ނުކުޅެދުންތެރިކަން ހުންނަ ހަތަރު ފަރާތަކަށް އާރްޑީސީން ދާއިމީ ވަޒީފާ

ނުކުޅެދުންތެރިކަން ހުންނަ ހަތަރު ފަރާތަކަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދާއިމީ ވަޒީފާގެ ފުރުސަތު ހަމަޖެހިއްޖެއެވެ.

މި ފުރުސަތު ލިބިގެންދިޔައީ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންނާއި އާރްޑީސީއިން ހަ މަސް ދުވަހުގެ މުއްދަތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް، ކާމިޔާބުކަމާއެކު ނިންމާލި ދެވަނަ ބެޗުގެ ހަތަރު ބައިވެރިންނަށެވެ. މި އިންޓާންޝިޕްގެ ފުރަތަމަ ބެޗްގައި ބައިވެރިވެ ޕްރޮގްރާމު ފުރިހަމަ ކުރި އެއް ފަރާތަކަށް އާރްޑީސީއިން ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން، ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ވަޒީފާ އަދާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، މި ވުޒާރާއިން ދަނީ އެކަން ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާމްދަނީ ލިބޭނެ މަގު ފަހިކޮށްދީ، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާ، ރިސޯޓުތަކާއެކު ވެސް މަސައްކަތްކުރަމުންދެއެވެ. ހަމައެހެންމެ، ކެއަރ ސޮސައިޓީއާއި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ގުޅިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ "ޖޮބް ރެޑިނަސް" ޕްރޮގްރާމުގެ ދަށުން ދެ ބެޗެއް މިހާތަނަށް ތަމްރީނުކޮށްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *