ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް 4 ގައި ބާއްވަން ނިންމައިފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކައުންސިލް އިންތިޚާބު އޮންނަ ތާރީޚް އިލެކްޝަންސްއިން ހާމަކުރީ އެ އިދާރާއިން މީޑިއާއާ ޙިއްޞާކުރި މަޢުލޫމާތުގައެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބުގައި 226 ދާއިރާއަކުން ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރާނެ އެވެ.

މި ފަހަރުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަން އީސީން މިހާރު ވަނީ އިއުލާނު ކޮށްފަ އެވެ.

އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިވާ މީހުންނަށް މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު ތިނެއް ޖެހުމުގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލް އިން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ

މީގެ އިތުރުން، މި އިންތިޚާބުގެ އެހެނިހެން މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވަނީ  ޢިއުލާންކޮށްފައެވެ. މަގާމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށްޓަކައި ވެސް ދުރާލާ މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން، ރާއްޖޭގެ އާބާދީ ބޮޑެތި ސަރަޙައްދުތަކަށް ބަލައިގެން 12 އަތޮޅެއް ހިމެނޭހެން 36 ރަށަކަށް ކޮމިޝަންގެ ޓީމްތައް ގޮސްގެން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ނޮވެމްބަރު އަދި ޑިސެމްބަރުމަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ރާވާފައިވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *