މާޒިޔާއިން ޗެރިޓީ ޝީލްޑް 6 ވަނަ ފަހަރަށް އުފުލާލައިފި

ރޭ ކުޅުނު އެފްއޭއެމް ޗެރިޓީ ޝީލްޑް މެޗުގައި ކްލަބު އީގަލްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހަވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލައިފިއެވެ.

މާޒިޔާއަކީ މިހާތަނަށް އެންމެ ގިނަ ފަހަރަށް އެފްއޭއެމް ޗެރިޓީ ޝީލްޑް އުފުލާލާފައިވާ ޓީމެވެ. އެޓީމު ވަނީ 2015، 2016، 2017، 2021، 2023 އަދި 2025 ވަނަ އަހަރު ޝީލްޑް އުފުލާލައިފައެވެ. ރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާއިން ޝީލްޑް އުފުލާލީ 2-0 އިން ކްލަބު އީގަލްސް ބަލިކޮށްގެންނެވެ.

ރޭގެ ޗެރިޓީ ޝީލްޑް މެޗަކީ 2023 ވަނަ އަހަރު ޝީލްޑް މެޗަށްފަހު ކުޅުނު ފުރަތަމަ ސީޒަން ހުޅުވާ މެޗެވެ. އެއަހަރުގެ ސީޒަނަށްފަހު ރާއްޖޭގެ ފުޓުބޯޅައިގެ ފުރަތަމަ ޑިވިޝަން ކުޅެފައެއް ނުވެއެވެ. އެފްއޭއެމްގެ ހާލަތު ގޯހުން ގޯހަށް ގޮސް، ލީގު ފުޓުބޯޅަ ނުފެށި ދޮޅު އަހަރެއްހާ ދުވަސްވެގެން ގޮސްފައިވާ އިރު، އެ ދުވަސްތަކުގެ ތެރޭގައި ތަކުރާރުކޮށް ސީޒަން ފަށަން ކުރި މަސައްކަތް ކާމިޔާބެއް ނުވިއެވެ.

އެ ހާލަތުން އަރައިގަނެ، ލީގު ފެށުމަށް އެފްއޭއެމްއިން މިހާރު ތައްޔާރުވެފައި ވަނީ އާ އެކްސްކޯގެ މަސައްކަތުންނެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް މަސައްކަތް ކޮށްފައިވާ އިރު، ހާފު ނިމެން ދަނިކޮށް މާޒިޔާއިން ލީޑު ނެގިއެވެ. އަހުމަދު އައިހަމް (ފަތޯ) އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކުޅުންތެރިޔަކު ގައިގައި ޖެހި މިސްރާބު ބަދަލުވެގެން ގޮހެވެ.

ދެވަނަ ހާފަށް ނިކުމެ އީގަލްސްއިން ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި ގިނަ ހަމަލާތަކެއް ފޮނުވާލިއިރު މެޗު ކޮންޓްރޯލް ކުރުމުގެ ފުރުސަތުވެސް އެޓީމަށް ލިބުނެވެ. ނަމަވެސް މާޒިޔާގެ ފަހަތުގެ ސަފު ވަރުގަދަ ކޮށް ހިފެހެއްޓުމުން އީގަލްސްގެ އެއްވެސް ހަމަލާއެއް ނުރައްކަލެއް ނުވިއެވެ. އެގޮތުން މާޒިޔާގެ ދެވަނަ ގޯލް ފެނިގެންދިޔައީ މެޗުގެ 66 ވަނަ މިނެޓުގައެވެ. އައިހަމް ފޮނުވާލި ހުރަސް އަޝްވާންގެ އަތުން ކައްސާލިތަނާ، ނާއިޒް ޙަސަން (ދާދު) ވަރަށް ހުޝިޔާރުކަމާއެކު ބޯޅަ ގޯލުގެ ތެރެއަށް ވައްދާލިއެވެ.

ރޭގެ މެޗަށްފަހު ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމުން، މާޒިޔާއަށް އިނާމު ފައިސާގެ ގޮތުގައި ލިބުނު 100،000 ރުފިޔާގެ ތެރެއިން ވަކި ޕަސެންޓެއް އެ ކްލަބުން ވަނީ ބްލައިންޑް އެންޑް ވިޒުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ހަދިޔާ ކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *