ރައީސް މުއިއްޒު ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރެއްވުން މާދަމާރޭ

މާލޭގެ އަވަށްތަކުގެ ތަރައްގީއާ ގުޅޭ ގޮތުން މާލޭގެ ވަޒަންވެރިންގެ ހިޔާލު ހޯއްދެވުމުގެ ގޮތުން މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި މާދަން ރޭ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވަން ހަމަޖެހިއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް 17 ނޮވެންބަރު 2025 ވަނަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ މާލޭގެ އަވަށްތަކުގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތާ ގުޅޭ ގޮތުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައިވާ ކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ އެ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވާ ބައްދަލުވުން ނޮވެންބަރު 23 ވަނައަށްވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި އެ އަވަށުގައި ހުންނަ މުހްޔިއްދީން ސްކޫލުގައި އޮންނާނެ ކަމަށެވެ.

ހީނާވަނީ ސަރުކާރުގެ ފަރާތުން ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.

ރައީސްވަނީ ރައްޔިތުންގެ ވިސްނުމާއި ފިކުރު އޮޅުންފިލުއްވުމުގެ ގޮތުން އަތޮޅު ތެރެއަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި ހިޔާލު ހޯއްދެވުމުގެ މަސައްކަތް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި ރަށްރަށު ކައުންސިލުތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *