ނުގަވާއިދުން ބިދޭސީން ހިންގަމުން އައި ދެ ވިޔަފާރިއެއް ހުއްޓުވައި އެއް ތަނަށް ނޯޓިސް ދީފި

ގަވާއިދާ ހިލާފަށް ރާއްޖޭގައި ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަނެ ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުން ފަށާފައިވާ މަސައްކަތުގެ ތެރެއިން އިއްޔެ ދެ ތަނެއް ބަންދުކޮށް، އިތުރު ތަނަކަށް ނޯޓިސް ދީފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ހިންގަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމަށް ހިންގާ އޮޕަރޭޝަނެކެވެ. އިއްޔެ މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ ނުވަ ތަނެއް ބަލައިފާސްކުރިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި، ބަލައިފާސްކުރި ތަންތަނުގެ ތެރެއިން ނުގަވާއިދުން ހިންގަމުން އައި ދެ ވިޔަފާރިއެއް ވަގުތުން ވަގުތަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ހުއްޓުވާފައެވެ. އަދި އިތުރު ތަނަކަށް އެ ވުޒާރާއިން ނޯޓިސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ހާމަކުރިއެވެ. މި އޮޕަރޭޝަނުގައި އިސްކޮށް ހަރަކާތްތެރިވަނީ މޯލްޑިވްސް އިމިގްރޭޝަނާއި އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއެވެ.

މި އޮޕަރޭޝަނުގެ ތެރެއިން އަންގާރަދުވަހުގެ ރޭވެސް ވަނީ މަސާޖު ޕާލާތަކަކަށް ރެއިޑުކޮށްފައެވެ. އެގޮތުން އެ ދުވަހު ހަތަރު މަސާޖު ޕާލާއެއް ބަލައިފާސްކޮށް، ގަވާއިދާ ހިލާފަށް ހަރަކާތްތެރިވި ހަތަރު މީހުން ހައްޔަރުކުރިއެވެ. މި ހަތަރު މަސާޖު ޕާލާ ހުއްޓުވުމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ނޯޓިސް ފޮނުވާފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *