އެކްޕިޔާރް ކަ ނަޣްމާހޭ (1)

މެންދަމުން އަލިވެ ދޭއް ޖެހީއެވެ. މުޅިރަށަށް ވެރިވެފައި ވަނީ ދަންވަރުގެ ހަމަހިމޭންކަމެވެ. ފަނިފަކުސާގެ ރާގުން ޖައްވަގުގައިވަނީ ރީތި މިއުޒިކެކެވެ. މަޑުމަޑު ފިނި ވައިރޯޅިން މާހައުލަށް ފެތުރިފައިވަނީ ކަންނެތް ކުރުވާ އަރާމު ފިންޏެކެވެ. ހަނދުވަރުގެ ރިހި އަލިން މުޅިރަށް ވަނީ ޖަރީވެފައެވެ. ސާފު އުޑުމަތީގައި ވިދާ ބަބުބަޅަމުންދާ ތަރިތަކުގެ ރީތި ނެށުމުން ހަލާކުވެފައިވާ ހިތްތަކަށްވެސް އުފާވެރިކަން ދޭހާ ހިތްގައިމެވެ.

ރަށު ސިއްޙީ މަރުކަޒުގެ ބައެއް ފިރިހެންވެރިން މާކުރިންވެސް ތައްޔާރުވެގެން ދިޔަ މަސްދަތުރު ނިންމާފައި ގޮނޑުދޮށާއި ގާތްކުރިއެވެ. މިއީ ސިއްޙީ މަރުކަޒަށް އަލަށް ގުޅުނު ޑޮކްޓަރަށް ޚާއްސަކުރި ކާމިޔާބު ދަތުރެކެވެ. ބޭނި މަސްކޮޅު ދަތުރުގެ ބައިވެރިންގެ މެދުގައި ބަހާލުމަށްފަހު ބާކީހުރި މަސްތައް ފަރުމަސްގަންނަ މީހަކަށް ކިރާލިއެވެ.

"ކިރަން އަހަރެންގެ ބައި ގެންދޭ. މިދަންވަރު ގެއަށް ތިޔަ ގެންދިޔަޔަސް ކެވޭނެ ގޮތެއް ނޯންނާނެ." އަނަމް ބުންޏެވެ. އަނަމްއަކީ އެރަށުގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. ވަކި ރޮނގަކުން ޚާއްޞަވުމުގެ ކުރިން އޭނާ ރާއްޖޭގެ ގިނަ ރަށްތަކެއްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދަން ބޭނުމެވެ. ގެއަށް ދިއުމަށްޓަކައި ދެމީހުން އެކުގައި އެއްގަމަށް އެރިއެވެ. އަތިރިމަތީގައި ހުރި ފަނުން ހަދާފައިވާ ވީރާނާވާން ކައިރިވެފައިހުރި ފަޅުގެޔާ ދިމާއިން އެމީހުން ކުރިއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

"އެއީ ވަރަށް ދިވެހިވަންތަ ގެއެއް. މައްސަލައަކީ ފަޅުވާން ދޫކޮށްލާފައި ހުއްޓަސް ވީރާނާ ވާންވެސް ދޫކޮށްލާފައި ހުރީމަ." އަނަމް ބުންޏެވެ.

"އެގޭގައި އުޅުނީ މުސްކުޅި ދެމަފިރިން. ފިރިހެންމީހާ މަރުވިތާ ދުވަސްކޮޅެއް ނުވަނީސް އަންހެންމީހާ މަރުވީ. އޭނާގެ ކުދިން އުޅެނީ މާލޭގައި." ކިރަން ބުންޏެވެ.

"އާނ. އެންމެންވެސް ދިރިއުޅެން ބޭނުންވަނީ މާލޭގައިވިއްޔަ." އަނަމް ލައިގެން ހުރި ޓީޝާޓް ބާލަމުން ބުންޏެވެ. ޓީޝާޓްގައި ލޮނުޖެހި ތެމިފައިވުމުން އޭނާ ބޭނުންވީ ގެއަށްދިއުމުގެ ކުރިން ބާލާށެވެ.

"މީހުން ބުނޭ. އެ ދެމަފިރިން އުޅުނުއިރު އެގޭގައި އަވައްޓެރި ދައިތައެއް އުޅުނުކަމަށް. ގޭތެރެއިން ފާޑުފާޑުގެ އަޑުތައްވެސް އެގޭކައިރީގައި އުޅޭ މީހުންނަށް އިވޭ." ކިރަން ހުރީ ފާޑަކަށް ބިރުގަނެފައެވެ.

"ހުނ. އަވައްޓެރި ދައިތައަކީ އުޅުނު އެއްޗެއް ނޫން. ރަންނަމާރިއަކީވެސް އިންސާނެއް ކަމަށްވަނީ. ތީ ބޭކާރު ވާހަކަތަކެއް." އަނަމްއަކީ އެކަހަލަ ކަންތައްތައް އެހާ ގަބޫލުކުރާ މީހެއް ނޫނެވެ.

"ބަލާބަލަ. އެ އުނދޯލި އެހަރަ ހެއްލެނީ. އޭގައި ހުދު އަންހެނަކުވެސް އެބައިން." ކިރަންއަށް ފެނުނު މަންޒަރެއް އަނަމްއަށް ދައްކާލުމަށް އަތުން އިޝާރާތް ކޮށްލިއެވެ. އަނަމް އެދިމާއަށް ބަލާލިއެވެ. ތެދެކެވެ. އެ ފަޅުގެޔާ ދިމާ އަތިރިމަތީގައި އިން އުނދޯއްޔެއްގައި އަންހެނަކު އެބައިނެވެ. ބޮލުގެ އިސްތަށިގަނޑު ހާމައަށް ދޫކޮށްލާފައިވާ އެ އަންހެންމީހާ ހުރީ ހުދު ހެދުމެއްގައެވެ. އުނދޯލި ހެއްލެމުންދާއިރު އެ ދިގު އިސްތަށިގަނޑު ވަޔާ ވިހުރެމުން ދެއެވެ.

"އަނަމް. އަހަރެން ނުބުނަންތަ އެ ގޭގައި އެއްޗިހި އުޅޭވާހަކައެއް.؟" ކިރަން ހުރީ ވަރަށް ބިރުންނެވެ.

"އާން. މިހާރު ގަބޫލު ކޮށްފިން. އެކަމަކު ކިރަން ކަންތައް ތިކުރީ ވަރަށް ނުރައްކާ ގޮތަކަށް. އެކަހަލަ އެއްޗެއް ފެންނައިރަށް އަތުން އިޝާރާތް ކުރީމާ އޭތި އަންނާނެ." އަނަމް ބޭނުންވީ ކިރަން އިތުރަށް ބިރުގަންނަވާލާށެވެ.

"އަހަރެން މިދަނީ. އަނަމް ދުވޭ." ކިރަން ގައިގާ ހުރިބާރެއްލާފައި ދުއްވައިގަތެވެ. އަނަމްގާތަށް އައީ ހިންޏެވެ. އޭނާ މަޑު ހިނގުމެއްގައި އުނދޯލި ކައިރިއަށް ދިޔައެވެ. ސިއްރުސިއްރުން އުނދޯލީގެ ފަހަތުގައި މަޑުކޮށްލިއެވެ. އުނދޯލި މިހާރު ހެއްލެނީ ވަރަށް މަޑުންނެވެ. ހިންދީ ލަވައެއްގެ އަޑު މަޑުންނަމަވެސް އަނަމްއަށް އިވުނެވެ. އޭނާ އަދިވެސް ކައިރިވެލާ އުނދޯއްޔަށް ރަނގަޅަށް ބަލާލިއެވެ. އެ އަންހެންކުއްޖާގެ ކައިރީގައި އޮތް ފޯނުން އަންނަ ލަވަ ރަނގަޅަށް އަޑުއަހާލިއެވެ.

"އެކް ޕިޔާރްކަ ނަޣްމާހޭ."

"މިއީ ލޯބީގެ ލަވައެވެ. ދިރިއުޅުމަކީ އެއްވެސް އެއްޗެއް ނޫނެވެ. އެކަމަކު އެއީ އަހަންނާ ކަލާގެ ވާހަކައެވެ." އަނަމް އެ އިވެމުންދާ ލަވައިގެ ދިވެހި ތަރުޖަމާ ކިޔާލިއެވެ.

އުނދޯލީގައި އިންކުއްޖާ އަޑުއައި ދިމާއަށް ބަލާލިއެވެ. މާޒީގެ ޒަޚަމަކުން ހިތް ކުދިކުދިވެފައިވާ ނަބާ އުނދޯލި ހެއްލުން ހުއްޓާލިއެވެ. ހުދުކުލައިގެ ތުނިތުނި ނިދާ ހެދުމުގައި ނަބާއިނީ މި ހިތްގައިމު މަންޒަރުން ހިތަށް ތަސައްލީއެއް ލިބޭތޯއެވެ. ނިދޭތޯ އެނދުގައި ފުރޮޅިފުރޮޅި އޮތުމަށްފަހު ނިދީގެ ކަންފުޅެއްވެސް ނެތުމުން އޭނާ ބޭރަށް ނިކުތީއެވެ. ގޯތިތެރެ ސާދަވިލޭގެ ގުދުރަތީ ހިތްގައިމުކަމުން ޒީނަތްވެފައިވުމުން ގެޔާ ދިމާ އަތިރިމަތި މާ ފުރިހަމަ ވާނެކަން އޭނާއަށް އެނގެއެވެ. މިރޭ ކިހާ ނަސީބުގަދަ ހެއްޔެވެ؟ ނުދަންނަ މީހަކު އޭނާ ޖަހަމުން ދިޔަ ލަވައިގެ ތަރުޖަމާ އެ ކިޔާލަ ދިނީއެވެ. އޭނާއަކީ އެކަނިވެރިއެއް ނޫންތާއެވެ. އޭނާ ހިނިތުންވެލިއެވެ.

"މި ދަންވަރު އެކަނިމާއެކަނި އިންނަން ބިރެއްވެސް ނުގަނޭތަ؟" އަނަމް ހައިރާންވެފައި އެހިއެވެ.

"ބިރުގަންނަންވީ ކޮންކަމަކާ؟. ބިރުގަންނަންވީ މިދުނިޔޭގެ އުފާތަކަށް އުންމީދުކުރާ އެ އުންމީދުތައް ހަގީގަތަށް ހެދުމަށްޓަކައި ހުވަފެންތައް ދެކޭ މޮޔައިން. އަހަރެން އެ ހުވަފެންތައް ދެކުން ހުއްޓާލައިފިން. ތަގުދީރުގައި ވާންހުރިގޮތެއް ވެ ނިމޭނެ." ނަބާ އަޑުގައިވަނީ މޮޅިވެރި ރާގެކެވެ.

އޭނާގެ ކުރިމަތީގައި ހުރި ރީތި ޒުވާނާއަށް ބަލާލިއެވެ. އެ ޒުވާނާގެ ކޮނޑުމަތީގައި ލައިގެން ހުރި ޓީޝާޓު ބާއްވާފައި ހުންނައިރު ހަނދުވަރުގެ އަލިކަމުގެތެރެއިން އޭނާގެ ކަސްރަތީ، ފިރިހެންވަންތަ ހަށިގަނޑު ހާމައަށް ފެންނަން ހުއްޓެވެ.

"ހީވަނީ ވަރަށް ވިހަގަދަ ތޫނު ވަޅިއަކުން ތިޔަ ނާޒުކުހިތް ނުބައިމީހެއްގެ އަތުން ކުދިކުދި ކޮށްލާފައިވާހެން. އަޅެ އަހަރެން މިބުނީ ގޯސް އެއްޗެއްތަ؟" އަނަމް ބުންޏެވެ.

"މުޅިއަކުން ގޯހެއްވެސް ނޫން. ފުރާވަރުގެ މޮޔަކަމުގައި ލޯތްބޭ މިކިޔާ ބޭވަފާތެރި އިހުސާސަކުން ލިބުނު ގެއްލުން ހަނދާނުން ފޮހެ ނުލެވިގެން މިއުޅެނީ." ނަބާ އުނދޯލީގެ ވާގަނޑުގައި ހިފާލިއެވެ.

"މި ދަންވަރު އެކަނި ތިތާ އިނުން އެހާ ރަނގަޅެއް ނޫން." އަނަމް ދާން ހިނގައިގަންނަމުން ބުންޏެވެ.

ތެދެކެވެ. އޭނާއަކީ ކުރިން ދަންވަރު އެކަނި ބޭރަށް ނިކުންނަން ކެރޭ މީހެއް ނޫނެވެ. ނަމަވެސް މިރޭ އޭނާ ބިރުނުގަތީ ކީއްވެބާވައެވެ؟ ސިކުނޑިއަށް މާ ބުރަބޮޑުވީމާ ބާވައެވެ؟ ނަބާ އުނދޯލިން ތެދުވިއެވެ. އޭނާވެސް ދާން ހިނގައިގަތެވެ. މަޑުހިނގުމެއްގައި އޭނާ ދިޔައީ އަނަމްގެ ފަސްފަހަތުންނެވެ.

"މީތަ ގެ؟. މީ ޑޮކްޓަރުން ތިބޭ ގެއެއްނު." އަނަމް ގޯތި ތެރެއަށް ވަނުމަށްޓަކައި ދޮރު ހުޅުވާލަނިކޮށް ނަބާ ބުންޏެވެ.

"އާނ. އަހަރެންނަކީ މިރަށަށް ވަރަށް ފަހުންއައި ޑޮކްޓަރެއް. ޑޮކްޓަރ އަނާމް." އަނާމް ހިނިތުންވެލިއެވެ.

" އޯކޭ. މިހިރީ އަހަރެންގެ ގެ. އަހަރެންވެސް އައިތާ މާގިނަ ދުވަހެއް ނުވާނެ. ކުޑަކުދިންނަށް ކިޔަވައިދޭން އުޅެނީ."

"ބާއްޖަވެރި ރެއަކަށް އެދެން މިސް.." އަނަމްއަށް ނަބާގެ ނަން ނޭނގޭތީ މިސްއޭ ބުންޏެވެ.

"ނަބާ މިސް." ނަބާ ހިނިތުންވެލަމުން ގެއަށް ވަނެވެ.

އަނާމް ކޮޓަރިއަށްވަދެ ފެންވަރާލިއެވެ. މަޑު ނިދާބޮކީގެ އަލީގައި އޭނާއަށް ނިދޭތޯ ބެލިއެވެ. އެނދުގައި ފުރޮޅިފުރޮޅި އޮވެވެސް އޭނާއަށް ނިދޭގޮތެއް ނުވިއެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނާގެ ހަޔާތުގައި ހިނގާދިޔަ އާދަޔާ ޚިލާފު ހާދިސާގެ މަތިން ހަނދާން ވަނީއެވެ. އޭނާއަކީ މާލޭގެ ބައްޕައަކަށާއި ދުވާފަރު މަންމައަކަށް ލިބިފައި ހުރި ތިން ކުދިން ތެރެއިން އެންމެ ހަގު އަދި ހުރި ހަމައެކަނި ފިރިހެން ކުއްޖާއެވެ. ބައްޕަކީ އަބަދުވެސް މަސައްކަތުގައި ބޭރުގައި އުޅޭ މީހެކެވެ. މަންމައަކީ ގޭގެ ހުރިހާ މަސައްކަތެއް ކުރާ ވަރަށް ބުރަކޮށް އުޅޭ މީހެކެވެ. ގޭގެއަށް ރޮށި ފިހެދިނުމަކީ މަންމައަށް ފައިސާ ލިބޭ ހަމައެކަނި މަސައްކަތަށް ވާތީ މަންމަ އުޅެނީ ވަރަށް ބުރަކޮންނެވެ. ބައްޕަަ ގެއަށް ވަދެއްެޖެނަމަ ގޭތެރޭގައި ހީވާނީ ހަޅަ ޖަހާހެންނެވެ. މަންމައާއި ބައްޕަގެ ނުނިމުނު ޒުވާބުގެ ނަތީޖާއަކީ އަނަމްއަކީ ކުޑައިރުން ފަށައިގެންވެސް އެމީހުން އުފާކުރުމަށްޓަކައި ވަރަށް ކިޔަމަންތެރި ކުއްޖަކަށް ވުމެވެ. އޭނާ ބޭނުންވީ ޕައިލެޓަކަށް ވާށެވެ. ނަމަވެސް މަންމަ ބޭނުންވީ އޭނާ ޑޮކްޓަރަކަށް ވާށެވެ. މަންމަ އެހާ ބުރަކޮށް މަސައްކަތް ކުރަނީވެސް އަނަމް ޑޮކްޓަރަކަށް ހެދުމަށް ކަމަށޭ ކިޔައެވެ.

"މަންމަ މިވީ ޤުރުބާނީގެ އަގަކީ ތީތަ؟" އެންމެފަހުން އަނަމްގެ މަންމަ ރޯންފެށިއެވެ. އޭނާ ހިތާ ދެކޮޅަށް ރަޝިޔާއަށް ފުރައިގެން ދިޔައީ މަންމަ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދާށެވެ. އޭނާއަށް ލިބިފައިވާ ހުރިހާ ވަގުތެއް ހޭދަކުރީ އަބަދުވެސް ރޮއިލަރޮއިލަ ހުންނަ މަންމަ ހިތްހަމަ ޖައްސައިދިނުމަށްޓަކައެވެ. އެމަންމަގެ އުންމީދު ހަގީގަތަށް ހެދުމަށްޓަކައެވެ. ކިޔަވައި ނިންމައިގެން މާލެ އައިރު ބައްޕަ ހުރީ އޭނާގެ ކައިވެނި ބައްޕަގެ ވަރަށްގާތް ބަޔަކާ ކުރަން ނިންމައިގެންނެވެ. އަނަމް އެކަމާ އިންކާރު ކުރިއެވެ.

"އެއީ ހަގީގަތް އެނގޭ ވަރަށް ރަނގަޅު ޢާއިލާއެއް. އަންހެން ކުއްޖާއަކީ ކިޔަވައިގެން ހުރި ރީތި ކުއްޖެއް. ކޮންމެ ކޮންމެ ކުއްޖަކާއި އިނދެގެން މިޒަމާނުގައި ދިރިއުޅުމެއް ނޫޅެވޭނެ." ފުރަތަމަ ފަހަރަށް ބައްޕަޔާއި މަންމަ ކަމެއްގައި އެއްބަސްވިއެވެ. އަނާމް އެމީހުންނާއި އެއްބަސްވެއްޖެ ނަމަ އެދެމީހުން ތިބޭނީ ވަރަށް އުފަލުންކަން އޭނާއަށް އެނގެއެވެ.

"ބަލާބަލަ އެ އަންހެންކުއްޖާ ރީތިކަން." މަންމަ ފޮޓޯއެއް ހިފައިގެން އައިސް އަނާމްއަށް ދައްކާލިއެވެ. ތެދެކެވެ. އެއީ ރީތިކުއްޖެކެވެ. ބޮޑުލޮލަކާއި ރީތި ކަޅިރަވައިގާ ޝައުގުވެރިކަން އަތުލާ ގޮތެއް ހުއްޓެވެ. އެ ރީތި ހީލުމުގައި އަނާމްއަށް ހިތް އުފާވާކަހަލަ ގޮތެއް ހުއްޓެވެ.

"ފޮޓޯ ދައްކައިގެން ކައިވެންޏަށް ގަބޫލުވާން މީ އިންޑިޔާތަ؟." އަނަމް ބޭނުންވީ އެކުއްޖާ އަސްލަށް ދެކިލުމަށެވެ.

"އެކުއްޖާ ގެންނާނީ އަނާމް ކައިވެންޏަށް ދެކޮޅު ނުހަދާނެނަމަ." ބައްޕަ ބުންޏެވެ.

"މީ ކޮންކަހަލަަ ކައިވެންޏެއް." އަނާމް ނިކުމެގެން ދިޔައެވެ.

އަނާމް ގެއަށް އައިރު ގޭގައި ޒުވާން އަންހެން ކުދިންތަކެއް ތިއްބެވެ. އޭނާ އެކުދިންނަށް ނުފެންނާނެހެން ސިއްރުސިއްރުން ކޮޓަރިއަށް ވަނެވެ. މި ސަކަރާތްގަނޑުން ވަގުތުކޮޅަކަށްވިޔަސް މިންޖުވުމަށްޓަކައި ފޯނު ނަގާ ފިލްމެއް ބަލަންފެށިއެވެ.

"ރަތްކުލައިގެ ހެދުމެއް ލައިގެން އެހުރީ އެކިޔާ އައިޝާ. މަންމަމެން ހެޔޮކަމުން ހީވާނީ އެކުއްޖާ ކާލަފާނެހެން." އަނަމްގެ ދޮންތަ އޭނާގެ ފޯނަށް މެސެޖެއް ކުރިއެވެ.

އަނާމް ފޯނު ބާއްވާފައި އޮށޯތީއެވެ. ކޮންމެހެން އެ އަންހެން ކުއްޖާ ބެލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކައިވެނި ކުރުމުން ފެންނާނެ ނޫންހެއްޔެވެ؟ މަންމަމެން ހިފާލައިފި ކަމެއް ކުރާނެއެވެ. ދެކޮޅު ހެދޭނެ ހިތްވަރެއް އޭނާގެ ނެތެވެ. މީވެސް ފާޑެއްގެ ދިރިއުޅުމެކެވެ. ކައިވެނި ކުރުމުން މަންމަމެން އޭނާގެ ހަޔާތަކަށް ނުފޫޒެއް ނުފޮރުވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ ކިތަންމެ މޮޅަށް ކިޔެވިޔަސް މިނިވަންކަމެއް ނެތެވެ. ތަސައްރަފު ފުދުނަސް އިޚްތިޔާރެއް ނެތެވެ.

"އެހެންވީމާ ދަރިފުޅު އޭނާއާއި ކައިވެނި ކުރަން އެއްބަސްދޯ." އެކުދިން ދިއުމުން މަންމަ ވަރަށް އުފަލުންހުރެ ވާހަކަ ދެއްކިއެވެ. އަނާމް ހަމައެކަނި ބޯޖަހާލީއެވެ. އާއިލާ އެންމެންހެން އުޅުނީ ކައިވެނީގެ އިންތިޒާމް ތަކުގައެވެ. ގޭގެ ކޮންމެމީހަކުވެސް ކައިވެނީގެ ކަންތަކުގައި އުޅޭވަރުން ހީވަނީ އެއީ އެމީހުންގެ އަމިއްލަ ކައިވެންޏެއްހެންނެވެ. ކައިވެނި ކުރަން ނިންމާފައި އޮތީ ކޯޓުގައެވެ. ޕާޓީ ބާއްވަން ހަމަޖައްސާފައިވަނީ ހ. ލޮނުޒިޔާރަތް ޕާކުގައެވެ. އެއިން އެއްވެސް ކަމަކާ އަނަމްއެއް ނޫޅެއެވެ.

"އެހާ ރީތިކުއްޖެއް އަނަމްއަށް ލިބޭއިރުވެސް އެހާ އުފާވެގެން އުޅޭތަނެއް ނުފެނޭ." އަނަމްގެ ރައްޓެހި މާޒިން ބުންޏެވެ. އެ ކައިވެންނަކީ އަނަމްގެ މައިންބަފައިން ހޭވައްޓާލާފައި ކުރުވަން އުޅޭކަމެއްކަން ރައްޓެހިންނަށް ނޭނގެނީކަމަށް ވެދާނެއެވެ.

ކައިވެނި ޕާޓީއަށާއި ހަނީމޫނަށް ދިއުމުގެ ހުރިހާ ޚަރަދެއް ކުރަނީ މަންމައާއި ބައްޕައެވެ. އަނަމް އުޅުނީ އޭޑީކޭއިން ވިޔަސް ވަޒީފާ ހަމަޖެހޭތޯއެވެ. އޭނާ މިހާރު އެންމެ ބޭނުންވަނީ އެތެރެހަށީގެ ބަލިތަކުގެ ޚާއްސަ ޑޮކްޓަރަކަށް ވާށެވެ. އެކަން ކުރުމަށްޓައި ތަޖުރިބާގެ އިތުރުން އޭނާ އިތުރު ފަސްއަހަރު އަދި ކިޔަވަން ޖެހެއެވެ. ކައިވެނި ކުރަންއޮތް ދުވަހު އަނަމް އުޅުނީ ފާޑަކަށް ބޯ އަނބުރާތީއެވެ. މޭނުބައިކޮށް ހޮޑުލަވާތީއެވެ. އޭނާ ކޯޓަށްދާކަށް އެހާ ބޭނުމެއް ނޫނެވެ. ނަމަވެސް ނުގޮސް ވާކަށްވެސް ނެތެވެ. ކޯޓަށްގޮސް ކައިވެނީގެ ހަފްލާ ފެށެންވީއިރުވެސް އައިޝާއެއް ނާދެއެވެ. އެގޭ އެންމެންހެން ކައިވެނި ކޮޓަރީގައި ތިއްބެވެ.

"އައިޝާ އެހެނެއް ނުހަދާނެ." ކޮންމެވެސް މީހަކު އައިސް އައިޝާ މަންމަގެ ކަންފަތް ބުޑުގައި ސިއްރެއް ބުނުމުން އައިޝާގެ މަންމަ ބުންޏެވެ.

"އައިޝާ ގެއަކުނެތް. އޭނާ ތަންކޮޅެއް އަވަހަށް ތައްޔާރުވެގެން ކޯޓަށޭ ކިޔާފަ ގެއިން ނިކުތީ." އައިޝާގެ ބައްޕަގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ.
އައިޝާ ނައިސްގެން ކޯޓުގެ ސެކެޓްރީ ދެތިން ފަހަރަކު އަހައިފިއެވެ. މިހާރުވެސް ބައިގަޑިއިރު އިތުރަށް ހިނގައިފިކަމަށާއި އިތުރަށް ދެން މަޑުކުރެވޭނީ ބައިގަޑިއިރުކަމުގައި އަންގައިފިއެވެ. އައިޝާގެ އާއިލާމީހުން ހާސްވެގެން އައިޝާއަށް ގުޅޭތޯ މަސައްކަތް ކުރަނީއެވެ. އެތަނުން އެއްބަޔަކު އައިޝާ ހިނގައިދާނެހެން ހީވާ ތަންތަން ބަލަނީއެވެ. މުޅި ކޮޓަރީގައިވަނީ ހާސްވުމާއި ކަންބޮޑުވުމެވެ. އަނަމްއަށް ހީވަނީ ދެންމެ ދެންމެ ހޮޑުލެވިދާނެ ހެންނެވެ. މިތާނގައި ހުރުމަކީ އޭނާއަށް ވަރަށްބޮޑު އުނދަގުލަކަށް ވެއްޖެއެވެ. މި ހިނގަމުންދާ ކަންކަމުގެ ސަބަބުން އޭނާ ނުހަނު ލަދުވެސް ގަނެއްޖެއެވެ. މަންމަމެން ތިބި ގޮތްފެނުމުން ނުހަނު ދެރަވެސް ވެއްޖެއެވެ.

"އަހަރެން އިންނަން ބޭނުންވާ މީހާއާއިއެކު މިފުރަނީ. އަހަރެން ދާތަނެއް އިތުރަށް ބަލާނެކަމެއް ނެތް." އައިޝާ މަންމަގެ ފޯނަށް ގުޅާފައި ބުންޏެވެ. ކުއްލިއަކަށް ކަައިވެނި ކޮޓަރި ތެރޭގައި އަޑުގަދަވިއެވެ. އައިޝާ ކައިވެންޏަށް އިންކާރުކޮށް އެތަނަށް ހާޒިރުނުވުމުން ދެފަރާތުގެ އާއިލާގެ މެދުގައި ކޮންމެވެސް ވަރެއްގެ ޒުވާބެއްވެސް ހިނގިއެވެ. ކައިވެންޏަށް އެހާބޮޑު ޚަރަދެއްކޮށް އެންމެންގެ ކުރިމަތީގައި ލަދުގަންނަވާލުމުން އަނަމްގެ މަންމަ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

"އެންމެން އަހަރެންހާ ކިޔަމަންތެރި ނުވެދާނެ. މީގެފަހުން އަހަރެންގެ އެއްވެސްކަމެއްގައި މަންމަމެން ގޮތް ކިޔައިގެން ނުވާނެ." އަނަމް ނިކުމެގެން ދިޔައީއެވެ. އޭނާ ގާތަށް އައި ރުޅިއަށްވުރެ ބޮޑަށް ދެރަވީއެވެ. މުޅިއާއިލާ އޭނާއަށްޓަކައި އުޅުނު ވަރުންނެވެ. ޒަމާންތަކެއް ވަންދެން އެއްކުރި ފައިސާ ކައިވެންޏަށް އިސްރާފު ކޮށްލުމުންނެވެ. ގޭގެ އެންމެންގެ ލޮލުން ފެންނަ ހިތާމައިގެ އަސަރު ތަކުންނެވެ.

އެ ހާދިސާއާއިއެކު އަނަމް މާލެއިން ވަޒީފާއެއް ހޯދާކަށްވެސް ބޭނުމެއް ނުވިއެވެ. އޭނާ ރާއްޖޭގެ ކޮންމެ ރަށެއްގައިވިޔަސް ވަޒީފާ އަދާކުރަން ބޭނުންކަމަށްބުނެ މިނިސްޓްރީއަށް ސިޓީލިއެވެ. ހަފްތާއެއްގެ ތެރޭގައި އޭނާއަށް ށ. ކަނޑިތީމުން ވަޒީފާ ލިބުނީއެވެ. އޭނާއަކީ މި ރަށުގައި މިވަގުތު ހުރި ހަމައެކަނި ޑޮކްޓަރެވެ.

އެންމެ ފަހުން ނުނިދިގެން އަނަމް ތެދުވިއެވެ. ކޮފީތައްޓެއް ހިފައިގެން ގޯތިތެރެއަށް ނިކުތެވެ. ރޭ ހަތަރުދަމު ނުނިދާ ހުރުމުގެ ސަބަބުން އޭނާ އާއްމުކޮށް ފަތިހުގެ ދުވުމަށްވެސް ނުގޮސް މަޑުކޮށްލީއެވެ.

(ނުނިމޭ)

ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށްވެސް ރީތި ވަރަށް އަސަރުގަދަ. ޔަޝްފާގެ ވާހަކަތައް ވަރަށް ކިޔާހިތްވޭ.

  2. މިވާހަކައިގެ އަނެއްބައި އަވަހަށް ގެނެސްދީ. ވަރަށް ކިޔާހިތުން ހުރީ. ހާދަ މޮޅޭ.

  3. ވާހަކަ ވަރަށް ރީތި. ބީފާނުން ގެންނަ ހުރިހާ ވާހަކައެއްވެސް ވަރަށް ކިޔާހިތްވޭ

  4. މިވާހަކައިގެ 2 ވަނަބައި ކޮންދުވަހަކުން. ވަރަށް މޮޅު ރީތިވާހަކައެއް.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *