"ނޭޝަނަލް ޔޫތު ކޮންފަރެންސް 2025″ ފަށައިފި

"ނޭޝަނަލް ޔޫތު ކޮންފަރެންސް 2025″ މިއަދު ފަށައިފިއެވެ. އެކި ދާއިރާތަކުން ޒުވާނުން ހިމެނޭހެން ޒުވާނުންގެ ވެހި ނުވަތަ ޔޫތު ހަބްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ޒުވާނުންގެ ޤައުމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު އެވެ. މި ކޮންފަރެންސް ބާއްވަނީ ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެންނެވެ.

ޑިސެމްބަރު 22 އަދި 23 ވަނަ ދުވަހުގެ ނިޔަލަށް ޔޫތު ހަބްގައި ކުރިއަށްދާ ޒުވާނުންގެ ޤައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިއަހަރުގެ ޒުވާނުންގެ ޤައުމީ ކޮންފަރެންސްގައި އެކި ދާއިރާތަކަށް ނިސްބަތްވާ 93 ޒުވާނުން ބައިވެރިވެއެވެ. ކޮންފަރެންސްގައި ހަ މަޢުޟޫޢުއަކަށް ބަހާލައިގެން ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާހީމް ވަޙީދު ވިދާޅުވީ، މިއަދަކީ ދިގު މާޒީއަކަށްފަހު، ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރީ ބޯޑުން އިސްނަގައިގެން ޤައުމީ ފެންވަރެއްގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކަކުން ޒުވާނުން އައިސް ޒުވާނުންނަށް ގައުމުގައި ފާހަގަކުރެވޭ ކަންކަމަށް އެއްތަނެއްގައި ތިބެ މަޝްވަރާކޮށް ސައްލާކޮށްލުމަށް ފުރުސަތު ލިބިގެންދާ ދުވަސް ކަމަށެވެ.

ޒުވާނުންގެ ވުޒާރާއިން ބުނީ ކޮންފަރެންސްގެ އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލައި، އެކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އެކުލަވާލުމަށްޓަކައި ޒުވާނުންގެ ޚިޔާލާއި މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުން ކަމަށެވެ.

ޔޫތު ހަބް ހުޅުވުމަށް ފަހު ޒުވާނުންގެ ވުޒާރާއިން އަންނަނީ އެތަނުގައި ޒުވާނުންނާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *