ސިއްރު ނުކުރާށެވެ.

މިއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި ހިނގަމުން އަންނަ މިކަމާއިމެދު އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނާ ހުށިޔާރުވެ ތިބެންޖެހޭ ކަަމެކެވެ. މީއީކީ މަދަކުން ހިނގާ ކަންކަމޭ ބުނާނޭ ޖާގައެއް ނެތެވެ. ނުހިނގަނީއެއް ނޫނެވެ. މީގެ މާކުރީން ފެށިގެންވެސް މިބާވަތުގެ އަމަލުތައް ދަނީ ހިނގަމުންނެވެ. އޭރުގައި މިކަންކަމަށް ހޭލުންތެރިކަން ކުޑައީއޭ ބުނެވިދާނެއެވެ. ނަމަވެސް އެއިރާ މިހާރާ ހާސްބައި ތަފާތެވެ.
މީހެއް އަދި ބަޔަކުމީހުންގެ ފުށުން ޤާނޫނާއި ޚިލާފު ކުށެއް ފެނިއްޖެ ނަމަ ލަސްނުކޮށް އެކަންކަން އެންގޭނޭ ފަސޭހަ ގޮތްތައްވެސް މިހާރުވަނީ އެކި ސިފައިގަ ގާއިމު ކުރެވިފައެވެ. ނަމަވެސް އަޅުގަނޑުމެންގެ އަމިއްލަ ޒިންމާތައް ނެގުމުގައި ވަރަށް ބޮޑަށް އިހުމާލު ވެވޭކަމީ ކަންބޮޑުވެ ހިތާމަކުރަން ޖެހޭ ކަންކަމެވެ.
ދަންނަވާލަން މިއުޅޭ ވާހަކަ އަކީ އަޅުގަނޑުމެންގެ ޅަދަރީންނަށް އެކިމީހުންގެ ފުށުން ކުރިމަތިވަމުން އަންނަ ޖިންސީ ފުރައްސާރައިގެ ވާހަކައެވެ. ޚާއްސަކޮށް އަމިއްލަ ގޭގައި ގޭގެތެރެއިން އާއިލާގެ ކޮންމެވެސް މީހެއްގެ ފަރާތުން، ކުދިންނަށް އަންނަނީ މިފަދަ އަނިޔާތައް ލިބެމުންނެވެ. ކުދިންނަށް ބިރުދައްކާ ދެމުން ގެންދާ އިންޒާރުތަކުގެ ސަބަބުން ބައެއް ކުދިން، އެކަންކަމާއި ބިރުން އެތަކެއް ކުދީންނެއް މި އަނިޔާތައް ސިއްރު ކޮށްފައި އެބަހުއްޓެވެ. އަދި މި އަނިޔާތަކުގެ ޝިކާރަޔަކަށްވެ އެތަކެއް ފަހަރަކު މިއަނިޔާގައި އެހޭދަކުރަނީ ކިހާ ދުވަހެއްވަންދެން ކަން އެނގޭ ހެއްޔެވެ. އެކަންކަން އެހެން ހިނގަނީ ކުއްޖާ އެގޮތްބޭނުން ވާތީއެއް ނޫނެވެ. ސަލާމަތަށް އެދި އަތް ދިއްކޮށްލާނޭ މީހަކު ނެތުމުން ގޮތްހުސްވެފައި ވާތީއެވެ. ބައްޕަ ނުވަތަ ދޮންބައްޕަ، ނޫނީ އާއިލާގެ ކޮންމެވެސް އެހެން މީހެއްގެ ފަރާތުން ލިބެމުން އަންނަ އަނިޔާތައް މަންމައިންނަށް ކިޔައިދިނުމުން، އެކަން އެމީހުނަށް އެނގޭ ވަގުތުން ފެށިގެން، މަންމައިންނަށް އަނިޔާކޮށް އެތަކެއް އިންޒާރެއްދީ ހަދާފައި ވެއެވެ. މަންމައިންގެ ދޫތަކުން ދަރިންނަށް އިވެމުން އަންނަ ބަސްތަކަކީ މިއަދު މަންމައިންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. ބައްޕަގެ އިންޒާރުތަކަށް ބިރުން ސިހި ގޮތް ހުސްވެފައި ތިބޭކަމަށް ދަރިފުޅަށް ވިސަނައި ދެއެވެ. އެފަދަ މީހުން މަންމައިންގެ އެހަނުހުރުމުގެ ފައިދާ ނަގަނީ އެކަންކަން ކުރުމަށް އިތުރު ހިތްވަރަކާއި އެކުއެވެ. އަދި ގޯހެއް ނުހިނގާނޭ ކަމުގެ ޔަގީންކަމަކާއި ވެސް އެކީގައެވެ. ބިރު ފަހަނައި އަޅާ ގޮސްފައި ތިބޭ ހާލުގައެވެ. އެމީހުން ކުރަމުން އަންނަ އެމުޑުދާރު އަމަލުތައް ސިއްރުކޮށް އެއަމަލުތައް ކުރުމަށް މަންމައިންގެ އެހީ ހޯދުމަށްވެސް މަޖުބޫރު ކުރުވި މީހުންގެ އަދަދު މަދެއްނޫނެވެ. އެކި ގޮތްގޮތަށް މަންމައިންނަށް ބިރުދައްކާ އަނގައިގައި ޓޭޕް އެޅުވީއެވެ.
މިއީ ވަރަށް ބޮޑަށް އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެކެވެ. ބައެއްގެ ވިޔާނުދާ ހަޑިމުޑުދާރު އަމަލުތަކެއްގެ ސަބަބުން އަޅުގަނޑުމެންގެ ޅަދަރީންގެ މުޅި ދިރިއުުޅުން ވިއްސި ވިހާލި ވެގެން އެދަނީއެވެ.
ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހިތަށްވެސް އަރުވާ ނުލެވޭ ވަރުގެ އެތަކެއް އަނިޔާ ތަކެއް އެދަރީންނަށް އެދަނީ ލިބެމުންނެވެ. ގޭތެރޭގައި މައިންބަފައިންނަށް މިކަންކަން އެނގިހުރެ ފިޔަވަޅު ނޭޅުމުން، އެދަރީންގެ ހިތުގައި މައިންބަފައިންގެ މައްޗަށް ކިހާ ނަފުރަތެއް އުފެދޭނެ ހެއްޔެވެ.
ފެށުނީއްސުރެ ކުއްޖާއަށް އެއަނިޔާދޭ މީހުންގެ ކިބައިން ބަދަލު ހިފުމުގެ ރޫހު ނުއުފެދި ހިނގައިދާނެ ހެއްޔެވެ. މިކަންކަމުގެ ސަބަބުން އެދަރީންގެ މުސްތަގުބަލު ބަނަވެ، ކުށުގެ ނުރައްކަލަށް ހުށަހެޅޭނީ މީގެތެރެއިން ކިތަކެއް ކުދީން ހެއްޔެވެ. ދަރީން އެހިސާބަށް ދާން އެޖެހެނީ ކީއްވެ ހެއްޔެވެ؟ އަނިޔާއިން ސަލާމަތް ވުމަށް އެހީތެރިކަމަށް އެދެން ތިބި ފަރާތްތަކުންވެސް އެހީތެރިކަން ނުލިބި ފަސްޖެހުނީމައެވެ. އަދި އެނގި ހުރެ މިކަން ސިއްރު ކުރީމައެވެ. މިކަންކަމާއި ގޮތް ހުސްވުމުން އެކުދީންގެ ހިތުގައި ނަފުރަތުގެ އަލިފާން ރޯވެ ބަދަލު ހިފުމުގެ ރޫހު ހިތުގައި އަށަގަތީއެވެ. ބައެއްގެ އިހުމާލުވުމުގެ ސަބަބުން ކުށެއް ނެތް ޅަދަރީން ތަކެއް ކުށުގެ ވެއްޓަށް ހުށަހެޅުނީއެވެ. މިއަދުވެސް މިފަދަ އިހުމާލު ތަކެއްގެ ސަބަބުން ކުށުގެ ވެއްޓަށް ހުށަހެޅި މި މުޖުތަމައުން އެކަހެރިކޮށް ބާކީކޮށް ލެވިފައި އެތިބީ ކިތަކެއް ޅަދަރީން ހެއްޔެވެ. މިއީ އަޅުގަނޑުމެން މިކަންކަމާއި ވިސްނާ ކަންބޮޑުވާން ޖެހޭވަރުގެ މައްސަލަ ތަކެކެވެ.
ވިސްނާލަ ބަލާށެވެ. އެދަރީންގެ ފަރާތުން އަޅުގަނޑުގެމެން ކިހާ ފޮނި އުންމީދު ތަކެއް ކުރާނެ ހެއްޔެވެ. އެދަރީންނަކީ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަމެވެ. މާދަމާގެ މުސްތަގުބަލެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއްގެ ސަބަބުން އެދަރީންގެ މުސްތަގުބަލު ބަނަކޮށްލާ، އަނދަވަޅެއްގެ ތެރެއަށް ވައްޓާލެވެނީއެވެ.

ބެލެނިވެރީން މިކަމުގައި ވަރަށް ބޮޑަށް ފާރަވެރިވާން ޖެހެއެވެ. ދަރީންގެ މުސްތަގުބަލަށް ވިސްނާކަމުގައި ވާނަމަ ބިރުނުގަންނާށެވެ. ޖިންސީ އަނިޔާ ލިބެނީ، ކޮންމެ ބަޔެއްގެ ފުށުންކަމުގައި ވިޔަސް އެދަރީންގެ ހައްގުގައި، އެމީހުންގެ އެމުޑުދާރު އަނިޔާތަކާއި ދެކޮޅަށް ހިތްވަރާއިއެކު ތެދުވާށެވެ. އެފަދަ ގޮތްކުޑަ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ހިނގާށެވެ. ނޫނީ ގޭތެރޭގައި ގެވެށި އަނިޔާގެވެސް އިތުރު މައްސަލަތައް ފެެންމަތިވާން ފެށުމަކީ ދުރުގައިވާނެ ކަމެއްކަމުގައިވެސް ދެކެވޭކަށެއް ނޯންނާނެއެވެ.
މިރާއްޖޭގައިވެސް ކުޑަކުދިންނަށް ޖިންސީ ފުރައްސާރައާއި ގޯނާކުރާ ފަރާތްތަކަށް ޤާނޫނުގައި ހަރުކަށި އަދަބުތަކެއް ދިނުމަށް އެއޮތީ ވަރަށް ސާފު ގޮތެއްގައި ލިޔެވިފައެވެ. އަދި އެކުދީންގެ ހައްގުތަކުގެ ވާހަކަތައްވެސް ވަރަށް ސާފު ކޮށް އެއޮތީ ބުނެދީފައެވެ. އެފަދަ ކުދީންގެ ހައްގުގައި އަޅުގަނޑުމެން ތެދުވަން ޖެހެއެވެ. އެފަދަ މުޑުދާރު އަމަލުތައް ކުރަމުން އަންނަ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ކުޑަކަކުލަށް ތިރިކުރެވެން ޖެހޭނެއެވެ. އަދި ހަރުކަށި އަދަބުދީ ކުށުގެ އިހުސާސް ކުރުވެންވެސް ޖެހޭނެއެވެ. ނަމަވެސް މިކަންކުރެވޭނީ އެފަދަ ކަންކަމުން ދަރިން ސަލާމަތް ކުރުމަށް ވަރަށް ހިތްވަރު ހުރެގެންނެވެ. މިފަދަ މައްސަލަ ތަކުގައި މޫނަށް ކަނދުރާއަކަށް ބެލެވޭކަށް ނޯންނާނޭކަން ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ.
އެދަރީންގެ ހައްގުގައި ކެރިގެން ތެދުވާށެވެ. އަންގަން ޖެހޭ ފަރާތްތަކަށް ވަގުތުން އަންގާ އެފަރާތްތަކުގެ އެހީ މިކަމުގައި ހޯދާށެވެ.
މިއީ އަޅާނުލާ ދޫކޮށްލައިގެންވާނޭ ކަމެއް ނޫން ކަމެއް ކަމުގައި ދެކެގެން، ދައުލަތުންވެސް އެފަދަ ކުށަށް އަރައިގަންނަ ފަރާތްތަށް ހުއްޓުވަން ޖެހެއެވެ. އަދި މައްސަލަތައް ވީއެންމެ އަވަސްމިނެއްގައި، ތަހުގީގު ކުރުމަށްފަހު ޖިނާއީ ދައުވާ އުފުލާ ޤާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބުދީ ތަންފީޒު ކުރަން ޖެހޭނެއެވެ.
މިފަދަ އަނިޔާތައް ސިއްރު ނުކުރާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *