ގިނަ ބައަކު އަބަދުވެސް އުޅެނީ މާދަމާ ކުރަންޖެހޭ ކަމެއް ނުކުރެވިދާނެ ކަމުގެ ބިރަށް ހީބިހި ނަގައިގެންނެވެ. އެއީ ހަމަ މުޅިން ބޭކާރު ކަމެކެވެ. ބަޤަރާ ސޫރަތުގެ އެންމެ ފަހު އާޔަތް ކިޔައިލާށެވެ. "ﷲ، އެއްވެސް ނަފްސަކަށް ކުޅަދާނަވެގެންވާ މިންވަރަކަށް މެނުވީ ތަކްލީފެއް ނުޖައްސަވަމެވެ." މިފަދައިން ނެތް ހެއްޔެވެ؟ މިވަރުން ނުފުދެނީ ހެއްޔެވެ؟
މާދަމާ ކަމެއް ނުކުރެވިދާނެ ކަމަށް މިއަދު ނުވިސްނާށެވެ. ވިސްނަންވީ މިއަދުކުރަންޖެހޭ އެއްވެސް ކަމެއް ނުކުރެވިއޮވެ ދުވަސް ނިމިގެން ހިނގައިދާނެތީއެވެ. އެހެންވެ މިއަދު ކުރަން ޖެހޭ ކަންކަން ވީ އެންމެ ފުރިހަމައަށް ކުރާށެވެ! މާދަމާގެ ކަންކަމަށް ވިސްނާނީ މާދަމާއެވެ. މާދަމާ އެއްވެސް ކަމެއް ނުކުރެވިދާނެ ކަމަށް ވިސްނައި މިއަދު ކަންބޮޑުވުމެއް ނެތެވެ.
މާދަމާ ކުރަން ޖެހޭނެކަމަށް ޤަބޫލުކުރެވޭ ކަންކަން މިއަދު ރާވައިލުމަކީ މުޅިން ތަފާތު ކަމެކެވެ. އެއީ އެކަމެއް ކުރަން ތައްޔާރުވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް އެއިގެ މާނައަކީ އެކަމެއް ނުކުރެވިދާނެކަމަށްޓަކައި ކަންބޮޑުވުމެއް ނޫނެވެ. ކަންބޮޑުވާން ޖެހޭނީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަންކަން ނުކުރެވިދާނެ ކަމާއިމެދުގައެވެ.
މިއަދު ކުރަން ޖެހޭ ކަންކަން އިޚްލާޞްތެރިކަމާއިއެކު މިއަދު ކުރާ މީހާއަށް މާދަމާ ކުރަން ޖެހޭ ކަންކަން ކުރެވޭނެ މަގު ﷲ ތަޢާލާ ދައްކަވައިދެއްވަވާނެތެވެ. ބޭނުންވަނީ އިޚްލާޞްތެރިކަމާއި ހިތްވަރާއި ޢަޒުމެވެ. މާދަމާ ކުރަންޖެހޭނެ ކަމަށް ޤަބޫލުކޮށްގެން ހުންނަ ވަރަށް އުނދަގޫ ކަމެއް ލުއިކޮށްދެއްވަވާނީ ވެސް ހަމަ ﷲ ތަޢާލާއެވެ. ވީމާ ހުރިހާ ކަމަކަށްވެސް ގުޅުން ބަދަހިކުރަންވީ ﷲ ތާޢާލާ އާއިއެވެ.
މި ދެއްކި ވާހަކައިގައި އަޅުކަން ކުރުން ވެސް ހިމެނެއެވެ. ކަން ބޮޑުވާންވީ މިއަދު ކުރަންޖެހޭ އަޅުކަންތައްތައް ނުކުރެވިދާނެތީއެވެ. މިއަދު ކުރަންޖެހޭ އަޅުކަންތައްތައް ކުރާ މީހާއަށް މާދަމާ ކަންކަން ކުރެވޭނެ މަގު ﷲ ތަޢާލާ ދައްކަވައި ދެއްވަވާނެތެވެ. ކުރަންވީ ހަމައެކަނި ކަމަކީ އެކަމަށް މަސައްކަތް ކުރުމާއިއެކު ދުޢާ ކުރުމެވެ.
"މިއަދުކުރަންޖެހޭ ކަންކަން ތެދުވެރިކަމާއެކު ކުރާ މީހާއަށް މާދަމާކުރަންޖެހޭ ކަންކަމަށް މާފަސޭހައިން ﷲ ތަޢާލާ މަގުފަހިކުރައްވަވައި ދެއްވަވާނެ!" ކަމަށް މިބުނަނީ އެކަން އެގޮތަށް މެދުވެރިވާތީއެވެ. ކުޑަ މިސާލެއްވެސް ބުނެފާނަމެވެ. މިއަދު ޟުޙާ ނަމާދު ފަދަ ސުންނަތް ނަމާދުތައް ކުރަން އާދަވެފައި ތިބޭ މީހުން އެކަމުގައި ހިތްވަރުކޮށްލުމުން އެކަން އޮންނަނީ އެއްދުވަހަށްވުރެ އަނެއްދުވަހު ލުއި ފަސޭހަކަމަކަށްވެފައެވެ.
– އިސްލާމީ ތިލަފަތުގެ ދަރުސަކުން
