އިމިގްރޭޝަންގެ 70 ވަޒީފާއަށް އެދި 500 އަށް ވުރެ ގިނަ މީހުން

މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލި ވަޒީފާގެ 70 ފުރުޞަތުގެ އިންޓަވިއުގައި 500 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން 70 ވަޒީފާ ހުޅުވާލީ އެ އޮފީހުގެ އޮފިސާ ޓްރެއިނީސްގެ މަގާމަށެވެ. އިންޓަވިއު ކުރިއަށްގެންދިޔައީ ނޮވެމްބަރު 1 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 4:30 އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސަލާޙުއްދީން ސްކޫލުގައެވެ.

އިމިގްރޭޝަނުން ބުނީ އިންޓަވިއުތަކަށް ލިބުނު ބޮޑު ތަރުހީބުގައި 500 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވި ކަމަށެވެ. އިއްޔެ އެއްކޮށް ސަލާޙުއްދީނުގައި އިމިގްރޭޝަނުން ކުރިއަށްގެންދިޔައީ އިންޓަވިއު ކުރުމުގެ މަރުޙަލާއެވެ.

އިންޓަވިއު ކުރިއަށްދިޔަ ސަލާޙުއްދީން ސްކޫލަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙު އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން ވަޑައިގެންނެވިއެވެ.

އިމިގްރޭޝަނުން ފުރަތަމަ ގެންދިޔައީ ސްކްރީން ކުރުމުގެ މަރުޙަލާއެވެ. އެގޮތުން ސްކްރީން ކުރުމަށްފަހު ޝަރުތު ހަމަވާ ކުދިންނަށް އިމްތިހާނެއް ދީފައިވެއެވެ. އަދި، އިމްތިހާނަށް ފަހު ވަޒީފާއަށް ހޮވޭ ފަރާތްތައް ވީހާވެސް އަވަހަކަށް ވަޒީފާއަށް ނެރުމުގެ އިންތިޒާމުތައް ހަމަޖައްސާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މިފަހަރު ހުޅުވާލި ވަޒީފާތަކަށް ހޮވޭ ޒުވާނުން ނަގާނީ މާލެ ސަރަޙައްދުގައި ހުންނަ އިމިގްރޭޝަން އޮފީސްތަކަށެވެ. އޭގެތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ދެ ޓާމިނަލާއި ސީޕޯޓް އަދި ވިސާ ސާވިސްގައި ޑިއުޓީ ކުރުމަށް ހަމަޖައްސާނެކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *