މިއަދުން ފެށިގެން 3 ދާއިރާއެއްގެ މުސާރަ ބޮޑުވާނެ

ސަރުކާރުން ޢިއުލާންކުރައްވާފައިވާގޮތުގެ މަތިން، 3 ދާއިރާއެއްގެ މުސާރަ މިއަދުން ފެށިގެން ބޮޑުވާނެއެވެ. ދައުލަތުގެ އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާވަނީ ކަނޑައަޅާފައެވެ.

ދައުލަތުގެ ބައެއް އިދާރާތަކުގެ މުސާރައަށް އެކި ދުވަސްވަރު ގެނެވުނު ބަދަލުތަކާއެކު އެހެން ދާއިރާތަކުގެ މުސާރާއިގެ ފަރަޤުވަނީ ބޮޑުވެފައެވެ. އެހެންކަމުން ދައުލަތުގެ ޕޭފްރޭމް ވޯކް ހަރުދަނާކޮށް މުސާރަ އެއްހަމަކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

މިގޮތުން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ މުވައްޒަފުންގެ އިތުރުން މިހާތަނަށް މުސާރަ ބޮޑުނުވެ ތިބި ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. މިދިޔަ ސެޕްޓެމްބަރު ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާ ކުރެއްވި ޕޯސްޓެއްގައިވަނީ އަންނަ 2026 ވަނަ އަހަރު، އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަމަވެގެންދާނެކަމަށް ވިދާޅުވެފައެވެ.

މުސާރައާއި ގުޅޭ ސިޔާސަތުތަކަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ބަދަލުތަކާއި ގުޅިގެން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައިވަނީ މުސާރަ އެއްހަމަކުރުމަށް، 1.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ.

މުސާރަ އެއްހަމަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ޢިއުލާންކުރެއްވިކަމެކެވެ. މިދައުރުގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެންނެވުމަށް ސަރުކާރުންދަނީ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މިހާރުވަނީ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރައްވާފައެވެ. މީގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ކުރިން ދެމުންދިޔަ އެލަވަންސަކީ ރަސްމީ މުސާރާއިގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ހަމަޖައްސަވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *