ބޮލީވުޑްގެ ފިލްމުތަކަކީ އިރެއްގައި އިންޑިޔާގައި ރަސްކަން ކުރަމުން ދިޔަ ފިލްމުތަކެވެ. ނަމަވެސް ފަހުގެ ތާރީޚުގައި ބޮލީވުޑްގެ ފިލްމުތަކަށްވުރެ ކުރީގައި އުޅެނީ ސައުތު އިންޑިޔާގެ ފިލްމުތަކެވެ. އެގޮތުން ބާހުބަލީ 1 އަދި ބާހުބަލީ 2 އަކީ މުޅި ދުނިޔޭގައި ވެސް ވަރަށްބޮޑު ތަރުހީބެއް ލިބުނު ފިލްމުތަކެވެ. އަދި ޕުޝްޕާ ދަ ރައިޒް އަކީވެސް ވަރަށް ގިނަމީހުންގެ ސަމާލުކަން ލިބިފައިވާ ފިލްމެކެވެ. މި ފިލްމުތައް ކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް ވެއެވެ.
ވަރަށް ބޮޑު ޚަރަދުތަކެއް ކޮށްގެން އުފައްދާފައިވާ ބާހުބަލީ 1 ހެދުމަށް 180 ކުރޯޑް އިންޑިއަން ރުޕީސް އަދި ބާހުބަލީ 2 ހެދުމަށް 250 ކުރޯޑް އިންޑިއަން ރުޕީސް ހޭދަކޮށްފައިވެއެވެ. އާއްމު ގޮތެއްގައި ބޮލީވުޑްގައި ފިލްމަކަށް ޚަރަދު ކުރަނީ 60 ނުވަތަ 70 ކުރޯޑް އިންޑިއަން ރުޕީސްއެވެ. މިއިންވެސް ބޮޑު ބައެއް ޚަރަދު ކުރަނީ މަޝްހޫރު ފަންނާނުންގެ ފީއަށެވެ. ނަމަވެސް ބާހުބަލީ 1 އަދި ބާހުބަލީ 2 ގައި ބޮޑު ޚަރަދު ކުރީ ފިލްމުގެ ސެޓިންނާއި ޖުމްލަކޮށް މުޅި ފިލްމު އުފެއްދުމަށެވެ.
ބޮލީވުޑްގެ ފަންނާނުންނާއި ޚިލާފަށް ސައުތް އިންޑިޔާގެ ފިލްމުތަކުގައި މަސައްކަތް ކުރާ ފަންނާނުންގެ އަޚުލާގާއި އަދި މަސައްކަތަށް ފަރުވާބެހެއްޓުމުގެ ރޫހު ވަރަށް ބޮޑުކަން ފާހަގަ ކުރެވެއެވެ. އެގޮތުން ބާހުބަލީ 1 އަދި ބާހުބަލީ 2 ގެ ފަންނާނު ޕްރަބާސް މި ފިލްމު ނުނިމެނީސް އިތުރު އެހެން ފިލްމެއް ކުޅުމަށް އެއްބަސްނުވެ ހުއްޓެވެ.
ސައުތު އިންޑިއަން ފިލްމުތަކުގައި ނުފޫޒުގަދަ ނުވަތަ ވަރުގަދަ އަންހެނުންގެ ރޯލް ހިމަނައެވެ. އަންހެނުންގެ ރޯލް ވަރުގަދަ ނަމަ އެފަދަ ފިލްމުތަކަށް ލިބޭ ތަރުހީބު ބޮޑެވެ. އެ ފިލްމުތަކުގައި ބޭނުންކުރާ ތަންތަނަކީވެސް ބެލުންތެރިންގެ ތެރޭގައި މަގުބޫލު ތަންތަނެވެ. އެ ތަންތަނާއި އެކުވެގެން ގެނެސްދޭ މޮޅު ވާހަކަތައް ފިލްމުގެ ގޮތުގައި ހުށަހަޅާއިރު ބެލުން ތެރިންގެ ހިތްތަކާއި ކުޅެލައެވެ. ފިލްމުތަކުގެ މާކެޓިން މޮޅުވުމާއި އަދި ފިލްމު ރިލީޒް ކުރާވަގުތު ފިލްމުގެ ވާހަކަ އެކިބަސްބަހުން ތަރުޖަމާކޮށް އަޑުއަޅާފައި ވުމަކީވެސް ފިލްމު ކާމިޔާބުވުމުގެ ސިއްރެވެ. ޖުމްލަކޮށް ބުނާނަމަ ބޮލީވުޑްގެ ފިލްމުތަކަށްވުރެ ސައުތު އިންޑިޔާގެ ފިލްމުތައް އުފައްދާ ޓީމަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ އެމީހުންގެ ސަގާފަތާއި އާދަކާއަށް އިސްކަން ދީގެން މުޖުތަމަޢާއި ވަރަށް އެއްގޮތް ވާހަކަތަކެއް މެދުވެރިކޮށް ހުށައަޅައިދޭ ފިލްމުތަކެވެ. ޕުޝްޕާ ދަ ރައިޒް އަކީވެސް އެފަދަ ފިލްމެކެވެ.
