ރާއްޖޭގެ ސިވިލް ސާރވިސް މުވައްޒަފުންނާއި އެއްގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ގިންތިކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ކުރެންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކައުންސިލްތަކަކީ މިހާތަނަށް އައިއިރުވެސް ވަރަށް ދަށް ގްރޭޑަކުން ގިންތިކުރެވިފައިވާ އިދާރާތަކެއްކަން ހާމަކުރައްވައި، ކައުންސިލްތައް ހަތަރު ވަނަ ގްރޭޑުގައި ގިންތި ކުރެވިފައިވީނަމަވެސް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ބުރަ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމަކީ ވަރަށް ބޮޑަށް އިސްކަންދޭ އަދި އެކަމަކަށް ވަރަށް ބޮޑަށް އެއްބާރުލުންދީ ކުރިއަރުވަން މަސައްކަތް ކުރައްވާ ނިޒާމެއް ކަމަށާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ގްރޭޑު، ހަތަރަކުން ތިނަކަށް ގެންދިއުމަށް ކުރިން ވާހަކަދެކެވިފައިވާކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް މި ސަރުކާރުން ނޮވެމްބަރ 1 ގައި ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒްކޮށް ރާއްޖޭގެ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް، ހަތަރަކުން އެކަކަށް، ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ގިންތިކޮށް، މަތިކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އެއް މައްސަލައަކީ ބަނދަރު އަދި ބަނދަރާއި ގުޅިފައިވާ މައްސަލަތައްކަން ފާހަގަކުރައްވައި، ބަނދަރުގެ މަޝްރޫޢު ކުރިއަށްގެންދާއިރުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުވާގޮތަށް ބަނދަރުގެ މަސައްކަތް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެގޮތުން ރޭންޕަކާއި އެއްގަމު ތޮށީގެ މަސައްކަތްތައް ކީވޯލް ޖަހައި، ތޮށިގަނޑަށް ބަދަލުތަކެއް ގެނައުމާއި ނެރުފައިކަށްޓައްވެސް މުހިންމު ބަދަލުތަކެއް ގެންނަން ބޭނުންފުޅުވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހުރިހާ މަސައްކަތެއް ހިމެނޭހެން މަސައްކަތް ގެންދަވާނީ ރަށު ރައްޔިތުންގެ އުންމީދުތައް ހާސިލްވާގޮތަށް ކަމުގައި ވިދާޅުވެފައެވެ.
