ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތަކަށް 75 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބޭނުންކުރާ ލޯގޯ ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި މި ފެސްޓިވަލްގައި ލޯގޯ އިފްތިތާހުކޮށްދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ އެވެ.
ދިވެހި ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭވިފައިވާ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ގޮތުން އެފްއޭއެމުން ވަނީ، "ޑައިމަންޑް ޖުބިލީ ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލައިފައެވެ. މި ކޮމިޓީގެ ޗެއާޕާސަނަކަށް ހަމަޖައްސާފައިވަނީ، ތަޖުރިބާކާރު ކޯޗު، އަލީ ސުޒޭން އެވެ.
ރާއްޖޭގައި ފުޓްބޯޅައިގެ ފެށުން ކަމަށް ބަލަނީ، އެންމެ ފުރަތަމަ ޤައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތެއް ބޭއްވި 1950 ވަނަ އަހަރު ކަމަށެވެ. އެހެންކަމުން، ފުޓްބޯޅަ އަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، 2000 ވަނަ އަހަރު ވަނީ "ގޯލްޑެން ޖުބިލީ" ގެ ނަމުގައި އެ އަހަރު ފޯރިގަދަ ސަރަހައްދީ ފުޓްބޯޅަ މުބާރާތެއް ބާއްވައިފައެވެ.
