ނޮވެމްބަރު 3 ގެ ޝަރަފުގެ ޚާއްސަ އައްޑަނަ ރައީސް މައުމޫނަށް އަރުވައިފި

ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެމްބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ އަރުވައިފި އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މައުމޫނަށް މި އައްޑަނަ އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ، އެ ދުވަހުގެ އުދުވާނީ ހަމަލާ ނާކާމިޔާބު ކޮށްލެއްވުމަށްޓަކައި އޭރުގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން ކުރެއްވި އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އެރުވި ޝަރަފުގެ އައްޑަނައެކެވެ.

ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ، އޭރުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ސަލާމަތާއި މިނިވަންކަން ދިފާއުކޮށް ދެމެހެއްޓުމަށް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާ އެކު ރައީސް މައުމޫން ކުރެއްވި މަސައްކަތްޕުޅާއި އެމަނިކުފާން ދެއްކެވި ސާބިތުކަމާއި ރައްޔިތުންގެ ހައްގުގައި އެޅުއްވި ފިޔަވަޅުތައް ފާހަގަކޮށްފަ އެވެ.

އެ ހަމަލާ ހިނގިތާ 37 އަހަރު ފަހުން އެމަނިކުފާނުގެ މި އަގުހުރި މަސައްކަތްޕުޅު ފާހަގަކޮށް، މިފަދަ ޝަރަފެއް އެރުވޭކަމީ ދައުލަތުން އެމަނިކުފާނުގެ އެ މަސައްކަތްޕުޅު ފާހަގަކުރައްވާ ކަމުގެ އަލިގަދަ ހެއްކެއްކަން ވެސް ޖަލްސާގައި ފާހަގަކުރި އެވެ.

ރައީސް މައުމޫނަށް ޝަރަފުގެ އައްޑަނަ އެރުވުމުގެ އިތުރުން ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލައިގައި ސިފައިންގެ ތެރެއިން ޝަހީދުވި ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ވަނީ އެބޭބޭފުޅުންގެ އާއިލާތަކަށް ހަނދާނީ އައްޑަނަ އަރުވައިފަ އެވެ.

ނޮވެމްންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނެވެ. އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *