ވާނުވާ ބަންދާ ގުޅިގެން ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވުމުގެ ގޮތުން މިހާރު ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ އަދަދުތަކާއި އެމީހުންނަށް ތުހުމަތުކުރެވޭ ކުށްތަކުގެ ބާވަތްތަކާ ގުޅޭ ތަފާސްހިސާބުތައް ހިއްސާކުރެއްވުމާއެކު، އެ އެންމެން ފަސް މިނިޓު ތެރޭ ބަންދުން ދޫކުރަން ރައްޔިތުން ބޭނުންވާނެތޯ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސުވާލުކުރައްވައިފިއެވެ.
މާފަންނު ރައްޔިތުންނާ އެމަނިކުފާނު ރޭ ބައްދަލުކުރައްވައި، ރައްޔިތުންގެ ޝުއޫރުތައް ހިއްސާކުރަން ދެއްވި ވަގުތުގައި ވާނުވާ ބަންދުގެ މައްސަލަ އެމަނިކުފާނު ހައްލުނުކުރައްވާކަމަށް ބުނެ ޒުވާނަކު ކުރި ޝަކުވާތަކާއި އަމާޒުކުރި ފާޑުކިޔުންތަކަށް ޖަވާބުދާރީވެވަޑައިގަންނަވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކުރެވި ނަތީޖާ ނެރެވިފައިވާ ކަމަށެވެ.
އެގޮތުން އެ މައްސަލައިގެ ފަސްފަހަތް ވިދާޅުވެދެއްވަމުން ރައީސް ފާހަގަކުރެއްވީ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ޖާގައިގެ ދަތިކަމުގެ ސަބަބުން ކްރިމިނަލް ކޯޓުގައި މައްސަލަތައް ތާވަލުކޮށް ކުރިއަށްގެންދެވޭނެ ގޮތެއް ނެތިވުމުން، މައްސަލައިގެ އަޑުއެހުންތައް އޮންނާނެ ތާރީހުތައް ބަންދުގައި ތިބި މީހުންނަށް އެއިރު ނޭނގޭ ކަމަށެވެ. ނަމަވެސް މިހާރު ކޯޓަށް ޖާގަ ހޯދައިދެވުމުގެ ސަބަބުން ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް ތާވަަލުކުރެވި، އަޑުއެހުންތައް އޮންނާނެ ތާރީހުތައް އެ އެންމެނަށްވެސް އެނގޭނެ ކަމުގައި ބަންޑާރަނައިބާ ހަވާލާދެއްވައި ރައީސް ވިދާޅުވިއެވެ.
އެކަން ވިދާޅުވެދެއްވުމަށްފަހު ރައީސް ހާމަކުރެއްވީ ފަސް މިނިޓުގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި އެންމެން ދޫކުރެވެން ނެތް ސަބަބެވެ. އެމަނިކުފާނުވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބާފައި ތިބި އެންމެން ދޫނުކުރެވެނީ ކީއްވެކަން އެމީހުންނަށް ކުރެވޭ ތުހުމަތުގެ ބާވަތުގެ އަދަަދުތަކުން ހާކޮށްދެއްވާފައެވެ. އެގޮތުން އެމަނިކުފާނު ހާމަކުރެއްވި ތަފާސްހިސާބުތަކަށް ބަލާއިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބީ:
ޖުމްލަ: 347 މީހުން
މަރުގެ މައްސަލައިގަ: 29 މީހުން
ޓެރަރިޒްމްގެ ތުހުމަތުގަ: 20 މީހުން
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގަ: 117 މީހުން
މާރާމާރީ ހިންގުމުގެ މައްސަލަތަކުގަ: 70 މީހުން
ޑްރަގް ޓްރެފިކްކުރުމުގެ މައްސަލަތަކުގަ: 116 މީހުން
މި އަދަދުތައް ހާމަކުރެއްވުމަށްފަހު ރައްޔިތުންނާ ރައީސް ކުރެއްވީ ސުވާލެކެވެ. "ފަސް މިނިޓް ތެރޭ މި ބޭފުޅުން މުޖުތަމައު ތެރެއަށް ދޫކޮށްލަން ދިވެހި ރައްޔިތުން ބޭނުންވާނެތޯ،؟" ރައީސްގެ އެ ސުވާލުފުޅާއެކު މާލަމުގައި އެއްވެ ތިބި ގިނަ ރައްޔިތުންތަކެއްވަނީ އެގޮތަށް އެމީހުން ދޫކޮށްލުމަކީ އެދޭ ގޮތެއް ނޫންކަން ހިއްސާކޮށްފައެވެ.
