އިސްލާމީ އަންހެން ޝަޚްޞިއްޔަތު- އަރުވާ ބިންތި އިބްނު މުޙައްމަދު

އަރްވާ ބިންތި އިބްނު މުޙައްމަދަކީ ޔަމަނުގެ ސުލޭހީ ދައުލަތުގައި އެންމެ ގިނަދުވަހު ވެރިކަން ކުރެއްވި ޚަލީފާއެވެ. އެކަމަނާއަކީ ސުލޭހީ ދައުލަތުގައި އެންމެ ފަހުން ވެރިކަން ކުރެއްވި ވެރިޔާގެ އިތުރުން ޔަމަނުގެ މުސްލިމް ދަޢުލަތެއްގައި ހަމައެކަނި ވެރިކަން ކުރެއްވި ކަމަނާއެވެ. އެކަމަނާ އުފަންވެ ވަޑައިގަތީ ޔަމަންގެ ހަރާޒް އަށެވެ. އެކަމަނާ ވެވަޑައިގަތީ ސުލޭހީ ދައުލަތުގެ ބާނީ ޢަލީ ބިން މުޙައްމަދަށް ބޮޑުބޭބެ ވިދާޅުވާ ކުއްޖަކަށެވެ. ވަރަށް ޅައުމުރުފުޅުގައި ޔަތީމުވެވަޑައިގަތުމުން އަސްމާ ބިންތް ޝިހާބުގެ ދަރިވަރެއްގެ ގޮތުގައި ގަނޑުވަރުގެ ތެރޭގައި ބޮޑުފުޅުވިއެވެ.

އުމުރުން 17 އަހަރުގައި އަރުވާގެ ދެބެންގެ ދެދަރި އަޚެއް ކަމުގައިވާ އަލް މުޙައްރަމް އަޙްމަދާއި ކައިވެނި ބައްލަވައިގަތެވެ. އެއީ ސުލޭހީ ދައުލަތުގެ ބާނީ ޢަލީ ބިން މުޙައްމަދުގެ ދަރިކަލުންނެވެ.  ރާނީ އަސްމާއަކީ އަރުވާގެ މައިދައިތައެވެ. ޚަލީފާ ޢަލީ އަވަހާރަ ވުމުން ދަރިކަލުން އަލް މުޙައްރަމްގެ ވެރިކަން ކުރުމުގައި ރާނީ އަސްމާއަށް އަރްވާ އެހީތެރިވެވަޑައިގަތެވެ. ސަބަބަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފިރިކަލުން މުޙައްރަމް ވާގިނެތި އެނދުގައި އޮންނަވަން ޖެހިވަޑައިގަތުމެވެ.

ސުލޭހީ ވެރިކަމަކީ ޔަމަނަށް ތަރައްގީއާއި ކުރިއެރުމާއި އެންމެ ބޮޑު ތަހުޒީބެއް ގެނެސްދިން ވެރިކަމެކެވެ. މީލާދީން 1047 އަހަރު މިދައުލަތުގެ ބާނީ ޢަލީ ބިން މުޙައްމަދު ސުލޭހީއަކީ ގިނަ ގަބީލާތަކަކާއި ހަނގުރާމަ ކުރައްވާ ޔަމަނަށް ސުލްހަޔާއި ތަރައްގީ ގެނެސްދެއްވި ބަތަލެކެވެ.

މީލާދީން 1046  ވަނައަހަރު ޚަލީފާއެއްގެ ގޮތުގައި ޢަލީ ބިން މުޙައްމަދު ހަމަޖެހުމުން ސިފައިންގެ ފައުޖުތައް ހަދާ ޔަމަންގެ ހަރާޒިލް ފަތަހަކޮށް ސުލޭހީ ދައުލަތް އުފެއްދިއެވެ. އޭގެ އެއް އަހަރު ފަހުން މުޅި ޔަމަން ފަތަހަކޮށް މައްކާވެސް ސުލޭހީ ދައުލަތުގެ ބާރުގެ ދަށަށް ގެނައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޢަލީ ބިން މުޙައްމަދު އަވަހާރަވުމުން އޭނާގެ ދަރިކަލުން އަލް މުޙައްރަމް އަޙްމަދު ވެރިކަމާއި ހަވާލުވެ ވަޑައިގަތެވެ. ނަމަވެސް ޔަމަނުގައި ކުރަމުން ދިޔަ ހަނގުރާމަތަކުގެ ސަބަބުން މުޅި ޔަމަންގައި ސުލޭހީ ދައުލަތުގެ ވެރިކަމުގެ ބާރުތައް މަޑުމަޑުން ދަށްވެ ސަރަހައްދުގެ ކޮންޓްރޯލް ދޫވާން ފެށިފައެވެ. ޚާއްސަކޮށް ވެރިރަށް ސަންޢާ ދުޝަމަނުން ކަމުގައިވާ ނަޖާހިދުންގެ އަތް ދަށުވިއެވެ. އަދި ޢަލީ ބިން މުޙައްމަދުގެ އަނބިކަނބަލުން ނުވަތަ އަލް މުޙައްރަމް އަޙްމަދުގެ މަންމާފުޅު އަސްމާ ބިންތި ޝިހާބު ދުޝްމަނުންގެ އަތްދަށުގައި ރަހީނުވިއެވެ. އޭރުވެސް އަރުވާ ހުންނެވީ ދައުލަތަށް ޚިދުމަތްކުރެއްވުމުގެ އިތުރުން ފިރިކަލުންނަށް އެހީތެރިވެވަޑައިގަތުމުގައެވެ.

އަލް މުޙައްރަމް އަޙްމަދުގެ މަންމާފުޅު އަސްމާ ބިންތި ޝިހާބު ދުޝްމަނުންގެ އަތްދޮށުން މިނިވަން ކުރައްވާ ވެރިކަމުގައި އެކަމަނާގެ އެހީތެރިކަން ހޯއްދެއްވިއެވެ. އަދި އަނބިކަނބަލެއްގެ ގޮތުގައި އަރްވާ ހުންނަވާ އަލް މުޙައްރަމް އަޙްމަދު ވެރިކަން ކުރެއްވުމަގައި ރާނީ އަސްމާއާއިއެކު މީލާދީން 1047 ހަމައަށް އެހީތެރި ވެދެއްވިއެވެ. މީލާދީން 1086 ގައި  އަރްވާގެ ފިރިކަލުން ނުވަތަ ޔަމަންގެ ޚަލީފާ އަވަހާރަ ވުމުން ރަސްމީކޮށް އަރްވާ ވެރިކަމާއި ހަވާލުވެ ވަޑައިގަތެވެ.

އެޒަމާނުގައި އަންހެނުން ވެރިކަން ކުރުމަކީ ތާރީޚުގައިވެސް ހިނގާފައިވާ ކަމެއް ނޫނެވެ. އެކަމަނާގެ މައިދައިތަ އަދި ރާނީ އަސްމާއާއި އަރްވާ ހިމެނުނީ މުސްލިމުންގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ވެރިކަން ކުރެއްވި އަންހެން ބޭފުޅުންގެ ގޮތުގައެވެ. މުސްލިމުން ހުކުރު ދުވަހު ކިޔާ ހުކުރު ޚުތުބާގައި އަރްވާގެ ނަންކިޔައި އެއީ މުސްލިމުންގެ ވެރިޔާ ކަމުގައި އެޑްރެސް ކުރެއެވެ.

އަރްވާއަކީ ހިތްވަރުގަދަ، ޢަޒުމްވަރުގަދަ، ކުރާކަމެއްގައި ދެމިހުންނެވި ޖެހިލުން ކުޑަ އަންހެން ބޭފުޅެކެވެ. އިންތިހާއަށް ރީތި، ކިޔެވުމުގައި ހިތްއަލި، ކަންކަން އަވަހަށް ދަސްކުރާ ހުޝިޔާރު އަންހެން ބޭފުޅެކެވެ. އެކަމަނާއަކީ ސައެންސާއި، ގުރުއާނާއި، ހަދީޘް ޢިލްމާއި، ޅެންވެރިކަމާއި، ލިޔުންތެރިކަމުގައި ފާހަގަ ކުރެވޭ މޮޅު އަންހެން ބޭފުޅެކެވެ.

ޔަމަން ގައި ހުންނަ ރާނީ އަރުވާގެ މިސްކިތް އަދި މަގުބަރާ

އެކަމަނާގެ ވެރިކަމުގައި ސަންޢާގައި 3 މިސްކިތެއް ބިނާ ކުރެއްވިއެވެ. މަގުތަކާއި ސްކޫލުތަކާއި ޤައުމުގެ އިންފުރާންސްޓްރަކްޗަރ ބިނާ ކުރެއްވިއެވެ. ޔަމަންގެ ވެރިރަށް ސަންޢާއިން ޖިބްލާއަށް ބަދަލު ކުރައްވާ ވެރިކަމުގެ ގަނޑުވަރު ޖިބްލާގައި އިމާރާތް ކުރައްވިއެވެ. އަދި ދުޝްމަނުންނާ ހަނގުރާމަ ކުރައްވާ ދުޝްމަނުން ބަލިކުރެއްވިއެވެ. (އެ ގަނޑުވަރަކީ މިހާރު މިސްކިތެއްގެ އިތުރުން އަރްވާ ފަސްދާން ލެވިފައިވާ މަޤްބަރާވެސް ހިމެނޭ ތަނެވެ.) އަރުވާގެ ފުރަތަމަ އަމާޒަކަށް ވެވަޑައިގަތީ ޤައުމުގެ އިގްތިޞާދު ރަނގަޅު ކުރެއްވުމެވެ. އެގޮތުން ދަނޑުވެރިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވިއެވެ. ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްގީ ކުރައްވާ ފުޅާކުރެއްވިއެވެ.

އަރުވާގެ ފުރަތަމަ ފިރިކަލުން އަވަހާރަ ވުމުން ސުލޭހީ ދައުލަތުގެ ވެރިކަން ބީވެގެން ހިގައިދާނެތީ، އެކަމުގެ ބިރަށްޓަކައި ދެބެންގެ ދެދަރި ކުއްޖެއް ކަމުގައިވާ ސަބާ އަޙްމަދުއާއި ކައިވެނި ބައްލަވައިގަތެވެ. އަރްވާއަކީ ސުލޭހީ ދައުލަތުގެ އެންމެފަހުގެ ޚަލީފާއެވެ. އަވަހާރަވީ މީލާދީން 1138 ވަނަ އަހަރުއެވެ. އެއީ މުސްލިމް އަންހެން ލީޑަރުންނަށް ނަމޫނާއެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *