Shot of young wife expressing empathy and compassion to her sad frustrated husband.

ރަނގަޅު ފިރިއަކު ހޯދަން މަސައްކަތްކުރަން ދަރިފުޅުދިން އިރުޝާދު

ފިރިމީހާ ވަރިކޮށްލާފަ ދިއުމުން ދެމައިން އުޅުނީ ވަރަށް ދަތިޙާލުގައެވެ. މަންމަގެ އުންމީދަކީ ހެޔޮލަފާ މީހަކު ހޯދައިގެން ކައިވެނިކުރުމެވެ. މަންމަ އާއި ބައްދަލުކުރަން ފިރިހެނުން ގެއަށް އައުދެއެވެ. އެވަގުތު ދަރިފުޅު ކޮޓަރިއަށް ފޮނުވާލައެވެ. އެއީ އެމަންޒަރު ދަރިފުޅަށް ނުދައްކަން ވެގެންނެވެ.

ކުއްޖާގެ އުމުރުން 17 އަހަރެވެ. މަންމަ ބުނީމާ ކޮޓަރިއަށް ދިޔަ ނަމަވެސް މަންމަ ކުރާ ކަންކަން ސިއްރުން ބަލައެވެ. ކުއްޖާއަށް ކޮންމެ ދުވަހަކުހެން ފެންނަނީ މަންމައާއި ބައްދަލުކުރަން އަންނަ މީހުންނާއިއެކު ނުބައި ޢަމަލެއް ނުކުރި ނަމަވެސް ވަރަށް ގައިގޯޅިކޮށް މަންމަ އުޅޭތަނެވެ.

އެއްދުވަހަކު ދަރިފުޅު ބުންޏެވެ. "މަންމަ ގާތު ވާހަކައެއް ބުނަން ބޭނުމެވެ. ނަމަވެސް ބުނާނީ މަންމަ ރުޅިނާންނާނަން އެއްބަސްވާނަމައެވެ."

މަންމަ ވަރަށް ހައިރާންވިއެވެ. އެހެންކަމާއިއެކުވެސް ރުޅިނާންނާނެކަމަށް ބުނުމުން ދަރިފުޅު ބުންޏެވެ. "މަންމައާއި ބައްދަލުކުރަން ބޭނުންވާ ފިރިހެނުން ގެއަށް ގެނެސް ވާހަކަ ދައްކަނީ ފިރިއެއްގެ ބޭނުމުގައިކަން އެނގެއެވެ. ފިރިއަކަށް ބޭނުންވަނީ އުޅެންޖެހިފައިވާ ދަތިޙާލުގެ ސަބަބުންކަންވެސް އެނގެއެވެ. އެއްފަހަރު އަންނަ މީހުން ދެވަނަ ފަހަރު ނާންނަނީ ކީއްވެގެންކަމާއިމެދު އަޅުގަނޑުގެ ޚިޔާލު ބުނަންތޯއެވެ؟ އެއީ މަންމަ އެމީހުންނާއި މާބޮޑަށް ގައިގޯޅިވެގެން އުޅޭތީއެވެ. އެހެންއުޅޭތީ އެމީހުންނަށް މަންމަ އާއިމެދު އެވިސްނެނީ އަޞްލަކަށް ނޫނެވެ. މަންމައަކީ ވަރަށް ދަށުދަރަޖައިގެ، ނުބާއްވަންވާ ގުޅުން އެންމެންނާއިވެސް ބާއްވާ އަންހެނެއްގެ ގޮތުގައެވެ. ގޮތް ބަލައިލަންވެސް ނިކަން ދުރުމިނެއް ބަހައްޓައިގެން އުޅެބަލާށެވެ. އިރާދަކުރެއްވިއްޔާ މަންމައަށް ހެޔޮލަފާ ފިރިއަކު ދެއްވަވާނެއެވެ."

ދަރިފުޅު ދެއްކި ވާހަކައިން މަންމައަށް ވަރަށް އަސަރުކުރިއެވެ. ކޮޓަރިއަށް ފޮނުވި ނަމަވެސް މަންމަގެ އަމަލުތައް ދަރިފުޅުބަލާކަމާ އެކަމަށް ވިސްނާކަންވެސް އެނގުނީއެވެ. އަދި އެއީ ދަރިފުޅު ނަމަވެސް އެދިނީ ރަނގަޅު ނަޞޭޙަތެއްކަން ޤަބޫލުކޮށް ޢަމަލުތައް އިޞްލާޙުކުރިއެވެ.

އިއްތިފާޤުން ނަމަވެސް ކަންކަން މެދުވެރިވީ ދަރިފުޅު ބުނި ގޮތަށެވެ. މަންމަގެ އަމަލުތައް ބަދަލުކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކައިވެނިކުރާނެ ހެޔޮލަފާ މީހަކު ލިބިގެން ކައިވެނިކުރެވިއްޖެއެވެ.

މިއީ މާކުރީ ޒަމާނުގައި ބޭރު ޤައުމެއްގައި ހިނގި ކަމެއް ނޫނެވެ. ހަމަ އިހަކަށްދުވަހު މިމާލޭގައި ހިނގި ކަމެކެވެ. އެއަންހެންމީހާއަކީ އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެކެވެ. ވާހަކަ ކިޔައިދިނީ އޭނާއެވެ. އަޅުގަނޑަކީވެސް ހަމަ އެފަދަ ނިކަމެތި ޙާލުގައި ހުރި އެކަނިވެރި މައަކަށްވުމުން ނަޞޭޙަތެއްގެ ގޮތުންނެވެ.

ޙަޤީޤަތުގައި މިއީ ވަރަށް ގިނަ އަންހެނުންނަށް ވިސްނައިވެސް ނުލެވޭ، ސަމާލުކަންވެސް ނުދެވޭ ކަމެކެވެ. އެކަނބަލުން އެމީހުންގެ ޢިއްފަތްތެރިކަން ރައްކައުތެރިކުރެއެވެ. ނަމަވެސް ގައިގޯޅިވެ އުޅޭތީ ތުންފުއްސެއްގެ ގޮތުގައި ލޭބަލްކުރެވެނީއެވެ. މިހާރަކަށް އައިސް ގިނަބައެއްގެ އަޚްލާޤަށް އައިސްފައިވާ ނުބައި ބަދަލުގެ ސަބަބުން މާބޮޑަށް ހިތްހެޔޮކޮށް ފިރިހެނަކާއި ވާހަކަދެއްކުނު ނަމަވެސް ނުބައި ތުހުމަތުތައް އެބަކުރެއެވެ. އެކަމުގެ ސަބަބުން އަގުވެއްޓެނީއެވެ.

ވީމާ މިއީ ކޮންމެ އަންހެނަކުވެސް ވިސްނައިލުން މުހިންމު ކަމެއްކަމުގައި އަޅުގަނޑަށް ޤަބޫލުކުރެވޭތީ ކިޔުންތެރިންނާއި ޙިއްޞާކޮށްލީއެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ވިސްނުމެވެ. އަޅުގަނޑަށް ވިސްނޭ ގޮތެވެ!

– މަމްދޫޙާ / ނޫހުގެ ކިޔުންތެރިއެއް

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *