ބީއެމްއެލްއިން ޓްރާންސްފާކުރަން ކިއުއާރް ކޯޑް ބޭނުންކުރެވޭ ގޮތް ހަދައިފި

ފަސޭހައިން އަދި އަވަހަށް ފައިސާ ޓްރާންސްފާ ކުރެވޭގޮތަށް ޕޭއެމްވީ ކިއުއާރްގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފަށައިފިއެވެ.

ބީއެމްއެލްއިން އިއްޔެ އާއްމުކުރި މައުލޫމާތުގައި ބުނީ، އަލަށް އިތުރުކުރި ފީޗަރ ބޭނުންކޮށްގެން ބީއެމްއެލްގެ އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ފޮނުވަން ބޭނުންވާ ފަރާތުގެ ކިއުއާރް ކޯޑް ސްކޭންކޮށްގެން ފައިސާ ފޮނުވުމުގެ އިތުރުން ފައިސާ ބަލައިގަނެވޭނެ ކަމަށެވެ.

ބީއެމްއެލްއިން ބުނީ އަލަށް ފެށި ޚިދުމަތާއެކު އެ ބޭންކް ވެގެންދާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް (އެމްޕީއެސްޑީ) މަޝްރޫޢުގެ ދަށުން ކަނޑައަޅާފައިވާ ޝަރުރުތައް ފުރިހަމަކުރި ފުރަތަމަ ބޭންކަށް ކަމަށެވެ.

"ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް، އައު ޕޭމަންޓް ސްޓޭންޑަރޑްއާ އެއްގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށް މަރުކަޒީ ބޭންކުން ވަނީ އިރުޝާދުދެއްވާފައި. ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދޭ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ ހައިސިއްޔަތުން، މި މަޝްރޫޢަށް ޢަމަލުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅު ބޭންކުން އެޅުމަކީ އަޅުގަނޑުމެން އުފާކުރާ ކަމެއް" ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން ކިއުއާރް ކޯޑް ސްކޭންކޮށްގެން އެކައުންޓުތަކަށް ފައިސާ ފޮނުވައި، އަދި ކިއުއާރް ކޯޑް ޖެނެރޭޓްކޮށްގެން ފައިސާ ބަލައިގަނެވޭނެ ކަމަށެވެ.

"އާ ފީޗަރއާއެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިން އެކްސްޕީރިއެންސް އިތުރަށް ފުރިހަމަވެގެންދާނެ" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ 20 އަތޮޅުގައި 42 ބްރާންޗް ހިންގައި 202 ސެލްފް ސަރވިސް ބޭންކިން ސެންޓަރ އޮޕަރޭޓްކުރަމުންނެވެ. އަދި، 262 އޭޓީއެމްގެ ޚިދުމަތާއި ޒަމާނީ އޮންލައިން ބޭންކިންގެ ޚިދުމަތް ބީއެމްއެލްއިން ވަނީ މުޅި ރާއްޖެއަށް ފުޅާކޮށްފައެވެ.

 

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *