ނާސިހު، މުޖުތާޒު، ޝަފީގަށް މަޖިލީހުން ރުހުންދީފި

ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމަށް އެ ކޮމިޝަންގެ މިހާރުގެ ނައިބު ރައީސް މުހައްމަދު މުޖުތާޒަށާއި، އެ ކޮމިޝަންގެ ނައިބު ރައީސްކަމަށް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ނާސިހު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މުޖުތާޒާއި ނާސިހުގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަމަށް އައްޔަންކުރުމަށް މުހައްމަދު ޝަފީޤް މަހްމޫދުގެ ނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއްޔެ ފޮނުއްވައިފައެވެ.

އެ ނަންތަކުގެ ތެރެއިން މުޖުތާޒާއި ނާސިހުގެ ނަން ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވިއެވެ. އަދި ޝަފީޤްގެ ނަން ދިރާސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވިއެވެ.

ކޮމިޓީތަކުން ނިންމީ ތިން ބޭފުޅުންނަށް ރުހުންދޭން ފެންނަ ކަމަށް ފާސްކުރުމަށެވެ. އެހެންކަމުން މިއަދު މެންދުރުފަހު ބޭއްވި ޖަލްސާގައި ތިން ބޭފުޅުންގެ ނަމަށް ރުހުން ދޭން ފެނޭތޯ ވޯޓަށް ވަނީ އަހައިފައެވެ.

ތިން ބޭފުޅުންގެ ތެރެއިން މުޖުތާޒަށް ރުހުންދޭން ވޯޓުގައި ބައިވެރިވި 68 މެންބަރުން ވެސް ވޯޓުދެއްވިއެވެ. އަދި ނާސިހަށް ވޯޓުދެއްވި 65 މެންބަރުންގެ ތެރެއިން 64 މެންބަރަކު ރުހުން ދޭން ފެންނަ ކަމަށް ވޯޓުދެއްވިއެވެ.

ޝަފީޤަށް ވޯޓުދެއްވި 68 މެންބަރުންގެ ތެރެއިން 67 މެންބަރަކު ރުހުންދޭން ވޯޓު ދެއްވިއެވެ.

އެހެންކަމުން ތިން ބޭފުޅުންނަށް ވެސް މަޖިލީހުން ވަނީ ރުހުން ލިބިފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *