މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށައެޅުއްވި މި ބިލް މަޖިލީހުން ފާސްކުރީ މިރޭ ބޭއްވި މަޖިިލީހުގެ ޖަލްސާގަ އެވެ. މިއީ ދައުރުން ބޭރުން ބޭއްވި ޖަލްސާއެކެވެ.
ނޫސްވެރީންނާއި މީޑިއާތަކުގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން ހުށައެޅި 14 އިސްލާޙާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަަތު ފިލްޒާގެ ހުށަހެޅުންތައްވެސް ހިމަނައިގެން މި ބިލް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެއް މެންބަރަކު ދެކޮޅަށް ވޯޓް ދެއްވި އެވެ.
މި ބިލް ފާސްކުރުމުގެ ކުރީން ބިލަށް އިސްލާޙު ހުށައަޅަން ދިން ފުރުސަތުގައި ހުށައެޅި އިސްލާޙުތަކަށް ވަނީ ވޯޓަށް އަހާފަ އެވެ. ޖުމްލަ ފަސް އިސްލާހެއް ވަނީ ހުށައަޅާފަ އެވެ. ދެ އިސްލާޙެއް ހުށައަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ނިޒާމު ގެއްލުވާލުމަށް ކުރި މަސައްކަތާއި ގުޅިގެން އޭނާގެ ނަން އިއްވާ މަޖިލީހުން ވަނީ ބޭރުކޮށްފައިވާތީ އޭނާގެ އިސްލާޙުތައް ހުށައަޅަން ފުރުސަތެއް ނުލިބުނެވެ.
މީގެ އިތުރުން ހުށައެޅި ތިން އިސްލާޙަށް ވޯޓަށް އަހާ ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާޙުތައް ހުށައަޅާފައިވަނީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް އެވެ. އެ ތިން އިސްލާޙުވެސް ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ.
މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުުން ހުއްޓުވުމުގެ އިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީޑިއާތައް ވާން ޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓް ކުރެވޭނެ ބަޔަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކި މަންސަތަކުގައި ވިދާޅުވެއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި މީޑިއާތައް ހިމެނެއެވެ. އެ ބައްދަލުކުރެއްވުމުގައި މީޑިއާތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް އެމަނިކުފާނު ވަނީ މަސައްކަތްވެސް ފައްޓަވާފައެވެ.
