުރިހަމަވީކަމަށް އޮތީ އެހެންވެގެންނެވެ. ކައިވެނީގެ މުހިންމުކަން ބޮޑުކަމުންނެވެ. ކައިވެނީގެ ސަބަބުން ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކޮށް އިސްލާ މުޖުތަމައު ހަރުދަނާކުރަން މަގުފަހިވެގެންދާތީއެވެ.
ވީމާ ކައިވެނިކުރުމަށްފަހު ﷲ ތަޢާލާގެ މަގުގައި ށާބިތުވެ ތިބިނަމަ ކައިވެނީގައި ބަރަކާތް އިތުރުކުރައްވަވާނެއެވެ. ރަޙްމަތް ލައްވަވާނެއެވެ. ރިޒުޤްވެސް އިތުރުކުރައްވަވާނެއެވެ. ފާފަނުކޮށް ދީނުގައި ސާބިތުވެ ހުރުމަށް މަގުފަހިބވެގެންދާނެއެވެ.
މިހުރިހާ ނިޢްމަތްތަކެއް ގެއްލިގެންދަނީ ކީއްވެގެންހެއްޔެވެ؟ އެއީ ކައިވެނީގެ ކުޠުބާ އާއި ޚިލާފްވާތީއެވެ. ބޭވަފާތެރިވެވޭތީއެވެ. ފާފަތަކަށް އަރައިގަނެވޭތީއެވެ. އެކަކު އަނެކަކަށް މަކަރުހެދޭތީއެވެ. ޚިޔާނާތްތެރިވެވޭތީއެވެ.
އެކުވެރި، އަޅުގަނޑުގެ ލޯބިވާ އަޚުންނާއި އުޚުތުންނޭވެ! ކުރެވޭ ކައިވެންޏަށްވުރެ ވަރިގިނަވަމުންދަނީއެވެ. މިހާލަތަށް ދިއުމުން އަޅުގަނޑުމެންގެ ކިބައިގައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަމަށް ޤަބޫލުކުރަންޖެހޭނެއެވެ. އެކަންކަން ދެނެ ގަނެ އިޞްލާޙްކުރަން މަސައްކަތްކުރަންޖެހޭނެއެވެ.
ކޮންމެ ދެމަފިރިއަކަށް ކުރިމަތިވާނީ އެއްބާވަތެއްގެ މައްސަލަތަކެއް ނޫނެވެ. މައްސަލަތައް ތަފާތުވާނެއެވެ. ވީމާ ކޮންމެ ދެމަފިރިއަކުވެސް އެބައަކަށް ހުރި މައްސަލަތައް ދެނެގަންނާށެވެ! އެކަންކަން އިޞްލާޙްކުރާށެވެ! އެއިރުން ﷲ ތަޢާލާގެ ރަޙްމަތް ލިބެމުންދާނެއެވެ. އިން ޝާ ﷲ
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
