ގުޅީފަޅުން ގޯތި ލިބުނު 2000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފި

ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފެށީ، މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.

ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޖުމްލަ 2032 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ކުރިން އެ ވުޒާރާ ހިންގި އިމާރާތުގެ ބިމުގައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއި ގުޅިގެން، ގޯތީގެ ޕްލޮޓް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާތީ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. އަދި އޭގެ ސަބަބުން ކުރިން ގޯތި ލިބި ރަޖިސްޓްރީ ދޫކުރި ޕްލޮޓްތައް ބަދަލުވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ގޯތި ލިބިފައިވާ ފަރާތްތައް ރަޖިސްޓްރީއާ ޙަވާލުވުމަށް އަންނައިރު، ގޯތި ލިބިފައިވާ ފަރާތް ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަން ޖެހެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް އަންނަނަމަ، ޕަވަރ އޮފް އެޓަރނީގެ އަސްލު އަދި ޕަވަރ އޮފް އެޓަރނީ ލިބިފައިވާ ފަރާތުގެ އައިޑީ ކާޑުގެ އަސްލު ގެންދަން ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *