ތައިލެންޑާއި ދުބާއިއަށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ސަރުކާރުން ޚިދުމަތް ދޭން ފެށި އެއާ އެމްބިއުލާންސްގެ ދަތުރުތައް ތައިލެންޑާއި ދުބާއީއަށް ފެށުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަންއާ ހަވާލުކޮށްފި އެވެ.

އެކަމުގެ އެއްބަސްވުމުގައި ސިއްޙަތާއި ބެހޭ ވުޒާރާއާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ސިއްޙަތާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރުގެ ނައިބު އަޙްމަދު ހަމްދާން ނާސިރު އެވެ. އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރު ހީނާ ވަލީދު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާޒު އެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މޯލްޑިވިއަން އިން ބުނީ އެ ކުންފުނިން މިހާރުވެސް ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ދެމުންދާ ކަމަށެވެ. އެގޮތުން 24 ގަޑިއިރު އެ ޚިދުމަތުގައި ދެމި ތިބިކަން ފާހަގަކޮށްފައިވެ އެވެ. މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސާވިސަސްގެ ދަށުން ދޭ މި ޚިދުމަތް ރާއްޖެެއިން ބޭރަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

އެމަނިކުފާނު ބޭނުންފުޅުވަނީ ކުއްލި ޙާލަތުގައި ރާއްޖެއިން ދެވޭނެ ފަަރުވާއެއް ނެތްނަމަ އެއަރއެމްބިއުލާންސް ގައި ވަގުތުން ރާއްޖެއިން ބޭރަށް ދެވޭނެ އިންތިޒާމު ހަމަޖެހި ސިއްޙީ ފަރުވާގެ ޔަޤީންކަން ދިވެހީންނަށް ކަށަވަރުކޮށް ދެއްވުމެވެ.

ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަަޢުދުފުޅާއި އެއްގޮތަށް ސަރުކާރުން ވަނީ ވެރިކަމުގެ އެންމެ ކުރީކޮޅު އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފައްޓަވާފަ އެވެ. އެ ޚިދުމަތް ފެއްޓެވުމުގެ ގޮތުން އެކަމަށް ޚާއްސަ މަތީންދާބޯޓެއް ފުރިހަމަ ސިއްޚީ ފަރުވާ ދެވޭނެ އިންތިޒާމާއެކު ތަައްޔާރުކުރެއްވި އެވެ.

މިދިޔަ މުއްދަތުގައި އެއަރ އެމްބިއުލާންސްގައި ސިއްހީ ކުއްލި ހާލަތްތަކުގައި 1،840 މީހުން އުފުލާފައިވެ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *