ހިކުމަތް- ގޯސް ރަޙުމަތްތެރިންނާ ގުޅުމުގެ ނަތީޖާ

ދަރިފުޅާއެވެ! މައިންބަފައިން ބުނާ ބަސް އަހާށެވެ. އެމީހުން ދައްކާމަގުން ހިނގާށެވެ. އެހެނީ އެމީހުން ދޭ ފިލާވަޅުތައް ބޮލުގައި އަޅާ ޒީނަތުގެ ތާކިހަލެއް ފަދައެވެ. އަދި ކަރުގައި އަޅާ ބަރަކާތްތެރި ގިލަފައްޗެއް ފަދައެވެ.
ފާފަވެރިން ބުނާ ބަސްތައް އަހައި އެމީހުންގެ ވަސްވާސްތަކަށް ނުހެއްލޭށެވެ. އެމީހުން ބުނެފާނެއެވެ. ”އެންމެން ވެގެން މަޖަލަކަށް މަޢުސޫމު މީހަކު މަރާލަން ދަމާ ހިނގާށެވެ! އެމީހުން މިއަދު އެތިބީ ގަދަވެ ހެޔޮ ހާލުގައެވެ. އެކަމަކު އަހަރެމެން ކުރާކަންތައް ކޮށްނިމޭއިރު އެމީހުން ތިބޭނީ ކަށްވަޅުގައެވެ. އެމީހުންގެ އަގުބޮޑުތަކެތި ފޭރިގަނެ އަހަރެމެން ގެޔަށް ގެންދާނީއެވެ. ކަލޭ އަހަރެމެންނާ ބައިވެރިވެއްޖެނަމަ ކަލެއަށް ވެސް ބައި އަޅާދޭނަމެވެ.“

ދަރިފުޅާއެވެ! އެކަހަލަ މީހުން ހިނގާ މަގުން ނުހިނގާށެވެ. އެމީހުންނާ ދުރުހެލިވާށެވެ. އެމީހުންނަކަށް ނުބައި ކަމެއް ކޮށްނުލައެއް ނުތިބެވޭނެއެވެ. އަދި އެމީހުން ބޭނުންވާނީ އަވަސް ގޮތަކުން މީހަކު މަރާލުމަށެވެ. ދޫނިތައް ބަލަންތިއްބާ މަޅިޖެހުމަކީ ކިހާ މޮޔަކަމެއް ހެއްޔެވެ؟ އެމީހުން އެއްބަހެއް ކިޔާ އަހުދުވެގެން ގޮސް މީހަކު މަރާލައެވެ. އެކަމަކު އެންމެ ފަހުން އެމަޅީގައި ޖެހޭނީ ވެސް އެމީހުންނެވެ. ވަގު މުދަލުގެ ފަހަތުން އުޅޭ މީހުންނަށް އެންމެ ފަހުން ޖެހޭނީ އެމީހުންގެ ދިރިއުޅުމުން އަތް ދޮވެލާށެވެ.

އެކަނި ހުންނަން ޖެހުނަސް ނުބައި ރަހްމަތްތެރިންނާއި ގުޅުން ބަދަހި ނުކުރާށެވެ. އެމީހުންނަކީ ލިބެން އޮތް ހެވަށް ހުރަސް އަޅާ މީހާގެ މުޅި ދިރިއުޅުން ނަރަކައަކަށް ހަދާ ބައެކެވެ.

ރަހްމަތްތެރިން ވާންޖެހޭނީ ތިމާއާއި އެކުގައި ރޯންޖެހޭ ބަޔަކަށެވެ. ތިމާ ރޮއްވާ ބަޔަކަށް ވެގެން ނުވާނެއެވެ. ނުބައި ރަހުމަތްތެރިން އޭނާ ދުނިޔެ އުމަރަށް ރޯންޖެހޭ ހިސާބަށް ގެންދެއެވެ.

ހަރުދަނާ މީހުން އަނެކާއަކީ ކޮންކަހަލަ މީހެއްތޯ ބެލުމަށްޓަކައި އޭނާގެ ރަހްމަތްތެރިންނަކީ ކޮންކަހަލަ ބައެއްތޯ ބަލައެވެ. އެހެނީ ރަހްމަތްތެރިން ނުބައިވެއްޖެނަމަ އޭނާއަކީ ނުބައިމީހެކެވެ. ނުބައެއްގައި ހެވެއް ނުވެއެވެ.

ރަހްމަތްތެރިކަމަކީ ބިއްލޫރި ތައްޓެއްފަދަ ނާޒުކު އެއްޗެކެވެ. ނުބައި ރަހްމަތްތެރިންނާއި އެކުގައި ކުރެވޭ ކަމަކުން އެ ބިއްލޫރިތަށި ތަޅައިގެން ދެއެވެ. ހިތްވަރާ މަސައްކަތުން އެ ގުޅުވިޔަސް އޭގައި ރެނދު ހުރެއެވެ. އެމީހުގެ ނުބައިކަމުން ކުރެވުނު ނުބައިކަމަކުން ހަޔާތަށް ލިބޭ ގެއްލުމަކީވެސް އެފަދަ ކަމެކެވެ. މަރުވަންދެން އެމީހާގެ ހަޔާތުގައި ނުބައި އަމަލުގެ ލައްގަނޑު ހަރުލައެވެ.

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *