މިއަދު އަޅުގަނޑާއި ދިމާވި އަންހެނަކު ބުނި ވާހަކައެއް ހިއްސާކޮށްލާނަމެވެ. "ބަންގަދޭޝްގެ 25 އަހަރުގެ ފިރިހެނަކު ދިވެހި އަންހެނަކާ އިންނަން ބޭނުން. ހެޔޮ ދޮށީ އަންހެނަކަސް. ހުރިހާކަމެއް އޭނަ ކޮށްދޭނެ. އޭނާ އުޅޭނީ ރާއްޖޭގައި. މީހަކު ހުރިއްޔާ ބުނެލައްޗޭ." އަޅުގަނޑު މިވާހަކައަށް ވިސްނާލީމެވެ.
ފާހަގަކުރެވުނީ، ފާއިތުވި އަހަރުތަކުގައި ބަންގްލަދޭޝްގެ ފިރިހެނުންނާއި ދިވެހި ރާއްޖޭގެ އަންހެނުންގެ ކައިވެނިތައް ވަރަށް ގިނައިން ކުރެވިފވަކަމެވެ. މިއީ ކީއްވެގެން އާއްމުވަމުންދާ ކަމެއްބާވައެވެ؟ ދެގައުމުގެ މެދުގައި ހިޖުރަކުރުން އިތުރުވުމުގެ ބޭނުމުގައި ކުރެވޭކަމެއް ބާވައެވެ؟ ރެފިއުޖީ އެންޑް މައިގްރޭޓަރީ މޫވްމަންޓްސް ރިސާޗް ޔުނިޓް (އާރްއެމްއެމްއާރުޔޫ، 2024) އިން ބުނާ ގޮތުގައި ބަންގްލަދޭޝް މީހުން ތަމްސީލުކުރަނީ ރާއްޖެއަށް އެންމެ ގިނައިން ހިޖްރަކުރާ މީހުންނަށެވެ. މި ގާތްކަމުން ބައެއް ފަހަރު ކައިވެންޏަށް މަގުފަހިވާ އިޖުތިމާޢީ މުޢާމަލާތްތަކުގެ ފުރުޞަތުތައް އުފެދިފައިވެއެވެ. ބައެއް ގުޅުންތައް ބިނާވެފައިވަނީ ލޯބިން ކަމަށްވިޔަސް އަނެއްބައި ގުޅުންތައް ފެންނަނީ އިގްތިޞާދީ، އިޖުތިމާޢީ އަދި ގާނޫނީ ގޮތުން ފަސޭހަކަން ހޯދުމުގެ މައްޗަށެވެ.
މީގެ މައިގަނޑު އަސާސީ އެއް ސަބަބަކީ އިގްތިޞާދީ ފުރުޞަތެވެ. ބަންގްލަދޭޝްގެ ބައެއް ފިރިހެނުންނަށް ރާއްޖޭގެ އަންހެނަކާ ކައިވެނި ކުރުމަކީ ދިރިއުޅޭ ގައުމުގައި އިޖުތިމާއީ ހައިސިއްޔަތު ނުވަތަ ހަމަޖެހުން ރަނގަޅު ކުރުމަށެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވަކި ކައިވެނިތައް ކުރެވެނީ “ފަސޭހަ” އަށް ކަމަށްވާއިރު، ފިރިހެނުން ދިވެހި އަންހެނުންނާއި ކައިވެނި ކުރަނީ ރެޒިޑެންސީ ނުވަތަ ވަޒީފާގެ ފައިދާ ހޯދުމަށްޓަކައެވެ (އާރްއެމްއެމްއާރުޔޫ، 2024). އޭގެ ބަދަލުގައި ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކައިވެނީގެ ގާނޫނުތައް ހަރުކަށިކޮށް، ބިދޭސީ ފިރިހެނުން ރާއްޖޭގެ ރައްޔިތުންނާ ކައިވެނި ކުރުމުގެ ކުރިން އެންމެ ކުޑަމިނުން އާމްދަނީ ލިބޭ މިންވަރެއް ހަމަޖައްސަން ލާޒިމްކޮށްފަ އެވެ.
މިކަމަށް ބާރުފޯރުވާ އަނެއް ކަމަކީ ދީނީ އަދި ސަގާފީ އެއްގޮތްކަމެވެ. ބަންގްލަދޭޝް އާއި ރާއްޖެއަކީ ވެސް މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމުތަކެއް ކަމުން އަޅާކިޔާލެވޭ ސަގާފަތްތަކެއް ހުރުމުން ކައިވެންޏަށް ހުރި ހުރަސްތައް ކުޑަވެގެންދެއެވެ. (ދަ ޑިޕްލޮމެޓް، 2022). މީގެ އިތުރުން، އެކަށީގެންވާ ދިވެހި ފިރިހެނުން މަދުވުން ނުވަތަ އެކަނިވެރި މައިން ގިނަވުން މިކައިވެނިތައް ބައްޓަންކުރުމުގައި ދައުރެއް އަދާކުރެއެވެ.
މިފަދަ ކައިވެނިތަކުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކަށް ވިސްނުންތެރިކަން އިތުރުވެ، މުޖުތަމަޢުތައް ގުޅުން ރަނގަޅު ކުރެވިދާނެއެވެ. ނަމަވެސް ގިނަ ފަހަރަށް ގޮންޖެހުންތައް އުފެދެނީ އިޖުތިމާއީ ތަފާތުތަކާއި، ގާނޫނީ ހުރަސްތަކާއި، ސަގާފީ ތަފާތުތަކުގެ ސަބަބުންނެވެ. ރާއްޖޭގައި ބިދޭސީ ފިރިންނަށް ޤާނޫނީ އަދި އިޖުތިމާޢީ ތަފާތުކުރުންތައް ކުރިމަތިވާއިރު، އޭގެ ތެރޭގައި ރައްޔިތުކަން ނުވަތަ ދާއިމީ ދިރިއުޅުން ހޯދުމަށް ދަތިވުން ހިމެނެއެވެ (ޑިމޮކްރަސީ މޯލްޑިވްސް، 2025). ބައެއް ދިރާސާތަކުން ވެސް ދައްކާ ގޮތުގައި މި ފަދަ ކައިވެނިތަކުގެ ތެރޭގައި ވަރީގެ ރޭޓް މަތިވުމަކީ އިޖުތިމާއީ މައްސަލަތަކާއި އަދި ހަމަހަމަ ނުވާކަން ދައްކުވައިދޭ ކަމެކެވެ (ސާކް ކަލްޗަރ، 2013).
ރާއްޖޭގެ އަންހެނުންނަށް މިފަދަ ކައިވެނިތަކުން ޖަޒުބާތީ ނުވަތަ އިގްތިޞާދީ އެހީތެރިކަމެއް ލިބުނަސް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ހާލަތްތައް އުފެދެއެވެ. އިޖުތިމާއީ އަދި މާލީ ގޮތުން ބޮޑު ބިރުވެރި ކަމަކާ ކުރިމަތިވެ އެވެ.
"ގިނަ ފަހަރަށް ބަންގްލަދޭޝް ފިރިހެނުން މިކަންކަން މި ކުރަނީ މުޖުތަމަޢުގައި ހުރި ނިކަމެތި ނުވަތަ ވަލަނަރަބަލް އަންހެނުންނަށް. މިއީ އާއްމުވަމުން އަންނަކަމެއްކަމަށް ފާހަގަ ކުރެވޭ." އިމިގްރޭޝަންގެ މުވަޒަފެއް ފާހަގަ ކުރެއްވިއެވެ.
ވީމާ، މި ކައިވެނިތަކުން ރަނގަޅު ނަތީޖާތަކެއް އުފެދުނު ކަމުގައިވިޔަސް ގިނަފަހަރު މައްސަލަތައްވެސް ފާހަގަކުރެވެއެވެ. ވީމާ އާއިލާތަކުން މިކަމަށް ވިސްނުން އެއީ މުހިއްމު ކަމެކެވެ. މިކަމުގައި ބައިވެރިވާ ހުރިހާ ފަރުދުންނަށް އިންސާފުވެރިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދެ ގައުމުން ވެސް ހައްލުކުރަންޖެހޭ ނުތަނަވަސްކަމާއި ގަވާއިދުތަކާއި އިޖުތިމާއީ ތަސައްވުރުގެ މައްސަލަތައް ވެސް ފާހަގަކުރަންޖެހެއެވެ.
