ޑިޕްރެޝަންގެ ވޭނުގައި ގިނައީ އަންހެނުން؟

ޑިޕްރެޝަނަކީ ދުނިޔޭގައި ތިންވަނައަށް އެންމެ ގިނަ މީހުން ތަހައްމަލު ކުރަމުންދާ ބައްޔެވެ. ލަފާކުރެވޭގޮތުގައި 2030 ގައި މިއީ ދުނިޔޭގެ އެންމެ ގިނަމީހުން ތަހައްމަލުކުރާނެ ބަލީގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އަދި އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ އަންހެނުންނަށެވެ.  1990 އާއި 2010 އާ ދެމެދު ހަމައެކަނި ކެނެޑާގައި ޑިޕްރެޝަން އިތުރުވާ މިންވަރު %75 އިތުރުވެފައިވެއެވެ.

ޑިޕްރެޝަންގެ އާބާދީ ފިރިހެނުންނަށްވުރެ އަންހެނުންގެ ތެރޭގައި ގިނައެވެ. 2010 ވަނަ އަހަރު ދުނިޔޭގެ އާބާދީގައި ޑިޕްރެޝަންގެ ރޭޓް %5.5 ކުރި އަރާފައިވެއެވެ. އަދި މިއީ އަންހެނުންގެ ތެރޭގައި 1.7 ގުނަ އިތުރު އަދަދެކެވެ.

މި ތަފާތު އަންހެނުންނަށް ނުރައްކާ އިތުރުވެފައިވަނީ އެމީހުން އުފެދުމުގައި ފިރިހެނުންނާއި ހުރި ތަފާތު ކަމަށްވުން އެކަށީގެން ވެއެވެ. މީގެއިތުރުން ނަސްލާއި ސަގާފަތާއި ކާނާއާއި ތަޢުލީމާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުންވެސް ޑިޕްރެޝަނަށް މަގުފަހިވެއެވެ. ފިރިހެނުންނަށްވުރެ އަންހެނުންގެ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތު މާބޮޑުތަނުން ދަށް ޤައުމުތަކުގައި ޑިޕްރެޝަންގެ ނިސްބަތް ބޮޑެވެ.

ޑިޕްރެޝަން ބަލި ފިރިހެނުންނަށްވުރެ ޒުވާން އަންހެނުންގެ ތެރޭގައި ދެގުނައަށް ވުރެ މަތިވެއެވެ. ނަމަވެސް ފުރާވަރުވުމުގެ ކުރިން އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ޑިޕްރެޝަންގެ ނިސްބަތް އެއްވަރުކަމަށް ފާހަގަވެފައިވެއެވެ. އުމުރުން 65 އަހަރަށްވުރެ މަތީގެ އުމުރުފުރާތަކުގައި އަންހެނުންނާއި ފިރިހެނުންގެ ޑިޕްރެޝަންގެ ނިސްބަތް ދަށްވެ، އެމީހުންގެ މެދުގައި ޑިޕްރެޝަންގެ ނިސްބަތް އެއްގޮތްވެއެވެ. ވީމާ އަންހެނުންނަށް ޑިޕްރެޝަންގެ އުދަނގޫ ފޯރަނީ ފުރާވަރަށް އެރުމާއެކު ޒުވާންއުމުރުގައެވެ.

ކެނެޑާގައި 2007 އާއި 2011 އާ ދެމެދު އަންހެނުންނަށް ދެވުނު އެންޓިޑިޕްރެޝަންގެ ފަރުވާ ފިރިހެނުންނަށްވުރެ ދެގުނަ އިތުރެވެ. ބޭސް ދިނުން ލަސްވުމަކީ ފުރާވަރުގެ އުމުރާއި ޒުވާން އުމުރުގައި ޑިޕްރެޝަންގެ ނިސްބަތް މަތިވުމަށް މެދުވެރިވާ ސަބަބަކަށް ވެއެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ތައުލީމީ ޕްރޮގްރާމްތަކާއި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކުގެ ސަބަބުން މި އުމުރުފުރާގައި ޑިޕްރެޝަން ކުޑަކުރުމަށް އެހީތެރިވެދެވިދާނެއެވެ.

ޑިޕްރެޝަންއަކީ ރާއްޖޭގައިވެސް އާއްމުވަމުން އަންނަ ބައްޔެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *