ރޯދަމަހު ކަރަންޓު ބިލް 400 ރުފިޔާއަށްވުރެ މައްޗެއްނުވާނެ: ރައީސް

ކުރިއަށް އޮތް ރަމަޟާން މަހު ޑޮމެސްޓިކް ރޭޓުން ބިލުކުރާ ގޭބީސީތަކުގެ ކަރަންޓު ބިލި 400 ރުފިޔާއަށްވުރެ މަތިނުވާނެ ގޮތުގައި ހިފަހައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ކުރިއަށްގެންދިޔަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ބޮޑު ޖަލްސާގއި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ކޮންމެ ރަމަޟާން މަހަކު ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ ރޯދަ ހަދިޔާ އަންނަ ރޯދަ މަހުވެސް ރައްޔިތުންނަށް ލިބޭނެ ކަމަށެވެ.

މީގެ ކުރީ ފަހަރުތަކެކޭ އެއްގޮތަށް އަންނަ ރޯދަމަހުވެސް ހުރިހާ ގޭބީސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭހެއް ސަރުކާރުން ދޭނެކަން ރައީސް އިއުލާނުކުރެއްވިއެވެ. އެއާއެކު ރޯދަމަހާ ގުޅިގެން ކަރަންޓު ބިލަށްވެސް ލުއިތަކެއް ގެންނެވުމަށް ނިންމަވާފައިވާކަން ރައީސް އިއުލާނުކުރެއްވިއެވެ.

އެގޮތުން ރޯދަމަހު ރައްޔިތުންނަށް ސަރުކާރުން ދޭ ލުޔެއްގެ ގޮތުގައި އަންނަ ރަމަޟާން މަހު ޑޮމެސްޓިކް ރޭޓުން ބިލުކުރާ ހުރިހާ ގޭބީސީއެއްގެ ބިލު އެންމެ ބޮޑުވެގެން 400 ރުފިޔާއަށްވުރެ މަތިނުވާނެހެން ހިފަހައްޓަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ ރޯދަމަހު ޑޮމެސްޓިކް ރޭޓުގައި ބިލުކުރާ ގޭބީސީއެއްގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ އިތުރުވެއްޖެނަމަ، އެ އިތުރުވީ މިންވަރު ޑިސްކައުންޓު ކޮށްދީ އެބައި ނަގާނީ ސަރުކާރުންނެވެ.

"ހަމަ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ. އޭގެއިތުރަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާންމަހު ނަގާނީ 400 ރުފިޔާ. ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް މިއަންނަ ރަމަޟާންމަހު ނަގާނީ އެމަހުގެ ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ. ބާކީބައި ޑިސްކައުންޓް." ރައީސް ވިދާޅުވިއެވެ.

ފާއިތުވި ރަމަޟާން މަހު މާލޭގެ 50،519 ގޭބީސީއަކަށް އަދި އަތޮޅު ތެރޭގައި 60.712 ގޭބީސީއަކަށް ދަޅު މަސް ބަހާފައިވާއިރު، ހުރިހާ ގޭބީސީއަކަށް ކަރަންޓު ބިލުން ޑިސްކައުންޓުވެސް ދީފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *