އޭދަފުށީގައި އިމާރާތްކުރާ 50 އެނދުގެ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފަށައިފި

ބ. އޭދަފުށީގައި އިމާރާތްކުރާ އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ރަސްމިއްޔާތުގައި އަތޮޅު ހޮސްޕިޓަލުގެ އިސްވެރިންނާއި، އޭދަފުށީގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އޭދަފުށީގައި ސަރުކާރުން އިމާރާތްކުރަނީ 50 އެނދުުގެ ހޮސްޕިޓަލެކެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ، މިއަދު ފެށިގެން ދިޔަ މަސައްކަތަކީ ސަރުކާރުތަކުގައި އޭދަފުށީގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން އެދެމުން ދިޔަ މަޝްރޫޢެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ ހޮސްޕިޓަލް ތަރައްޤީކުރާނީ ވަރަށް ގިނަ ޚިދުމަތްތަކާއެކު ކަމަށެވެ. އޭގެތެރޭގައި ރައްޔިތުން އެދޭ ޚިދުމަތްތައް ހޮސްޕިޓަލުން ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އޭދަފުށީގައި ޤާއިމުކުރެވޭ ހޮސްޕިޓަލާއެކު އެރަށާއި ސަރަޙައްދުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭދަފުށީގައި ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތްކުރާނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިންނެވެ. އެ ހޮސްޕިޓަލަށް 181.7 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އާރުޑީސީއާ މަސައްކަތް ޙަވާލުކުރީ 540 ދުވަހުން ނިންމާ ގޮތަށެވެ.

އޭދަފުއްޓަކީ އަތޮޅުގެ ގިނަ ރައްޔިތުން އެކި ޚިދުމަތްތައް ހޯދުމަށް ކޮންމެ ދުވަހަކު ވެސް ދަތުރުކުރާ ރަށެކެވެ. އަދި، މި ސަރުކާރުން އާބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރާ ރަށްތަކުގެ ލިސްޓުގައި ވެސް އޭދަފުށި ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *