ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، އެ ޤައުމަށް ފައިސާގެ އެހީގެ ގޮތުގައި 50،000 (ފަންސާސް ހާސް) އެމެރިކާ ޑޮލަރު އަދި މަސްދަޅުގެ 25،000 (ފަންސަވީސް ހާސް) ކޭސް ހަދިޔާ ކުރަން ދިވެހި ސަރުކާރުން ނިންމައިފިއެވެ.
ވިއްސާރައިގެ ސަބަބުން އުނދަގޫ ޙާލަތެއްގައި އޮތް ލަންކާއަށް އެހީވާން ނިންމިކަން ހާމަކުރީ ޚާރިޖީ ވުޒާރާއިން މިއަދު އާއްމުކުރި ބަޔާނެއްގައެވެ.
އެ ވުޒާރާއިން އާއްމުކުރި ބަޔާނުގައި ބުނީ ސަރުކާރުގެ މި ނިންމުމަކީ، 'ދީތުވާ' ތޫފާންގެ ސަބަބުން ލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިގެންދާނެކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.
މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުން ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ.
ލަންކާގައި ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭއިރު، ދިވެހި އެއްވެސް މީހަކަށް ކާރިސާގެ ސަބަބުން ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައި ނުވާކަމަށް ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ވަނީ ބުނެފައެވެ.
ހައި ކޮމިޝަނުން ރޭ ނެރުނު ބަޔާނުގައި ވަނީ، ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވެ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން މިހާތަނަށް 15،000 އަށް ވުރެ ގިނަ ގެދޮރު ހަލާކުވެ، 78،000 އަށް ވުރެ ގިނަ މީހުން ވަގުތީ ހިޔާތަކަށް ދާން މަޖުބޫރު ވެފައިވާ ކަމަށެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.
