ޙަޤީޤީ ޙާދިސާ: ދެމަފިރިންގެ ދެމެދަށްވަން ދެ އަންހެނުންނަށް ޖެހުނު ނިކަމެތި ޙާލު

3 ދަރިންގެ މަންމަ ބާޒާރަށް ގޮސްފައި އެނބުރިއައިރު ކަމަކުދާކަށް ނެތެވެ. ފިރިމީހާ ކޮޓަރީގައި އުޅެނީ ހިލޭ އަންހެނަކާއިއެކުގައެވެ. ކަންބޮޑުވީވަރުން މިތަނުގައި މިހިނގަނީ ކޮންކަމެއްތޯ ސުވާލުކުރުމުން ފިރިމީހާ ބުނީ "ބަދަލުވީ" ކަމަށެވެ. އެއަންހެން މީހާ ވީއުފަލުން އަތްތިލަބަޑި ޖަހާފައި ގޮސް ފިރިހެންމީހާ ގައިގައި އޮޅުލައިގަތެވެ. ދޮންދޭން ފެށިއެވެ. އަނބިމީހާ އަޅައިވެސް ނުލާ 3 ދަރިން ގޮވައިގެން ގެއިން ނުކުމެގެންދިއައީއެވެ.

އެއިގެ ދޮޅު އަހަރު ފަހެވެ. ބަދަލުވީމާ ގެއިން ނުކުންނަން ޖެހުނު އަންހެން މީހާ އަށް މަގުމަތިން އަނެއް އަންހެންމީހާ ފެނުނެވެ. ކޮނޑުމަތީގައި ކުޑަކުޑަ ދަރިއަކު ބާއްވައިގެން އަނެއް އަތުން ފޮށްޓެއް ހިފައިގެން މަގުމަތީގައި ހިނގަމުން ދަނިކޮށެވެ. ފަހަތުން ގޮސް އަރާހަމަކޮށްފައި ސުވާލުކޮށްލިއެވެ. "ޙާލަކީ ކޮބައިހެއްޔެވެ؟ މިފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟"

އޭނާ ވަރަށް ދެރަވެފައި ކިޔައިދިނެވެ. "އޭނާއަކީ ތަނަވަސް މީހަކަށްވެފައި އަހަރެންގެ ގާތުގައި ދެއްކި ވާހަކަތަކަށް ހެއްލެވުނީއެވެ. އެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަކޮށް މާފަށްވެސް އެދެމެވެ. އެގޮތަށް ކަންތައް ކުރެވުނީ އޭނާ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުންނެވެ. އަހަރެންނާއި އޭނާ ކައިވެނިކުރިއެވެ. ދަރިއަކު ލިބުނު ތަނާ މިވަނީ ހަމަކަލެއާއިމެދު ކަންތައްކުރި ގޮތަށް ކަންތައް ކޮށްފައެވެ. ގެއަށް ޒުވާން އަންހެނަކު ގެނެސްފައި ބުނީ ބަދަލުވީ ކަމަށެވެ. ހިތާމައަކީ އެހީތެރިވެދޭނެ މީހެއް، ގޮސްވަންނާނެ ތަނެއް އަހަރެންގެ ނެތީމައެވެ."

އަންހެންމީހާ ބުންޏެވެ. "ވަންނާނެ އެއްވެސް ތަނެއް ނެތް ނަމަ އަހަރެންނާއިއެކު އަންނާށެވެ!"

ދާން އެއްބަސްވުމުން ގޮވައިގެން ގޮސް ވެއްދީ ރީތި ބޮޑު ގެއަކަށެވެ. "މިއީ އަހަރެންގެ މިހާރުގެ ފިރިމީހާގެ ގެއެވެ. މިގެއަށް ބަދަލުވެވިދާނެއެވެ. ނަމަވެސް ކުރިއާލައި ބުނަމެވެ. ހުންނާނެ ކޮޓަރިއަކާއި މަހަކު 3000 ރުފިޔާ މުސާރަ ދޭނަމެވެ. ނަމަނަމަ އަަހަރެންގެ މި ފިރިމީހާ ބަދަލުކޮށްލަން ކިރިޔާ ކަމެއްކުރިކަން އެނގުނަސް ނިކަން ރަނގަޅަށް ބަދަލުކޮށްލައިދޭނަމެވެ. އަހަރެން ކަލެއަށް މާފުކޮށްފައި މިއެހީތެރިވަނީ ކަލެއަށްޓަކައެއް ނޫނެވެ. އަތުގައި ތިއައޮތް ތުއްތު ދަރިފުޅަށްޓަކައެވެ.

އެއިގެ 2 އަހަރުފަހެވެ. ލިބުނު މައުލޫމާތަކާއި ދެ އަންހެނުން ކުރީގެ ފިރިމީހާގެ ގެއަށް ދިއައެވެ. ބައްދަލުކުރަން ޖެހުނީ އުނގަނޑުން ތިރީގައި ވާގިނެތުމުން ފުރޮޅުލީ ގޮނޑިއެއްގައި އިން މީހަކާއެވެ. ކުރީގެ ދެއަނބިން އެކުގައި ފެނުމުން އޭނާ ދިއައީ ސިއްސައިގެންނެވެ. ހަމައަކަށް އެޅިލާފައި ކިޔައިދިނެވެ. އެކްސިޑެންޓެއްވަފައި ވާގިދިއައީއެވެ. އޭނާގެ ވާހަކަތައް އަޑުއަހައި ނިމިގެން ގެއިން ނުކުންނަމުން 2 އަންހެނުންވެސް ބުންޏެވެ. "ބަދަލުވީއެވެ."

އޭނާގެ މިހާރުގެ އަނބިމީހާއަށް އިޝާރާތްކޮށްފައި ބުންޏެވެ. "ތިޔަ ހާލަތުން ސަލާމަތްވެއްޖެނަމަ ކަލެއަށްވެސް ބުނާނެއެވެ. "ބަދަލުވީއެވެ!"

ކިޔުންތެރިންނޭވެ! މިވާހަކައިގައި ފުރަތަމަ ބަދަލުވާންޖެހުނީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއަށެވެ. އެބަދަލުވީ އޭނާއަށް ވަރަށް ހެޔޮ ބަދަލަކަށެވެ. ނުބައި ނުލަފާ ފިރިއެއްގެ ކިބައިން ސަލާމަތްވެ ހެޔޮލަފާ ތަޤްވާވެރި ފިރިއެއްގެ އުރުތެރެއަށް ވަންނަން ލިބުނު ފުރުޞަތަކަށެވެ. އުފަލުގައި ދިރިއުޅެލަން ލިބުނު ބަދަލަކަށެވެ.

ނުބައިބައި ކުޅުނު ދެ އަންހެނުންނަށް ޖެހުނު ޙާލަށް ބަލައިލާށެވެ! އެކަކަށް ވާން އެޖެހުނީ އޭނާ އަނިޔާދިން އަންހެންމީހާގެ ނޯކަރަކަށެވެ. ދެވަނަ އަނބިމީހާއަށް އަނިޔާވެރިވި މީހާއަށް ވާން އެޖެހުނީ ވާގިނެތުމުން ފިރިހެންކަން ގެއްލިފައިވާ މީހެއްގެ އަނތްބަކަށެވެ.

ވީމާ ބުނެލަން ބޭނުންވަނީ އެހެން މީހުންގެ ދިރިއުޅުމުގެ ތެރެއަށް ވަދެނުގަންނާށެވެ! އަންނަ ބަދަލު މާރަނގަޅެއް ނުވާނެއެވެ! ޢުމުރަށް ހިތާމަކުރަންޖެހޭފަދަ ބަދަލަކަށްވެސް ވެދާނެއެވެ.

 

– ނިޝާ /  ކިޔުންތެރިއެއް

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *