ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ އެވޯޑު މިފަހަރު ވެސް ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު މި ފަހަރު ވެސް ރާއްޖެ ހޯދައިފި އެވެ. މިއީ މި އެވޯޑް ރާއްޖެ ހޯދި ހަވަނަ ފަހަރެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖޭން ވަނީ ޝަރަފުވެރި ދެ މަގާމެއް ވެސް ދިފާޢުކޮށްފަ އެވެ. އެގޮތުން، ވޯލްޑް ލީޑިން ޑެސްޓިނޭޝަން ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ހަވަނަ ފަހަރަށް ހާސިލްކުރުމުގެ އިތުރުން ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން، ނުވަތަ ދުނިޔޭގެ އެންމެ މަގުބޫލު ތިމާވެއްޓާ ރައްޓެހި މަންޒިލްގެ މަގާމު ދެވަނަ ފަހަރަށް ރާއްޖޭން ވަނީ ހޯދައިފަ އެވެ. މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ގާލާ ހަފްލާ ބާއްވާފައިވަނީ ބަޙްރެއިންގަ އެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސް އަކީ ދަތުރުފަަތުރާއި ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑެވެ. މި އެވޯޑުގައި ދުނިޔޭގެ ހުރިހާ ފަތުރުވެރި މަންޒިލްތަކެއް ވާދަކުރެ އެވެ. މި އެވޯޑު ކާމިޔާބު ކުރާ ފާރަތްތައް ހޮވަނީ މި ސިނާއަތުގެ ތަޖުރިބާކާރުންނާއި، މުޅި ދުނިޔެއަށް ހުޅުވާލެވިގެން އާންމުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ. މި އެވޯޑަކީ ފަތުރުވެރިކަމުގެ ފެންވަރު ވަޒަންކުރުމުގައި ދުނިޔޭގެ ގިނަ ފަރާތްތަކަކުން ބަލައިގަންނަ އެއް މިންގަނޑުކަން ފާހަގަކޮށްލެވެ އެވެ.

ރާއްޖެ އަށް ލިބިގެން މިދިޔަ ޝަރަފުވެރި ދެ އެވޯޑާއެކު، ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއަށް އޮތް އިތުބާރު ވަރުގަދަވެ، ރާއްޖެއަކީ މުޅި ދުނިޔޭގައި ބަލައިގަންނަ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަގު ވަނީ ފަހިވެފަ އެވެ.

ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑު ދެވަނަ އަހަރު ރާއްޖެއިން ކާމިޔާބު ކުރުމަކީ، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުމަށާއި، ތިމާވެށި ހިމާޔާތް ކުރުމަށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުން ކުރާ މަސައްކަތް ރަމްޒުކޮށްދީ އެ މަސައްކަތުގައި ދެމިތިބުމަށް އިތުރަށް ހިތްވަރު ލިބެގެންދާފަދަ ކާމިޔާބެކެެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *