ފްލައިދުބާއީގެ ބޯޓެއްގައި ދިވެހި ދެ ޕައިލެޓުން ރާއްޖެ އަށް

ޔޫއޭއީގެ ސަރުކާރުގެ އެއާލައިނެއް ކަމަށްވާ ފުލައިދުބާއީގެ ބޯޓެއްގައި ދިވެހި ދެ ޕައިލެޓުން ރާއްޖެ ދަތުރުކޮށް ތާރީޚުން ޖާގަ ހޯދައިފި އެވެ.

މިއީ ބައިނަލްއަގުވާމީ އެއާލައިނެއްގެ ބޯޓެއްގައި ދިވެހި ދެ ޕައިލެޓަކު ރާއްޖެ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އޭވިއޭޝަން ތާރީޚުގައި މި ތާރީޚީ ކާމިޔާބު ހާސިލްކޮށްފައި ވަނީ ކެޕްޓަން ޖިނާން ޝަރީފް އާއި ފަސްޓް އޮފިސަރު މުހައްމަދު ޝިނާޒް އެވެ. އެމީހުން ރާއްޖެ އައީ ފްލައިޓް އެފްޒެޑް1569 ގަ އެވެ. ދެ ޕައިލެޓުން ވެސް މިއަދު ވަނީ ރާއްޖެ އިން ފުރައިފަ އެވެ.

މިއީ ބައިނަލްއަގުވާމީ އޭވިއޭޝަން އިންޑަސްޓްރީގައި ދިވެހި ޕައިލެޓުން ފައިތިލަ ސާބިތުކުރަމުން އަންނަކަން ދައްކުވައިދޭ ކަމެކެވެ. އަދި އެއާލައިން އިންޑަސްޓްރީގައި ރާއްޖޭގެ ރޯލު ފުޅާވަމުން އަންނަކަން އަންގައިދޭ ކަމެއް ވެސް މެ އެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ އެއާލައިނެއްގެ ބޯޓެއްގެ ކޮކްޕިޓުގައި ދެ ދިވެހިން ތިބެ ދަތުރުކުރުމަކީ އޭވިއޭޝަން ކޮމިއުނިޓީގައި ދިވެހި ޕައިލެޓުންގެ ހުނަރުހުރިކަން ސާބިތުކޮށްދޭ ކަމެކެވެ.

ޖިނާން އާއި ޝިނާޒް ދުބާއީގެ ވަޒީފާ އަށް ބަދަލުވީ މޯލްޑިވިއަންގައި ޕައިލެޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު އެވެ. އެނގިފައިވާ ގޮތުގައި ދުބާއީގެ ވަރަށް ގިނަ އެއާލައިންތަކުގައި މިހާރު އަންނަނީ ދިވެހި ޕައިލެޓުން މަސައްކަތް ކުރަމުންނެވެ.

ދިވެހި ބައެއް ޕައިލެޓުން އަންނަނީ ބައިނަލްއަގުވާމީ އެއާލައިންތަކުގައި ކެޕްޓަންކަން ވެސް ކުރަމުންނެވެ. މީގެ ކުރިން ވެސް ދިވެހި ޕައިލެޓުން ކެޕްޓަންކަންކުރި ދުނިޔޭގެ ބޮޑެތި އެއާލައިންތަކުގެ ބޯޓުތައް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފަ އެވެ. ވެލާނާ އެއާޕޯޓުގެ ކޯޑްއެފް އާ ރަންވޭ ހުޅުވުމުގެ ގޮތުން އެއާޕޯޓަށް ޖެއްސި އިއްތިހާދު އެއާވޭޒްގެ އޭ380 މަތިންދާ ބޯޓުގެ ކެޕްޓަންކަން ކުރީ ވެސް ދިވެއްސެކެވެ. ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު އެ އަހަރު ވެލާނާ އެއާޕޯޓަށް ޖެއްސީ ޒުވާން ދިވެހި ޕައިލެޓް އަލީ އަހުސަނެވެ. ގަތަރު އެއާވޭސްގައި ވެސް އަންނަނީ ވަރަށް ތަޖުރިބާކާރު ދިވެހި ކެޕްޓަނެއް ކަމަށްވާ ތޮލްހަތު އަންވަރު މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *