ކަންބޮޑުވުންތަކުން ސަލާމަތްވެ ހުންނަން ކުރެވިދާނެ 3 ކަމެއް

ދިރިއުޅުމުގައި ކަންކަން ދިމާވެފައިވާ ގޮތުން އަބަދުހެން ހާސްވެ ކަންބޮޑުވުންތަކުގައި އުޅެންޖެހިފައިވާތީ ފިކުރުތަކާއި ދުރުހެލިވާން، ކަންބޮޑުވުންތަކުން ސަލާމަތްވެ ހުންނަން ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.

މިގޮތުން ކުރެވޭ ސުވާލުތަކަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ.

އިންސާނުންގެ ޙަޔާތުގައި މިވަނީ ދެބާވަތެއްގެ ކަންކަމެވެ. އެއީ އެކަމެއްގެ މައްޗަށް އަމިއްލަ ބާރު ހިންގުމުގެ އިޚްތިޔާރު ދެއްވަވާފައިވާ ކަންކަމާއި ނުދެއްވަވާ ކަންކަމެވެ.

ތިބާއަށް ކުރިމަތިވެފައިވަނީ އަމިއްލައަށް ޙައްލުކުރުމުގެ އިޚްތިޔާރު ދެއްވަވާފައިވާ ކަމެއްނަމަ އެކަމެއް ޙައްލުކުރަން މަސައްކަތްކުރާށެވެ. ނޫންނަމަ އެކަން ﷲ ތަޢާލާއަށް ވަކީލްކުރާށެވެ. އެކަމެއް ﷲ ތަޢާލާ ޙައްލުކޮށްދެއްވަވާނެކަން ޔަޤީންކޮށް އެވަގުތަށް ކެތްތެރިކަމާއިއެކު އިންތިޒާރުކުރާށެވެ! ހަމައެއާއިއެކު ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކުރަން މަސައްކަތްކުރާށެވެ.

އީމާންކަމުގެ ރަހަ ލިބިގަންނާށެވެ! އީމާންކަމުގެ ރަހަ ލިބޭނެ 3 ކަމެއް ރަސޫލް (ﷺ) ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ.

ޙަދީޘްފުޅުގައި ވަނީ "3 ކަމެއް މީހަކު ޤަބޫލުކޮށްފިނަމަ އެމީހަކަށް އީމާންކަމުގެ ރަހަ ލިބޭނެކަމަށެވެ. އެއީ:

1 ކާއިނާތުގެ މިލްކުވެރިފަރާތަކީ ހައްދަވައި ގެންގުޅުއްވަވާ އިލާހުކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކޮށް ކަށަވަރުކުރުން.

2. ދިރިއުޅުމަށް އެންމެ މަތިވެރި ނިޒާމަކީ 7 އުޑުމަތިން ﷲ ތަޢާލާ ބާވައިލައްވަވާފައިވާ ނިޒާމްކަން ހިތުގެ އަޑިން ޤަބޫލުކުރުން.

3. ބާއްޖަވެރިކަން ލިބުން ވަނީ މިއުންމަތުގެ ނަބިއްޔާ މުޙައްމދު (ﷺ) އަށް ތަބަޢަވުމުން ކަމަށް ހިތުގެ އަޑިން ޤަބޫލުކުރުން."

ޙަދީޘްފުޅުގައިވަނީ މި 3 ކަންތައް މީހަކު ޤަބޫލުކޮށްފިނަމަ އެމީހަކަށް އީމާންކަމުގެ ރަހަ ލިބިގެންދާނެ ކަމަށެވެ. އެ ރަހަ ލިބުމުން އެމީހަކު ހުންނާނީ ބާއްޖަވެރި މީހެއްގެ ގޮތުގައެވެ. އެހިސާބުން އެމީހެއްގެ ޙަޔާތުގައި ދިމާވާ ދަތި އުނދަގޫތަކުގެ ސަބަބުން ހަމަޖެހުން އެމީހަކަށް ގެއްލިގެން ނުދާނެއެވެ. ޓެންޝަނަށް، ޑިޕްރެޝަނަކަށް ނުވެއްޓޭނެއެވެ. އިން ޝާ ﷲ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *