ގިނަ ފަހަރަށް ރައްޓެހިންނަކީ އަހަރެމެންގެ ފުރަތަމަ އެހީތެރިން ކަމުގައި ގަބޫލުކުރެވެއެވެ. އަދި ވަކި ޙައްދެއް ނެތި، މެދުނުކެނޑި އަނެކާއަށް އެހީތެރިވެވެއެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ތިމާގެ ޙައްދުތައް އެނގުމަކީ އެހީތެރިކަން ފޯރުކޮށްދިނުމާއި އެއްވަރަށް މުހިންމު ކަމެކެވެ. ތިރީގައިމިވާ ހާދިސާއަށް ވިސްނާލާށެވެ.
އަހަރެންގެ އުމުރުން 16 އަހަރުގައި ހިތާމަވެރި ކަންތައްތަކެއް ކުރިމަތިވިއެވެ. މާޔޫސްކަމާއި އެކަނިވެރިކަން ވަށާލިއެވެ. ޑިޕްރެޝަނާ ދެކޮޅަށް ކުރި މި ހަނގުރާމައިގައި ގާތް ރަހުމަތްތެރިއަކު އަހަރެންނާއި ވަރަށް ގާތްވިއެވެ. އޭނާ ތަހައްމަލުކުރަމުންދިޔަ ވޭނަކީވެސް ހިތާމަވެރި އަދި މެދުނުކެނޑި ތަހައްމަލުކުރަމުންދާ ވޭނެކެވެ. ވަރަށް އަވަހަށް އަހަރެން ވެގެން ދިޔައީ އޭނާގެ އެންމެ ސިއްރުވެރި ކަންކަންވެސް ހިއްސާކުރާ އަދި އިތުބާރުކުރާ މީހަކަށެވެ. ގިނަ ފަހަރަށް ހުރިހާ ވަގުތެއްގައިވެސް އެކަކުއަނެކަކަށް ލިބެމުން ދިޔައީ އިންތިހާއަށެވެ. ދެމީހުންވެސް އެހީތެރިކަމަށް އެދި ކުރެވޭ އާދޭސްތަކާއި އަވަސްއަވަހަށް ކުރެވޭ މެސެޖުތަކުން އެ ގުޅުން އިތުރަށް ބަދަހިވަމުން ދިޔައެވެ.
ނަމަވެސް އެހީތެރިވުމުގެ ގޮތުން ފެށުނު މި ކަންތައްތަކުން ވަރަށް އަވަހަށް އުނދަގޫވެ ފޫހިވަމުން ދިޔައެވެ. އަބަދުވެސް އޭނާޔާއެކުގައި ހުރުމާއި، އޭނާގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހާލުމާއި، އޭނާއަށް އުފާވެރިކަން ދިނުމުގެ ގޮތުން މިދެވޭ ވަގުތު ބޮޑު ޕްރެޝަރަކަށް ވިއެވެ. ގިނަ ފަހަރަށް ފޫހިވުން އަދި އުނދަގޫވުން ފަދަ ކަންކަން ކުރިމަތިވިއެވެ.
ސަބަބަކީ އޭނާގެ މެސެޖަށް ވަގުތުން ޖަވާބެއް ނުދީފިނަމަ އޭގެ ނަތީޖާއާ މެދު ބިރުގަތުމެވެ. އަދި އަހަރެންގެ މެސެޖަށް އޭނާ ޖަވާބުދިނުން ލަސްވެއްޖެނަމަ އެވާ އުނދަގޫތަކެވެ. އޭނާ ބޭނުން ކޮންމެ ވަގުތެއްގައި އަހަރެން އޭނާއަށް ވަގުތުދޭންޖެހުމުން އަހަރެންގެ ކަންކަމަށް ދަތިވާންފެށިއެވެ. ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެންގެ އަމިއްލަ ނަފްސު ކުށްހީއާއި ހާސްކަމުގެ ތެރެއަށް ވެއްޓެއެވެ. އަދި އޭނާގެ ކަންކަމަށް ވަގުތު ހުސްކުރުމުގައި ވަކި ޙައްދުތަކެއް ކަނޑައެޅުމަށް ނުވަތަ އަމިއްލަ ނަފުސު ރައްކާތެރިކުރަން ނުކުޅެދުނެވެ.
އަހަރުތައް ފާއިތުވަމުން ދިޔަ ވަރަކަށް ތަކުރާރުކޮށް އަހަރެން މި އުސޫލަށް ވެއްޓުނީމެވެ. އަހަރެން ވެގެން ދިޔައީ ނަފްސާނީ ސިއްހަތުގެ އުނދަގޫތަކާ ބެހޭ ގޮތުން ލަފާ ހޯދަން އުޅޭ ގިނަ ރައްޓެހިންގެ ކަންކަން އަޑުއަހާ މީހަކަށެވެ. އެމީހުންގެ އެހީތެރިޔަކަށެވެ. ހަގީގަތަކީ ނަފްސާނީ ގޮތުން ދިމާވިކަންކަމުން އަރައިގަންނަން ކުރި މަސައްކަތުގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ރަހްމަތްތެރިންތަކެއް ހުރުމެވެ. އެކަމާ އަހަރެންނަށް މާގިނަ އުނދަގޫތައް ކުރިމަތިވުމެވެ.
ސަބަބަކީ އެމީހުންގެ ވާހަކަތައް އަޑުއެހުމާއި އެހީތެރިވުމުގައި އަހަރެން ދިޔައީ އަމިއްލަ ނަފްސާނީ ސިއްހަތުގެ ދުޅަހެޔޮކަމަށް ބެލުމެއްނެތިއެވެ. އަހަރެން އަމިއްލައަށް ކަންކަމަށް ޖާގަ ހޯދަން މަސައްކަތް ކުރި ވަރަކަށް އެހެންމީހުން ހިތްހަމަޖެހޭ ނަޒަރިއްޔާތަކުން އަހަރެން އަނބުރާ ހަމަ މިފަދަ އަޑުއެހުމާއި އެހީތެރިވުމުގެ މީހެއްގެ ގޮތުގައި އުޅެވުމެވެ.
މި ތަޖުރިބާގެ ސަބަބުން އަޅުގަނޑު އަމިއްލަ ނަފްސަށް ސުވާލުކުރެވުނެވެ. އަޅުގަނޑުމެންގެ ތެރެއިން އެހާ ގިނަ ބަޔަކު "ތެރަޕިސްޓް ފްރެންޑް" އަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެ މަސައްކަތުގައި އަމިއްލައަށް ގެއްލިގެން ނުގޮސް އަހަރެމެން ލޯބިވާ މީހުންނަށް އެހީތެރިވުމުގެ ބުރަ އުފުލަން ކަންތައްތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ރައްޓެހިންނަކީ އަހަރެމެންގެ ފުރަތަމަ އެހީތެރިންކަމަށް ގަބޫލުކުރެވެނީ ކީއްވެގެން ހެއްޔެވެ؟
ބަޔާން ކުރެވުނު ހާދިސާއަށް ބަލާލާއިރު ޖަޒުބާތީ ގޮންޖެހުންތަކާ ކުރިމަތިލާމީހުން ގިނަ ފަހަރަށް އެކުވެރިންނާ ދިމާއަށް އެނބުރި ދިއުމަކީ އެންމެ އަސާސީކަމެވެ. މި އާދަ އުފެދެނީ ރައްޓެހިންގެ ފަރާތުން ލިބޭ ހިތްހަމަޖެހުމުގެ ސަބަބުން އެމީހުންނަކީ ފަސޭހައިން ލިބޭނެ އެހީތެރިންކަމުގައި ބެލެވޭތީއެވެ.
ގިނަފަހަރަށް މި އާދައަށް އެދެވެނީވެސް އެއްވައްތަރެއްގެ ތަޖުރިބާތަކަށް ހުށަހެޅިފައިވާ މީހުންނެވެ. އެއީ މި މީހުންގެ އެއްގޮތް ތަޖުރިބާތައް ހިއްސާ ކުރުމާއި އަދި އެހީތެރިވުމުގައި ޚާއްޞަ ޤާބިލުކަމެއް ހުރުމުން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ފަދަ ތަޖުރިބާއާއި ވިސްނުމަކީ ގިނަ ފަހަރަށް އަމިއްލަ މަސައްކަތާއި އެކު ކުރިމަތިވާ އެކަނިވެރިކަމާއި އެކަހެރިކަމުގެ އިހުސާސްތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭ ފުން ގުޅުމެކެވެ. އަދި ގިނަ ފަހަރަށް މިފަދަ ރައްޓެހިންނަށް ހީވަނީ ތެރަޕިސްޓުން ފަދަ ނަފްސާނީ ސިއްހަތުގެ ޕްރޮފެޝަނަލުންނަށް ވުރެ ވެސް އެހީތެރިވެދޭ ރައްޓެހިން ފަސޭހައިން ލިބޭނެހެންނެވެ.
ނަމަވެސް ހަގީގަތަކީ ވަރުގަދަ އެކުވެރިކަމެއްގައި ބައިވެރިވުމަކީ ކުރު މުއްދަތުގެ މޫޑު ރަނގަޅުވެ، ޖިސްމާނީ ހަރަކާތްތެރިކަމުގެ މިންވަރު އިތުރުވާ ކަމެކެވެ. އަދި ނަފްސާނީ ސިއްހަތުގެ ގޮންޖެހުންތަކާ ދެކޮޅަށް ވެސް އެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް އެކުވެރިންނަށް ހުރިހާ ކަމެއް ނުކުރެވޭ ވަގުތު އަންނާނެއެވެ. ރައްޓެހިންނަކީ ޖަޒުބާތީ އެހީތެރިކަމުގެ މުހިންމު ބައެއް ނަމަވެސް ރަހުމަތްތެރިކަން އޭގެ ހައްދުން ނެއްޓޭވަރަށް ނުގެންގުޅޭށެވެ.
ސަބަބަކީ ނަފްސާނީ މައްސަލަތަކަށް ހަގީގީ ފަރުވާ ބޭނުންވާނެއެވެ. ރައްޓެހިންނާ ދިމާއަށް އެނބުރުމަކީ ސިއްހަތަށް ފައިދާހުރި ކަމެއް ނަމަވެސް ދިރިއުޅުމުގެ ހުރިހާ ކަމެއްގައި މެދުމިންވަރެއް ގެންގުޅެން ޖެހެއެވެ. ޖަޒުބާތީ ބުރަދަން ރައްޓެހިންނަށް ޙައްލުކުރެވޭ މިންވަރަށްވުރެ ބޮޑުވާ ވަގުތު ދެނެގަތުން މުހިންމެވެ.
ވީމާ ނަފްސާނީ ގޮތުން އުނދަގޫވާނަމަ ނުވަތަ ޑިޕްރެޝަންއަށް ދާހެން އުނދަގޫވާނަމަ ޕްރޮފެޝަނަލް ސަޕޯޓު ހޯދުން ވަރަށް މުހިއްމެވެ. މިއީ އެކުވެރިކަމަށް މާބޮޑަށް ބުރަވުން ހުއްޓުވޭނެ މަގެކެވެ. އަދި ތިމާގެ ނަފުސުގެ އަގު ވަޒަން ކުރުމަށް ރައްޓެހިންގެ ހިތުން ޖާގަހޯދަން ކުރާމަސައްކަތް މަދުވާނެ ކަމެކެވެ.
