މި އަހަރުގެ ފަހު ދައުރު ނިންމައި މަޖިލިސް ޗުއްޓީއަށް

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރު ނިންމައި، މަޖިލީހުގެ މެމްބަރުން މިއަދު ޗުއްޓީއަށް ވަޑައިގެންފިއެވެ.

ޑިސެމްބަރު 1 ގައި މެމްބަރުން ޗުއްޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތްނަމަވެސް، މުހިންމު ބިލްތަކެއް ފާސްކުރުމަށްޓަކައި ޗުއްޓީއަށް ދިއުން ތިން ދުވަހަށް ލަސްކޮށްފައިވެއެވެ. އެގޮތަށް ހުށަހަޅުއްވައި މަޖިލީހުގެ މެމްބަރުންގެ ވޯޓާއެކު މިއަދުގެ ޖަލްސާއާ ހަމައަށް ދައުރު އިތުރުކުރަން ފާސްކުރީ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް ޢަބްދުﷲ އެވެ.

މަޖިލިސް ނިންމަވާލައްވަމުން އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ސަރުކާރު ހިންގަން ނުވަތަ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭން މުހިންމު ބިލެއް އޮތްނަމަ ޗުއްޓީއަށް ނުގޮސް އެ ބިލެއްގެ މަސައްކަތް ނިންމުމަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގެންގުޅޭ އުސޫލު ކަމަށެވެ.

ފަހު ދައުރުގައި، 28 ޖަލްސާއި 15 ބިލެއް ފާސްކޮށްފައިވާއިރު، މިއަދު ފާސްކޮށްފައިވާ އެންމެ މުހިންމު ބިލަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށާއި އޭގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވެއްޖެނަމަ، އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލެވެ.

މި އަހަރުގެ ފަހު ދައުރުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާއްމުކޮށްފައިވާއިރު، 28 ޖަލްސާއާއެކު 142 ކޮމިޓީ ބައްދަލުވުން ބާއްވާފައިވެއެވެ. އަދި، 15 ބިލް ފާސްކުރިއިރު، ވަޒީރުންނާއި 29 ސުވާލު ކޮށްފައިވެއެވެ. އަދި ސަރުކާރުން ހުށަހެޅި 16 މައްސަލައަކާއި ރިޔާސަތުން ހުށަހެޅި ނުވަ މައްސަލައެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

ފާސްކުރި 15 ބިލުގެ ތެރޭގައި ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް ގެނައި އިސްލާހާއި، މަތީތައުލީމާއި ތަމްރީނުގެ ގާނޫނަށް ގެނައި އިސްލާހާއި، ޓްރޭޑްމާކް ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ހިމެނެއެވެ. އަދި ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާއި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ވެސް އޭގެ ތެރޭގައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *