ބޮޑުކުރި ފުރިހަމަ މުސާރަ ލިބެން ފަށާނީ ޑިސެމްބަރު ނިމުމުން: ފިނޭންސް

ހާޒިރީއަށް ބަލައިގެން މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބު ކުރަމުންދާ އުސޫލަކީ ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 ގެ ނިޔަލަށް ކަމަށްވާތީ، 1 ނޮވެންބަރުން ފެށިގެން ޕޭ ހާމަނައިޒްވެ މުސާރައަށް އައިސްފައިވާ ކުރިއެރުން އެންމެ ފުރިހަމަގޮތުގައި މުވައްޒަފުންނަށް ލިބެން ފަށާނީ ޑިސެންބަރު މަސް ނިމޭއިރު ލިބޭ މުސާރައިން ކަމުގައި މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން ބުނީ މުސާރަ ހިސާބު ކުރުމުގައި ޢަމަލުކުރާ އުސޫލަށް ބަލާއިރު، ނޮވެމްބަރު މަހުގެ މުސާރަ ލިބޭއިރު، އޮކްޓޫބަރު 16 އިން 31 އަށް ހިސާބުކުރާނީ އޮކްޓޫބަރު މަހުގެ އެލަވަންސާއި ޢިނާޔަތްތައް ހިމަނައިގެން ކަމަށެވެ. އަދި 1 ނޮވެންބަރުން ފެށިގެން ލިބޭ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބުކޮށްފައިވާނީ ނޮވެންބަރު މަހު 1 ން ފެށިގެން 15 ގެ ނިޔަލަށް ކަމަށްވާތީ، ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރު ލިބޭނީ ޕޭ ފްރޭމްވަރކްގެ ދަށުން މަގާމުތަކަށް ކަނޑައަޅާފައިވާ އެލަވަންސްތަކާއި ޢިނާޔަތްތަކުގެ އެއްބައި ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މުވައްޒަފުންނަށް ދެމުންދާ އެލަވަންސްތަކާއި ޢިނާޔަތްތައް ހިސާބު ކުރަމުންދާ، ވޭތުވެދިޔަ މަހުގެ 16 އިން ހިނގާ މަހުގެ 15 އާއި ހަމައަށް އޮންނަ އުސޫލަކީ ސިވިލް ސާވިސްގެ ގާވާއިދާއެއްގޮތަށް 2010 ވަނަ އަހަރު އަމަލުކުރަން ފެށި އުސޫލެކެވެ.

ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމާގުޅިގެން އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަވާ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުޑަވާބައި ހަމަޖެއްސުމަށް ޕޭ ކޮމިޝަނުން ތަޢާރަފުކޮށްފައިވާ "މައިގްރޭޝަން އެލަވަންސް ދޭނެ ގޮތުގެ މިންގަނޑު" އާ އެއްގޮތަށް މައިގްރޭޝަން އެލަވަންސް ހަމަޖެހިގެންދާނެ ކަމަށްވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ.

މާލީ ވުޒާރާއިން ހާމަކުރާ ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާފައިވަނީ، ދައުލަތުގެ އިދާރާތަކުން މުވައްޒަފުންނަށް ވަކި މިންވަރެއްގެ ޖުމްލަ އުޖޫރައެއް ދިނުމުގެ ގޮތުން ގިނަ ވަގުތު އިތުރުގަޑީގެ ފައިސާ ދެވޭގޮތަށް އޮތް ނިޒާމު ބަދަލުކޮށް، މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުގެ ސަޤާފަތެއް އާލާކުރުމަށް ކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *